ކުޑަކުއްޖަކަށް ޚަރަދު ދޭން ކޮށްފައިވާ ހުކުމެއް ތަންފީޒުކުރަން މެޖިސްޓްރޭޓް ކޯޓަކުން ދެކޮޅު ހެދުމުން، އެ ހުކުމް ތަންފީޒު ކުރަން ސުޕްރީމް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
ކުޑަކުއްޖެއްގެ ޚަރަދު ކޮންމެ މަހަކު ގދ. ގައްދޫ ކޯޓަށް ދައްކަން އެ ކުއްޖާގެ ބައްޕަގެ މައްޗަށް އެ ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރަން އެ ކޯޓަށް ސުޕްރީމް ކޯޓުން އެންގީ އެ ހުކުމް ތަންފީޒު ކުރެވެން ނެތް ކަމަށް ގައްދޫ ކޯޓުން ނިންމުމުން އެ ކުއްޖާގެ މަންމަގެ ފަރާތުން އެކަން ސުޕްރީމް ކޯޓުގެ ސަމާލު ކަމަށް ގެނައުމުންނެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައިވަނީ އެ ހުކުމް ތަންފީޒު ކުރެވެން ނެތް ކަމަށް ގައްދޫ ކޯޓުން ފާހަގަކުރި ސަބަބުތަކަކީ އެކަށީގެންވާ ސަބަބުތަކެއްް ނޫން ކަމަށާއި ގައްދޫ ކޯޓުގެ އެ ނިންމުން ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމް ތަންފީޒު ކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އެ ހުކުމް ތަންފީޒު ކުރެވެމުންދާ ކަން 48 ގަޑިއިރުގެ ތެރޭގައި ސުޕްރީމް ކޯޓަށް އެންގުމަށް ވެސް އެ އަމުރުގައި އަންގާފައިވެ އެވެ.
އެ ކުއްޖާގެ ޚަރަދު ދޭން ގައްދޫ ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.