ސައުދި އަރަބިއްޔާގެ ޒުވާން ވަލީއަހުދު މުހައްމަދު ބިން ސަލްމާން، އެ ގައުމަށް އިންގިލާބީ ބަދަލުތަކެއް ގެންނަން ކުރައްވާ މަސައްކަތުގައި މުނިފޫހިފިލުވުމުގެ ދާއިރާއަށް ދެއްވާ ސަމާލުކަން ބޮޑެވެ. އެގޮތުން ސައުދީގައި ގިނަ އަދަދެއްގެ ސިނަމާތައް ވެސް ގާއިމުކޮށް، މުނިފޫހި ފިލުވުމުގެ ހަބަކަށް އެ ތަން ހަދަން މިހާރު ވަނީ މަޝްރޫއެއް ވެސް ފަށައިފަ އެވެ.

މުނިފޫހިފިލުވުމުގެ ދާއިރާ ތަރައްގީކުރަން، ކުރިއަށް އޮތް 10 ވަރަކަށް އަހަރު 64 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް ސައުދީން ވަނީ އިއުލާންކޮށްފަ އެެވެ.

މި ބަދަލުތަކާ އެކު، ތަޖުރިބާކާރުން މިހާރު ބުނަނީ 2030 އާ ހަމައަށް އަންނަ އިރު، ސައުދީ ހިމެނޭނީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 10 ފިލްމް މާކެޓްގެ ތެރޭގައިި ކަމަށެވެ.

ވެރައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުން އަމާޒު ހިފާފައި ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، މުނިފޫހި ފިލުވުމުގެ ދާއިރާގެ އާމްދަނީ ވެސް އެއް ބިލިއަން ޑޮލަރަށް ޖެއްސުމެވެ.

ސައުދީގައި ސިނަމާތައް ބަންދުކޮށް، ފިލްމް ދެއްކުން ފަދަ ކަންކަން މަނާކޮށްފައި އޮންނަތާ 35 އަހަރު ފަހުން، މުނިފޫހި ފިލުވުމުގެ ދާއިރާ ކޮޅަށް ޖަހައި، ތަރައްގީކޮށް ކުރިއަރުވަން ސަރުކާރުން ފެށި މަސައްކަތްތަކަށް ވަރަށް ގިނަ ބަޔަކު ވަނީ މަރުހަބާ ވެސް ކިޔައިފަ އެވެ. އަދި މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުން ވަނީ ސައުދީގައި އިންވެސްޓް ކުރަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ސިނެޕޮލިސް، ވޮކްސް، އައިޕިކް، އެމްޕަޔާ، އޭއެމްސީ، ސީޖޭ-ސީޖީވީ އަދި ވޫ ފަދަ ކުންފުނިތައް ހިމެނެ އެވެ.

މިކަމާ ބެހޭ ގޮތުން ސައުދީގެ ނެޝަނަލް އެސޯސިއޭޝަން އޮފް ތިއޭޓަ އޯނާޒްގެ ސީއީއޯ ޖޯން ފިތިއަން ވިދާޅުވީ ސައުދީގެ މުނިފޫހިފިލުވުމުގެ ދާއިރާ ހުޅުވައިލުމަކީ މުޅި ދުނިޔޭގެ ފިލްމް އިންޑަސްޓްރީ އަށް ހުޅުވިގެން ދިޔަ ދޮރެއް ކަމަށެވެ.

"މި ތަނުގައި ޒުވާނުންގެ އާބާދީ ވަރަށް ބޮޑު. ހުނަރުވެރި ފަންނާނުން ވެސް ވަރަށް ގިނަ. އެހެންވީމަ މިއީ އެންޓަޓައިމަންޓް ދާއިރާގެ ކުރިމަގު އޮތް ތަނެއް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް މަޝްހޫރު ފޮކްސް ގްރޫޕްގެ އިންޓަނެޝަނަލް ތިއޭޓްރިކަލް ޑިސްޓްރިބިއުޝަން ރައީސް އެންޑްރޫ ކްރިޕްސް ވިދާޅުވީ ސައުދީން ފެށި މަސައްކަތް ކާމިޔާބުވާން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ.

"ސައުދީން ކަނޑައަޅާފައިވާ ލަނޑުދަނޑި އަށް އޯވަނައިޓަކުން ވާސިލެއް ނުވެވޭނެ. ކުރަން ޖެހޭ މަސައްކަތް ވެސް ވަރަށް ގިނަ. އެހެންވީމަ މިކަން ކާމިޔާބު ކުރަން ކުރާ މަސައްކަތަށް ވަގުތު ނަގާނެ." އޭނާ ވިދާޅުވި އެވެ. "އެކަމަކު ވަރުގަދަ ޕްލޭންތަކަކާ އެކު، މަސައްކަތްކޮށްފި ނަމަ، ދެތިން އަހަރުގެ ތެރޭގައި ނަތީޖާތައް ފެންނަން ފަށާނެ."

ރިޕޯޓްތައް ބުނާ ގޮތުން މި މަހުން ފެށިގެން ސައުދީގެ ސިނަމާތަކުގައި ރަސްމީކޮށް ފިލްމް ވެސް ދައްކަން ފަށާނެ އެވެ. އަދި މުނިފޫހި ފިލުވުމުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ސައުދީން ވަނީ ހޮލީވުޑްގެ ޓެލެންޓް އެޖެންސީ ވިލިއަމް މޮރިސް އެންޑީވާ (ޑަބްލިއުއެމްއީ) ގެ 5-10 ޕަސެންޓާ ދެމެދުގެ ހިއްސާ ވެސް 400-500 މިލިއަން ޑޮލަރަށް ގަނެފަ އެވެ.