ނ. ކެނދިކުޅުދޫގައި 30 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމަށް މިއަދު ބިންގާ އަޅައިފި އެވެ.
ކެނދިކުޅުދޫގައި އާ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ސަސް އީ ކޮންސްޓްރަކްޝަންއާ ހަވާލުކުރީ މިއަހަރުގެ ކުރީކޮޅު އެވެ.
މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި އެ ރަށުގައި އަޅާ އާ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވުމުގެ ގައުމީ އިނާމު ހޯއްދަވާފައިވާ ނ. އަތޮޅަށް އުފަން ހަކީމީ ބޭސްވެރިއެެއް ކަމަށްވާ ހަސަން ގާސިމާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަތެވެ. ނ. އަތޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ކެނދިކުޅުދޫގައި ސަރުކާރުން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިންމުން ފާހަގަކޮށްދެއްވައިފަ އެވެ. އޭގެތެރޭގައި ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑާއި، އިންޖީނުގެ އަދި ފެނަކަ އޮފީސް އިމާރާތުގެ މަޝްރޫއުގެ ނިންމުން ފާހަގަކުރުން ހިމެނެ އެވެ.
ކޮންޓްރްކެޓް ފައިނޭންސް އުސޫލުން ސަސް އީ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އަޅާ ހޮސްޕިޓަލާ އެކު އެކޮމޮޑޭޝަން އިމާރާތެއް ވެސް ހަދާނެ އެވެ. އެ މަޝްރޫއުއަށް ޖުމްލަ 193،895،234ރ. ހަރަދުވާއިރު، އެ މަސައްކަތަށް ހަރަދުކުރަނީ ބީއެމްއެލް އިން ދޫކުރާ ލޯނަކުންނެވެ.
ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 18 މަސް ދުވަހުން ނިންމާ ގޮތަށެވެ.