ރާއްޖޭގައި އުފެދުނު އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިންގެ ތެރޭ ހިމެނޭ އިބްރާހީމް އާދިލް (ކޮއްކޮ) ކެންސަރު ބަލީގައި މިއަދު ހަވީރު ނިޔާވެއްޖެ އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން އާދިލް އައީ އެ ބަލީގެ ވޭން ތަހައްމަލު ކުރަމުންނެވެ. އުމުރުން 48 އަހަރުގެ އާދިލް ނިޔާވީ އޭނާގެ ހާލަތު މި ފަހުން ވަރަށް ބޮޑަށް ދަށްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން ނެރުނު ތައުޒިޔާގެ މެސެޖުގައި ބުނީ، އާދިލަކީ ރާއްޖޭގެ ވޮލީބޯޅައިގައި ޒަމާނީ ފެށުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެއް ކަމަށާއި މިހާރު އެ ކުޅިވަރު އޮތް ހިސާބަށް ގެނައުމުގައި އޭނާގެ ހިއްސާ ބޮޑު ކަމަށެވެ.

އާދިލަކީ ވޮލީބޯޅަ ކޯޓުގައި ކޯޗުން އެންމެ އިތުބާރުކުރި އެއް ސެންޓަ ބްލޮކަރެވެ. އޭނާ ފާހަގަކުރެވެނީ ހަލުވި، އަދި ހަރަކާތް އަވަސް ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

އާދިލް ވަނީ ހަވީރު ސްޕޯޓްސް އެވޯޑްސްގައި ވެސް ކާމިޔާބީ ހާސިލްކޮށްފަ އެވެ.

ގައުމީ ވޮލީބޯޅަ ޓީމަށް ވެސް ގިނަ އަހަރުތަކެއްގައި ކުޅުނު އާދިލް ވަނީ ރާއްޖޭގެ ބޮޑެތި ކްލަބްތަކާ އެކު ވެސް ކާމިޔާބީ ހޯދައިފަ އެވެ. އެގޮތުން ވިކްޓްރީ، ނިއު ރޭޑިއަންޓް އަދި އައްޑޫ ހިޒް ކްލަބަށް ވެސް ކުޅުނެވެ. އަދި ރިސޯޓް މުބާރާތުގައި ވެސް ވަރަށް ގިނަ ޓީމުތަކާ އެކު ކާމިޔާބީ ހޯދި އެވެ.

ފަހުން އޭނާ ވަނީ ބީޗްވޮލީބޯޅަ ވެސް ކުޅެފަ އެވެ. އެގޮތުން 2019 ވަނަ އަހަރު މޯލްޑިވްސް ވޮލީބޯލް ވެޓްރަންސް (އެމްވީވީ) އިން އިންތިޒާމު ކޮށްގެން ބޭއްވި ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ބީޗް ވޮލީބޯލް މުބާރާތުގައި އޭނާ ވަނީ ރާއްޖެ ތަމްސީލްކޮށްފަ އެވެ.

އާދިލްގެ ބޭބެ އަހުމަދު އަދީލް (ބޭބެ) އަކީ ވެސް ކުރީގެ ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިއެކެވެ.