ސައޫދީ އަރަބިއްޔާގައި ސިނަމާތައް އުފައްދައި އަރަބި އަދި ބިދޭސީ ފިލްމުތައް ދެއްކުން ހުއްދަ ކުރި ފަހުން، މިދިޔަ ކުރު މުއްދަތުގެ ތެރޭގައި 535 މިލިއަން ރިޔާލްގެ އާމްދަނީއެއް ދައުލަތަށް ލިބިފައިވާ ކަމަށް، އެ ގައުމުގެ ޖެނެރަލް ކޮމިޝަން ފޯ އޯޑިއޯވިޝުއަލް މީޑިއާ (ޖީސީއޭއެމް) އިން ބުނެފި އެވެ.

ސައޫދީ އަރަބިއްޔާގައި ބައިސްކޯފުގެ (ސިނަމާ)ތައް ހިންގުން 1983 ވަނަ އަހަރުން ފެށިގެން މަނާކޮށްފައި އޮތުމަށް ފަހު، ސިނަމާތައް އުފައްދައި ފިލްމު ދެއްކުން ހުއްދަކުރީ 2018 ވަނަ އަހަރުގެ ތެރޭގަ އެވެ. ސައޫދީގައި ސިނަމާތަކުގައި ފިލްމު ދެއްކުން ހުއްދަ ކުރީ، ވަލީ އަހަދު މުހައްމަދު ބިން ސަލްމާންގެ އިސް ނެންގެވުމުގެ މަތިން އިއުލާން ކުރެއްވި 2030ގެ ތަސައްވުރުގަ އެވެ.

އެ ތަސައްވުރުގައި ބުނެފައިވާ ގޮތުން މުނިފޫހިފިލުވުމުގެ ދާއިރާ ފުޅާކޮށް، 2030 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުގެ އެކި ސަހަރުތަކުގައި 300 އަށް ވުރެ ގިނަ ސިނަމާގައި 2000 އަށް ވުރެ ގިނަ ބޮޑު ސްކްރީން ހުންނާނެ އެވެ. ސިނަމާތައް ހުއްދަ ކުރުމަށް ފަހު، އެޕްރީލް 18، 2018 ގައި ސައޫދީގައި އެންމެ ފުރަތަމަ ދެއްކީ ހޮލީވުޑްގެ މަޝްހޫރު ފިލްމެއް ކަމަށްވާ ބްލެކް ޕޭންތާ އެވެ.

ޖީސީއޭއެމް އިން ބުނި ގޮތުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ ގައުމުގެ ސިނަމާތަކުން 10 މިލިއަނަށް ވުރެ ގިނަ ޓިކެޓް ވިއްކައިފި އެވެ. ސައޫދީގެ 20 ސަހަރެއްގައި ސިނަމާތައް ހިންގުމަށް ހަތް ކުންފުންޏަކުން ލައިސަންސް ނަގާފައިވާ އިރު، މިހާރު ހުރި 69 ސިނަމާގައި 64000 އަށް ވުރެ ގިނަ ގޮނޑި އެބަހުއްޓެވެ.

ސައޫދީގެ ސިނަމާތަކުގައި ހޮލީވުޑްގެ ފިލްމުތައް ދެއްކި ނަމަވެސް، ސައޫދީ ފިލްމުތަކަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބޭ ކަމަށް އެ އިދާރާ އިން ބުންޏެވެ. އެ ގޮތުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ސައޫދީ އަރަބިއްޔާގެ 33 ފިލްމެއް ސިނަމާތަކުގައި ދައްކައިފި އެވެ.

ނަމަވެސް މިހާތަނަށް އެންމެ ގިނަ ބަޔަކު ސިނަމާތަކުގައި ބެލި ފިލްމުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، އެމެރިކާގެ އެކްޝަން ޑްރާމާ ފިލްމު ޓޮޕް ގަން: މަވެރިކް އެވެ. އެ ފިލްމުގެ 1.2 މިލިއަން ޓިކެޓް ވިކިފައިވާ އިރު، އެ ފިލްމުން އެކަނިވެސް 84 މިލިއަން ރިޔާލްގެ އާމްދަނީއެއް ލިބުނެވެ.

ސައޫދީގެ ވިޔަފާރިއާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި، ސިނަމާތަކުން ލިބުނު އާމްދަނީއާ އަޅައި ބަލާއިރު، މިއަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ ވަނީ 28 ޕަސެންޓް އިތުރުވެފަ އެވެ.

ސައޫދީގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް އިތުރުކޮށް ސިނަމާތައް ހުއްދަކުރުމާ ގުޅިގެން، ދީނީ ބައެއް އިލްމުވެރިން ގެންދަވަނީ އެކަމަށް ފާޑުވިދާޅުވަމުންނެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ލިބިދާނެ އަނިޔާއަކަށްޓަކައި، ގިނަ އިލްމުވެރިން އިޚްތިޔާރު ކުރައްވާފައިވަނީ ހަނު ތިއްބެވުމަށެވެ.