ނޫސްވެރިއެއްގެ ގޮތުގައި ކޮންމެ މީހަކަށް ވެސް މަސައްކަތްކުރެވޭނެ ފުރުސަތު ފަހިކޮށްދޭ "އައިރިޕޯޓާ" ޕްލެޓްފޯމް "މިހާރު" އިން ލޯންޗުކޮށްފި އެވެ.
"މިހާރު" ގައި ޝާއިއުކުރާ ހަބަރުތަކުގެ ބޭރުން، ކިޔުންތެރިންނަށް ވެސް ނިއުސް ކަވަރޭޖްތަކުގައި ބައިވެރިވުމާއި ދިމާވާ އެކި ކަންކަން އެހެން މީހުންނާ ހިއްސާކުރެވޭ މި ޕްލެޓްފޯމްގެ މެންބަރަކަށް ވުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެ އެވެ.
އައިރިޕޯޓާ އަށް ސައިންއަޕްވެގެން، ކުރު ލިޔުންތަކާއި ފޮޓޯ އަދި ވީޑިއޯ "މިހާރު" ގެ އޯޑިއަންސާ ހިއްސާކުރެވޭނެ އެވެ.
"މިހާރު ނޫސްވެރިކަމަކީ އެންމެންގެ ބައިވެރިވުމާ އެކު ކުރާ ކަމެއް. އާންމުންގެ ބައިވެރިވުން ބޮޑުވުން މުހިންމީ ވެސް. މިއީ އެކި ކަންކޮޅުތަކުން ހަބަރާއި މައުލޫމާތު ލިޔުމާއި ފޮޓޯ އަދި ވީޑިއޯގެ ގޮތުގައި އެންމެންނާ ހިއްސާކޮށްލަން ވަރަށް މުހިންމު ޕްލެޓްފޯމަކަށް ވާނެ ކަމަށް އުންމީދުކުރަނީ،" މިހާރު އައިރިޕޯޓާސް ޓީމުގެ އޮފިޝަލަކު ވިދާޅުވި އެވެ.
"އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް މި ލޯންޗުކުރި އެއް ސަބަބަކީ މިއީ ރާއްޖޭގައި ވަރަށް ގިނަ ކަންކަން ހިނގާ ދުވަސްވަރަކަށް ވާތީ، އެ ކަންކަން އެހެން މީހުންނަށް ބުނެދިނުމުގެ ފުރުސަތު ވީހާ ވެސް ގިނަ ބަޔަކަށް ދިނުން. އުންމީދުކުރަނީ އިލެކްޝަން ކަވަރޭޖްގައި ވެސް މިއީ މުހިންމު ޕްލެޓްފޯމަކަށް ވާނެ ކަމަށް."
"އެއްވެސް ކަމެއް އާންމުންނާ ހަމައަށް ގެނެސްދެވޭނެ ގޮތެއް ނެތިގެން މިހާރު ތިބޭނެ ކަމެއް ނެތް. އަމިއްލަ އަށް އެކަން ކުރެވޭނެ މަގު މިހާރު މި ފަހިވީ."
އައިރިޕޯޓާސް ޓީމުން ބުނި ގޮތުގައި މި ޕްލެޓްފޯމަކީ ރަށްރަށުގައި ހިނގާ އެކި ކަންކަމާއި ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކާއި އެކި އިދާރާތަކުން ވެސް އެ ތަންތަނުގެ ހަރަކާތްތަކުގެ ވާހަކަ އާންމުންނާ ހިއްސާކުރުމަށް ބޭނުންކުރެވިދާނެ ޕްލެޓްފޯމެކެވެ.
"މިހާރު ކިތަންމެ ކުޑަ ކަމެއްގެ ވާހަކަ ވެސް ބޮޑު އޯޑިއަންސަކާ ހަބަރެއް ގޮތަށް ހިއްސާކޮށްލެވޭނެ. ފޮޓޯތަކާއި ވީޑިއޯތައް ވެސް ހިމެނޭނެ. ރަސްމީ އިދާރާތަކާއި އަމިއްލަ އޮފީސް ފަދަ ތަންތަނުން ވެސް މި ޕްލެޓްފޯމް ބޭނުންކުރަން މީގައި ރަޖިސްޓްރީ ވެވޭނެ."
އައިރިޕޯޓާސްގެ ޕޯސްޓުތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް ޝެއާ ކުރެވޭނެ އެވެ. އެހެންވެ ކޮންމެ އައިރިޕޯޓާ އަކަށް ވެސް އެ މީހެއްގެ ޕޯސްޓުތައް ވަކިން އަމިއްލަ އެކައުންޓުތަކުގައި ވެސް ޝެއާކުރެވޭނެ އެވެ. މީގެ އިތުރުން "މިހާރު" ގެ ވެބްސައިޓުގެ ހޯމްޕޭޖުން ވެސް ފަހުގެ އަދި މަގުބޫލު ޕޯސްޓުތައް ފެންނަން ހުންނާނެ އެވެ.
އައިރިޕޯޓަރަކަށް ވުމަށް ސައިންއަޕްވުމުން، ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އެ މީހަކަށް އެ ޕްލެޓްފޯމްގެ އެކްސެސް ލިބޭނެ އެވެ.
މި ޕްލެޓްފޯމް ބޭނުންކުރަންވީ ގޮތުގެ އިތުރު މައުލޫމާތާއި އެ ކަމުގައި ކުރިއަށްދާންވީ ގޮތުގެ ލަފާ "މިހާރު" އައިރިޕޯޓާސް ޓީމުން ދޭނެ އެވެ.