ރަށްރަށަށް ވަޑައިގެން ގިނަ ވައުދުތަކެއް ވަނީ އެ ކަންކަން ފުއްދޭނެތީ ކަމަށާއި އިތުރު ފަސް އަހަރު ލިބިވަޑައިގެންފި ނަމަ މުޅި ރާއްޖެ ބަދަލު ކޮށްލައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އއ. ތޮއްޑު އަށް މިއަދު ވަޑައިގެން ރައީސް ވިދާޅުވީ، މިހާތަނަށް ދަތުރުފުޅު ކުރެއްވި ކޮންމެ ރަށަކުން ވެސް ބޮޑު ބަދަލެއް ފެނިވަޑައިގެންނެވި ކަމަށެވެ.
"މިއިން ޒަމާނަކު ރާއްޖޭގެ ރަށްރަށް ތަރައްގީ ކުރުމަށްޓަކައި ނުކުރާ ވަރުގެ ބޮޑެތި މަޝްރޫއުތައް ހިނގަމުން މި ދަނީ. އަޅުގަނޑުމެން ވައުދު ވަނީ ވައުދު ފުއްދަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި މިހާތަނަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ބަދަލަކީ ލާމަރުކަޒު ކުރުމުގެ ވައުދެވެ. ރަށްރަށުގެ އަސާސީ ހިދުމަތްތައް ފޯރު ކޮށްދިނުމާއި ކައުންސިލްތަކާއި އަންހެނުން ބާރުވެރި ކުރުވުމާއި ރަށްރަށުގެ ތަރައްގީ އަށް އެ ރަށަކުން މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.
"އެ ރަށެއްގެ މަސަައްކަތް އެ ރަށަކުން އިންތިހާބު ކުރާ ބަޔަކު ލައްވާ ކުރުން. އިރާދަކުރެއްވިއްޔާ ބޮޑު ބަދަލެއް ގެނެވިއްޖެ،" ރައީސް ވިދާޅުވި އެވެ.
ތޮއްޑު އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ކައުންސިލުން ދޭން ނިންމާފައިވާ 100 ގޯތިގެ މައްސަލަ ކޯޓުގައި އަދިވެސް އޮތުމެވެ. ކޯޓުން އެ މައްސަލަ ނިމުނުހާ އަވަހަކަށް އެކަން ފުއްދޭނެ ކަމަށާއި އިތުރު 200 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ސަތޭކަ ގޯތީގެ މައްސަލަ ނިމުމާ އެކީ އިތުރު ގޯއްޗަށް އިއުލާން ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ތޮއްޑޫ އަށް ރައީސްގެ ވައުދުތައް:
- ސޯޝަލް ސެންޓަރެއް އިމާރާތްކުރުން.
- އާ ކައުންސިލް އިދާރާއެއް އިމާރާތްކުރުން.
- މިސްކިތެއް ބިނާ ކުރުން.
- ލައިބްރަރީ އާއި ސައިންސް ލެބް ސްކޫލަށް އިތުރު ހަ ކްލާސް ރޫމް ހެދުން.
- މަލްޓި ފެސިލިޓީ ޕާކެއް ހެދުން.
- އިތުރު 200 ގޯތި ދިނުން
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ހުރިހާ ކެންޑިޑޭޓުން ވެސް އެކި ވައުދުތައް ވާނެ ކަމަށެވެ. ނަމަވެސް ރައްޔިތުން ވިސްނަންވީ ކުރިން އޮތް އަނިޔާވެރިކަމަށް ނުވަތަ ތަރައްގީއާ އެކު ކުރިޔަށް ދިއުންތޯ ކަމަށް ރައީސް ވިދާޅުވި އެވެ.