ނޫސްވެރިކަމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި، އައިޝަތު އާނިޔާ ކެންސަރު ބަލީގައި މިއަދު ނިޔާވެއްޖެ އެވެ.
މިނިވަން ނޫހާއި މިނިވަން ރޭޑިއޯ ހިންގުމުގައި ގިނަ އަހަރުތަކެއް ވަންދެން އުޅުނު އާނިޔާ ބަލިވެ އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އޭނާ ނިޔާވިއިރު ދިޔައީ ކެންސަރުގެ އެންމެ ފަހުގެ ސްޓޭޖަށް ފަރުވާ ހޯދަމުންނެވެ.
ސިޔާސީ މަސްރަހު އެންމެ ހޫނުވި ދުވަސްވަރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހައްގުތައް ހޯދުމަށް ބޭއްވި އެއްވުންތަކުގައި ވެސް އާނިޔާ ހައްޔަރުކުރި އެވެ.
އޭނާ ވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކޮށްފަ އެވެ. އޭގެ ފަހުން، އެ ޕާޓީގެ އެތެރޭގެ ބައެއް އިންތިހާބުގައި ވާދަކޮށްފައިވެ އެވެ.