ނައިބު ރައީސެއްގެ ގޮތުގައި ހުންނަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، އޭނާގެ އިތުބާރު ގެއްލޭނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ރަނިން މޭޓް, ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިން މޭޓަކަށް ހަމަޖެއްސެވީ އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމެވެ.
އެމްޑީޕީގެ ކެމްޕޭންގައި ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި އަސްލަމް ވަނީ އޭނާއަށް އިތުބާރު ކުރައްވައި ރަނިން މޭޓަކަށް ހަމަޖެއްސެވުމުން ރައީސަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެއާއެކު އޭނާގެ ފަރާތުން އިތުބާރު ގެއްލޭ ފަދަ އެއްވެސް އަމަލެއް ނުފެންނާނެ ކަމުގެ ޔަގީންކަން އެރުވި އެވެ.
"މިވަގުތު ވެސް ދަންނަވާލަން ބޭނުންވޭ. އަޅުގަނޑަށް ފުރިހަމައަށް އިތުބާރުކުރައްވާށޭ. އިހްލާސްތެރިކަމާއި ތެދުވެރިކަމާ މެދު ފުކެއް، ވެސް ފުކެއްގެ ޝައްކެއް އުފެދޭ މިންވަރު އަޅުގަނޑުގެ ފަރާތުން ފެނިގެން ނުދާނެއޭ," އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް އެނގިވަޑައިގަންނަވާތާ 30 އަހަރުވެއްޖެ އެވެ. އޭގެތެރެއިން 20 އަހަރަކީ އެކި މަރުހަލާތަކުގައި އެކުގައި މަސައްކަތް ކުރަން ފުރުސަތު ލިބިވަޑައިގަތް އަހަރުތަކެއް ކަމަށް ވިދާޅުވި އެވެ.
ރައީސް މަސައްކަތް ކުރައްވާ ގޮތާއި މިޒާޖު ވެސް އެނގިވަޑައިގަންނަވާ ކަމަށާއި ނިންމުންތައް ނިންމަވަނީ ހަރުދަނާކޮށް ކަމަށް ވިދާޅުވި އެވެ. ރައީސްގެ ކެތްތެރިކަމާއި މަޑުމައިތުރިކަމާއި ވިސްނުންތެރިކަމާއެކު ޑިސިޝަން ނެގުމަކީ ވަރަށް ކަމުދާ ސިފައެއްގެ ގޮތުގައި އަސްލަމް ސިފަކުރެއްވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި މި ފަސް އަހަރަކީ ކޮވިޑުގެ ދަތި އުނދަގޫތަކާ އެކު ވެސް އެންމެ ގިނަ މަޝްރޫއުތައް ހިނގި އަހަރެވެ. އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބަލާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އަޅާބަލާއިރު އެ ބޭފުޅުންގެ ތަޖުރިބާއަކީ ކޮބައިތޯ ސުވާލު އުފައްދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރަށް ނުވާނެ ކަމަށް ބުނި ކަންކަން ނިންމައި ދައްކަވަމުން ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް އަސްލަމް ވިދާޅުވި އެވެ.