ޚަބަރު / ރިޔާސީ އިންތިޚާބު 2023

މަސްވެރިންނާއި ދަނޑުވެރިންގެ އުދާސްތައް ޖޭޕީގެ ވެރިކަމެއްގައި ހައްލުވާނެ ކަމުގެ ޔަގީންކަން

ދިވެހި މަސްވެރިންނާއި ދަނޑުވެރިންގެ ހުރި ޒަމާންވީ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ހައްލު ލިބޭނެ ގޮތަށް މެނިފެސްޓޯގައި ހިމަނައިފި އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ނުކުންނަވާފައިވާ ގާސިމްގެ މެނިފެސްޓޯގައި ހިމެނޭ "ސިނާއަތްތަކާއި ވިޔަފާރީގެ ނަފާ ފަރުދުންގެ ޖީބަށް" ސިޔާސަތުގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމަށް ޖޭޕީގެ ސަރުކާރެއްގައި ގެންގުޅޭނެ ތަސައްވަރުގެ މައުލޫމާތު ހިއްސާކުރަން ރޭ ބޭއްވި ފޯރަމެއްގައި ގާސިމްގެ އެޑްވައިޒަރު އަދި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަމަކީ ކުރީގެ ސަރުކާރުތަކުން ވަރަށް ބޮޑު އިހުމާލުވެފައިވާ ދެ ސިނާއަތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޖޭޕީގެ މެނިފެސްޓޯ އެކުލަވާލުމަށްޓަކައި މަސްވެރިންނާއި ދަނޑުވެރިންގެ ހިތްތަކުގައި ހުރި އުދާސްތައް އަޑުއެހި ކަމަށާއި އެ ކަންކަމުގެ ވަށައިޖެހޭ ހައްލުތައް ހިމަނާފައިވާނެ އެވެ.

"ނުފުއްދޭ ވައުދެއް އަޅުގަނޑުމެންގެ ނުހުންނާނެ،" މުޣުނީ ވިދާޅުވި އެވެ.

އެ ފޯރަމްގައި ވާހަކަ ދައްކަވަމުން ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ވަކިކުރުމުގެ ތެރެއިން ދެކުނުގެ ސަރަހައްދުގެ ބޮޑު ބައެއް ގެއްލިގެން ދިޔުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ދިވެހި މަސްވެރިންނަށް ކަމަށެވެ.

"މަސްވެރިކަން ދިރުވުން" ގެ މުހިންމު ބައެއް ބައިތައް

- މިފްކޯގެ ޝެއާ އަމިއްލަ ފަރާތްތަކަށް ވިއްކުން.

- ކަޅުބިލަމަހުގެ ދޯނިފަހަރުގައި ލޮނު ފެނުން މަސްފިނިކުރާ ނިޒާމު ގާއިމުކުރަން ލުއި ލޯނު.

- އުތުރާއި ދެކުނުގައި އިތުރު ދެ ކޭނެރީ ގާއިމުކުރުން.

- 100 މޭލުން ބޭރުގައި މަސްވެރިކަން ކުރަން ފިފްތު ޖެނެރޭޝަން 50 އުޅަނދު ބަނދެ އަގު ހެޔޮކޮށް ވިއްކުން.

- ދިވެހި މަހުގެ އުފެއްދުންތައް ބޭރުގައި އިޝްތިހާރު ކުރަން "ފިޝަރީޒް ޕްރޮމޯޝަން ބޯޑު" އުފެއްދުން.

- ހަތް ސަރަހައްދެއްގައި އެކުއާ ކަލްޗާގެ ޕްރޮޖެކްޓުތަކެއް ހިންގުން.

ޝައިނީ ވިދާޅުވި ގޮތުގައި، ޗާގޯސް ވަށައިގެން އޮތް ކަނޑުގެ ސަރަހައްދަކީ ހިމާޔަތްކޮށްފައި އޮތް ސަރަހައްދަކަށް ވާއިރު، އެކަން މޮރިޝަސް އިން އުވާލައިފި ނަމަ އެ ސަރަހައްދުގައި ދާ އަޅައިގެން މަސްވެރިކަން ފަށައި، މަސް އާލާވުމަށް ވަރަށް ބޮޑަށް ހުރަސްއެޅޭނެ އެވެ.

"އިމުން ގެއްލިގެން ދިޔަ އެއްޗަކީ މަސްވެރިންނަށް ވަރަށް ބޮޑު ގެއްލުމެއް،" ޝައިނީ ވިދާޅުވި އެވެ.

އެކަމާ ގުޅުވައި ޖޭޕީގެ ކައުންސިލް މެމްބަރު އަލީ އާދިލް ވިދާޅުވީ، ދެކުނު މަސްކަނޑުން ބައެއް ގެއްލުމަކީ ފޫނުބުއްދޭ ވަރުގެ ގެއްލުމެއް ކަން ހުރިހާ މަސްވެރިން ވެސް ފާހަގަކުރަމުންދާ ކަމަށެވެ.

އެކަމަށްޓަކައި، ޖޭޕީ ވެރިކަމެއްގައި އެންމެ ފުރަތަމަ ކަމަކަށް، އިޓްލޮސްގެ ނިންމުން ބަދަލުކޮށް، ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދަން ފަށާނެ ކަމުގެ ވައުދު އާދިލް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މަސްވެރިންގެ ހުރީ މަހަށް ހަމައަގު ނުލިބުމާއި މަސް ނުކިރޭ މައްސަލަ އާއި އައިސް ނުލިބުމުގެ ޝަކުވާ އެވެ.

އޭނާ ވިދާޅުވީ މަސްވެރިކަމަކީ ސީޒަނަލް މަސައްކަތަކަށްވާއިރު، މަސްވެރިން ބާނާ މަސްކޮޅު ނުކިރި، ހަމަ އަގު ނުލިބުމަކީ މުޅި އަހަރު ދުވަހު އުފުލަންޖެހޭ ތަކުލީފެއް ކަމަށެވެ.

"ބޭނޭ މަސްކޮޅު ގަނެފިއްޔާ ވަރަށް ބޮޑު ފައިދާއެއް މަސްވެރި އާއިލާތަކަށް ލިބިގެން އެ ދަނީ،" އާދިލް ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް މި ދެ ސިނާއަތަށް ރަނގަޅު ހައްލުތަކެއް ގެންނަން ވިސްނައި ފަށާ މަސައްކަތެއް ވިދިގެން އަންނަ ސަރުކާރުން ކުރިއަށް ނުގެންދާ ކަމަށެވެ. ރާއްޖޭގައި މަސްވެރިކަމާއި ދަނޑުވެރިކަމުގައި ހުރި މައްސަލަތައް ހައްލުނުވެ އޮތީ އެ ސަބަބާ ހެދި ކަމަށް ވިދާޅުވި އެވެ.

އެކަމަކު ޖޭޕީގެ މެނިފެސްޓޯ އެކުލަވާލާފައިވަނީ އޭނާ ވިދާޅުވި ގޮތުގައި މިހާރު ކޮށްފައިހުރި ރަނގަޅު ކަންތައްތައް ވެސް ހިމަނައިގެން، އެކަންކަން އިތުރަށް ފުރިހަމަކޮށް، މި ދެ ސިނާއަތަށް ވެސް ވަށައިޖެހޭ ހައްލުތަކެއް ލިބޭ ގޮތަށެވެ.

ޝައިނީ ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަމުގައި ވެސް ގާސިމަކީ އަމިއްލަ މަސައްކަތް ކުރައްވައި ބޭފުޅެއް ކަމުން، މަސްވެރިންނާއި ދަނޑުވެރިންގެ އިހުސާސްތަކާއި އުދާސްތައް އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"މަސްވެރިންނާއި ދަނޑުވެރިންނަށް ވާ ގެއްލުމަކީ އެ ބޭފުޅާއަށް ވެސް ވާ ގެއްލުމެއް،" އޭނާ ވިދާޅުވި އެވެ.

"ދަނޑުވެރިކަން ފުޅާކުރުން" ގެ މުހިންމު ބައެއް ބައިތައް

- ދަނޑުވެރިންނަށް 200 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ތައާރަފްކުރުން.

- ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖެއަށް ބޭނުންވާ މިންވަރަށް މޭވާ، ތަރުކާރީ އަދި ފަލަމަޑީގެ ބާވަތްތައް ހައްދާ ގައުމަކަށް ހެދުން.

- ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން މަސައްކަތް ނުފެށި ހުރި 58 ރަށެއްގައި މަސައްކަތް ފެށުން.

- އެގްރިކަލްޗާ ކޮލެޖެއް ގާއިމުކުރުން.

- ހައިޑްރޯފޯނިކްސް ދަނޑުވެރިކަން ފުޅާކޮށް ވާޓިކަލް ގާޑަނިންގެ ގްރީންހައުސް ގާއިމުކުރުން.

- ނެޝަނަލް ސީޑް ބޭންކެއް ގާއިމުކުރުން.

ޝައިނީ ވިދާޅުވީ ގާސިމްގެ އެންމެ ބޮޑު ވައުދަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކުރުން ކަމަށް ވާއިރު، ބޭރުގެ ނުފޫޒު ކުޑަކުރުމަށްޓަކައި ކާބޯތަކެތީގެ ރައްކާތެރިކަން ދިވެހިން އަމިއްލަ އަށް ހޯދަންޖެހޭ ކަމަށެވެ.

އެކަން ޔަގީން ކުރުމަށްޓަކައި ރާއްޖެ އަށް ބޭނުންވާ ވަރަށް މޭވާ އާއި ތަރުކާރީ އަދި ފަލަމަޑީގެ ބާވަތްތައް ހެއްދުމާއި ދަނޑުވެރިކަން ފުޅާކުރަން ތައާރަފު ކުރަން ރާވާފައިވާ 200 މިލިއަން ރުފިޔާގެ ލޯނު ސްކީމުގެ ސަބަބުން ދަނޑުވެރިންނަށް ވަރަށް ބޮޑު ފައިދާތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބަށް ގާސިމް އިއުލާން ކުރައްވާފައިވަނީ ރާއްޖޭގެ ދަރަނީ ނިސްބަތާ އެކު ހިންގުމުގެ ހަރަދު ކުޑަކޮށް، އުފެއްދުތެރިކަން އިތުރުކުރުމާ އެކު ގައުމުގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ލިބޭ މެނިފެސްޓޯ އެކެވެ.

މައިގަނޑު 15 ދާއިރާއަކަށް ބަހާލާފައިވާ މެނިފެސްޓޯ އަކީ ރާއްޖެ ތަހުޒީބުގެ އާ މަންޒިލަކަށް ގެންގޮސްދޭނެ މަގު ކަމަށް ޖޭޕީން ބުންޏެވެ. އެ މަގަށް ގެންގޮސްދިނުމުގެ ގާބިލުކަމާއި ތަޖުރިބާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ހޯއްދަވާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

4 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޫހި

17 August 2023

ފްލެޓްތަކުގެ ވެރިން މިފަހަރު ގާސިމް ހޮވަންވީ. އެއީ ފްލެޓްތައް ފްރީވާނެތީ. ގައުމާމެދު ވިސްނާއެކަކުވެސް ނެތް އެހެންނަމަ އެތައް މިލިއަން ރުފިޔާއެއްގެ ބިން ހިލޭނުދޭނެ.

The name is already taken The name is available. Register?

ބޯނެތް ޕްރިންސިޕަލު

17 August 2023

މިއަޑުވެސް އިބަ އަހަން އެބަޖެހޭ. ވިލާއިން 80000 ހަރަދުކޮށްގެން ސްކޫލް މެނޭޖްމަންޓް ހެދީ. ރަށުން ބޭރު ސުކޫލަކާ ހަވާލުވާން އެދުނީ ސީދާ މިނިސްޓްރީގެ ވެރިއެއް. ޢިޖާބަ ދިނިން. ރަށުންބޭރުގަ ހުންނަނީ 3000 މަހު ކުލި، 1000 ޔުޓިލިޓީސް 4000 ކެއުމަށް ހަރަދުކޮށްގެން. ސަރުކާރުން ރަަށުންބޭރު އެލަވަންސްދޭތީ. އެކަމަކު އާފްރޭމްވޯކާއެކު 9000 ގެ އެލަވަންސް ކަނޑާލީ. ދެންކިޔަނީ މުސާރައިގަ ހިމެނިފަޔޯ. ވީއިރު ރަށުގެ އުޅެ ޕްރިންސިޕަލުންނަށް އެ އަލިބެނީކިހިނެއް؟

The name is already taken The name is available. Register?

ނަރުބަކުރު

17 August 2023

ހަމަ އެގޮތަށް ސިއްހީ ދާއިރާވެސް. މުސާރަ ބޮޑު ކުރީއޭ ކިޔާފަ ސްޕެޝަލިސްޓަކަށްވެސް ބޭސިކު މުސާރަ ގޮތުގައި އިނީ 29000 ގެޒެޓްގައި އިން އިއުލާނެއްގަ

The name is already taken The name is available. Register?

ގުދުގުދުލީބެއްޔާގެ ތެދުބަސް

17 August 2023

އަނެއްކާ މަސްވެރިންނަށް ބޮޔަސްނުބޮޔަސް ވައުދުނުވާތި. އެކަމުގެ ބާނީ ވަހީދާއެކު ތިޕާޓީއަށް ވަދެ އެހުރީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454