ލާމަރުކަޒީ ގާނޫނުން ރައީސަށް ލިބިވަޑަައިގަންނަވާ ބާރުގެ ދަށުން ގދ. ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަަވައިފި އެވެ.
ރައީސް އެކަން އިއުލާންކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެމްޕެއިނަށް ގދ. ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގަ އެވެ.
"މިއަދު ރޫހު ވަނީ މި ފެންމީރު ތިނަދޫ ސިޓީއާ އެކީގައި. އާދެ ތިނަދޫ އަކީ ރާއްޖޭގައި ގާއިމްކުރެވުނު ފަސްވަނަ ސިޓީ. މަރުހަބާ ތިނަދޫ ސިޓީ،" ރައީސް ވިދާޅުވި އެވެ.
ތިނަދުއަށް މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަޑައިގެން ރައީސް ވިދާޅުވެފައި ވަނީ އެމަނިކުފާނު އެ ރަށަށް ދެން ވަޑައިގަންނަވާނީ ތިނަދު އަށް ސިޓީއެއްގެ ދަަރަޖަ ދޭ ރަސްމިއްޔާތަށް ކަަމަށެވެ.
ރައީސް ވިދާޅުވީ ތިނަދޫ ކައުންސިލުގެ ފަރާތުން މި ރަށަށް ސިޓީއަކަށް ހެދުމަށްޓަކައި މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އޮގަސްޓް މަހު ވެސް އެލްޖީއޭ އަށް އެކަން ހުށަހެޅި ކަމަށެވެ. އެ ހުށަހެޅި ހުށަހެޅުންތަކަށް ބަލައި ލާމަރުކަޒީ ގާނޫނުގައިވާ ބުނާ ހުރިހާ ޝަރުތުތަކެއް ފުރިހަމަ ވާތީ ތިނަދޫ ސިޓީއަކަށް ހަދަން ނިންމައި، މިއަދު އެ ގަރާރުގައި ސޮއިކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ކުރިން ވިދާޅުވެފައި ވަނީ މި ސަރުކާރުގެ ތަރައްގީގެ ސިޔާސަތުގައި ތިނަދުއަކީ މުހިންމު ރަށެއް ކަމަށެވެ. ސިޓީއަކަށް ބަދަލުކުރަން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް މި ރަށުގައި ގާއިމު ކުރައްވާނެ ކަމަށާއިއޭގެ ތެރޭގައި ބައިނަލްއަގްވާމީ ކޮމާޝަލް ޕޯޓަކާއި ތިނަދޫ ކައިރީގައި އެއާޕޯޓަކާއި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ޓޫރިޒަމަށް ބަލާއިރު މި އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި ފައްކާވެފައިވާ ރަށްތައް ހުރި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ތިނަދޫގެ އާބާދީގައި 8،000 އެއްހާ މީހުން އުޅެ އެެވެ. އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ 5،000 އެއްހާ މީހުންނެވެ.
އެ ނިންމެވުމާ އެކު، ރާއްޖޭގައި މިހާރު ފަސް ސިޓީ އޮންނާނެ އެވެ. އެއީ މާލެ، ކުޅުދުއްފުށި، ފުވައްމުލަކު އަދި އައްޑު އެވެ.