ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި ބައެއް ކަންކަން ނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސަރުކާރަށް އަންގައިފި އެވެ.
އެ ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ވެރިކަން ހިންގުމަށް އާ ސަރުކާރަކުން ހަވާލުވުމުގެ ވަގުތު ކައިރިވަމުންދާ މި ދަނޑިވަޅުގައި ބައެއް ފަރާތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުއްލި ކަންތައްތަކެއް ކުރަން ނިންމާފައިވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އެހެންވެ، ދައުލަތާއި އިދާރާތަކާއި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފަސް ކަމަކަށް އިސްކަން ދިނުމަށް އެ ކޮމިޝަނުން އެދުނެވެ. އެއީ:
- މުޅިން އާ ޕްރޮޖެކްޓްތައް ނުފެށުން.
- ހަރަދުތަކުގައި ކޮރަޕްޝަނަށް މަގުފަހި ވެދާނެ ގޮތަކަށް އަމަލު ނުކުރުމަށާއި ކުރަންޖެހޭ ހަރަދުތައް ފިޔަވައި އަލަށް ކަންކަން ނިންމައިގެން ހަރަދު ނުކުރުން.
- ކުރިން ބަޖެޓް ކޮށްފައިނުވާ ނުވަތަ ޕްލޭން ކޮށްފައި ނުވާ އާ އެއްބަސްވުންތަކުގައި ސޮއިނުކުރުން.
- ނިންމާ ނިންމުމެއްގެ ސަބަބުން ކޮރަޕްޝަންގެ އަމަލަކަށް މަގުފަހި ވާނެ ގޮތަކަށް ކަމެއް މެދުވެރިވެދާނެ އިހުތިމާލު އޮންނަ ނަމަ އެ ފަދަ ނިންމުންތައް ނުނިންމުން.
- ލިޔެކިޔުން ރައްކާތެރިކަމާ އެކު ބެލެހެއްޓުމާ އެކު، ފައިސާ އާއި ވިޔަފާރީގެ މުއާމަލާތްތަކާ ގުޅުން ހުރި އެއްވެސް ލިޔެކިޔުމެއް ނައްތައި ނުލުން.
އޭސީސީން ވަނީ އެ ފަދަ އަމަލެއް ހިންގާ ކަމުގެ މައުލޫމާތެއް ލިބިއްޖެ ނަމަ އެ ކޮމިޝަނަށް ހިއްސާކުރަން އެދިފަ އެވެ.
"ކޮމިޝަނުން ގެންދަނީ އެފަދަ ކަންކަމަށް ފާރަވެރިވެ، ތަހުގީގު ކުރަންޖެހޭ ކަންކަން ދެނެގަނެ ފިޔަވަޅު އަޅަމުންނެވެ. އަދި ކޮމިޝަނުން އެފަދަ އަމަލުތައް ހުއްޓުވައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް މި ފުރުސަތުގައި އަރުވަމެވެ،" ބަޔާނުގައި ބުންޏެވެ.