ޕާޓީގެ ފެހި ޓީޝާޓުގައި، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަަށް މަރުހަބާ ކިޔަން ނުކުތް ގިނަ މީހުންނަކީ އެ ޕާޓީގެ މީހުން ނޫން ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
އަންނަ މަހު ބާއްވާ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު، ފުވައްމުލަކަށް އިއްޔެ ވަޑައިގެންނެވިއިރު، އޭނައަށް މަރުހަބާ ކިޔަން އަދާލަތު ޕާޓީގެ ޓީޝާޓް ލައިގެން 13 ވަރަކަށް ފިރިހެނުން ސަފުގައި ތިއްބެވެ. އެ ތަނުން ވާހަކަދެއްކި މީހަކު ބުނީ، މުއިއްޒަށް މަރުހަބާ ކިޔަން ނުކުތް މީހުން އަދިވެސް ތިބީ އަދާލަތު ޕާޓީގައި ކަމަށެވެ. އެކަމަކު އަދާލަތުން ބުނީ އެތަނުގައި ތިބި ނުވަ މީހުންނަކީ އެ ޕާޓީގެ މެންބަރުން ނޫން ކަމަށެވެ.
މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ބުނީ މުއިއްޒަށް މަރުހަބާ ކިޔަން އެ ޕާޓީގެ ގިނަ ބަޔަކު ބައިވެރިވި ކަމަށް ބުނަނީ "މުއިއްޒަށް ތާއިދުނެތި އުފެދޭ މާޔޫސްކަމުގައި ޕީއެންސީން ކުރާ ޑެސްޕަރޭޓް ކެމްޕޭނެއްގެ ގޮތުގައި" ކަމަށެވެ.
އެކަމަކީ، އަދާލަތު ޕާޓީގެ ތާއިދު މުއިއްޒަށް އޮތް ކަމަށް ދައްކަން ޕާޓީގެ ކުލަ ބޭނުންކޮށްގެން ހިންގާ ސްކޭމެއް ކަމަށް ވެސް ބުންޏެވެ.
މުއިއްޒަށް ތާއީދުކުރަން ނުކުން އަދާލަތުގެ 13 މީހުން ކަމަށް ބުނާ މީހުންގެ ފޮޓޯ، އެ މީހުންގެ ފުރިހަމަ ނަމާއި އެޑްރެހާ އެކު އަދާލަތުން ވަނީ އާންމުކޮށްފަ އެވެ.
އަދާލަތު ޕާޓީގެ ކުލައިގެ ޓީޝާޓުގައި ތިބި ބަޔަކު މުއިއްޒަށް މަރުހަބާ ކީ އިރު، އޭނާގެ ސިޔާސީ ހަޔާތް ވެސް ފެއްޓެވީ އެ ޕާޓީންނެވެ. ނަމަވެސް، ފަހުން އެމްޑީއޭއަށް ގުޅިވަޑައިގެންނެވި އެވެ. ޕީޕީއެމަށް ސޮއިކުރެއްވީ އޭގެ ފަހުންނެވެ.