އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހދ. ކުޅުދުއްފުށިން ހޫނު މަރުހަބާއެއް މިއަދު ކިޔައިފި އެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަތީ މިއަދު ހަވީރެވެ.
ރާއްޖޭގެ އުތުރުން އެންމެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުށިން ރައީސަށް މަރުހަބާ ކިޔުމަށް އެ މަނިކުފާނުގެ ސަޕޯޓަރުންނާއި ކުދިބޮޑު ގިނަ ބަޔަކު ރަށުގެ ބަނދަރުމައްޗަށް ނުކުތެވެ.
ސަޕޯޓަރުންނާ ސަލާން ކުރެއްވުމަށް ރައީސް ގަޑިއިރެއްހާއިރު ހޭދަކުރެއްވި އެވެ.
ބައެއް ސަޕޯޓަރުން ބުނި ގޮތުގައި މި ރަށް ވެސް އޮތީ ރައީސް "އެއް ބުރުން" ދެވަނަ ދައުރަކަށް ހޮވަން ތައްޔާރަށެވެ.
މި ރަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ. ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފާއި ކައުންސިލްގެ އެހެން މެމްބަރުން ވެސް ތިއްބެވި އެވެ.
ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދި ޕާޓީ، ޑިމޮކްރެޓްސް އަށް ޔާސިރާއި ކުޅުދުއްފުށި ކައުންސިލްގެ މެމްބަރުން ކުރިން ސޮއިކުރެއްވި އެވެ. ނަމަވެސް، މީގެ ދުވަސްކޮޅެއް ކުރިން އެ ޕާޓީ ދޫކުރައްވައި އެ ބޭފުޅުން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
ރައީސް ކުޅުދުއްފުއްޓަށް ކުރައްވާ މި ކެމްޕެއިން ދަތުރުފުޅުގައި މިރޭ މި ރަށުގައި ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ. މިއީ ހދ. އަތޮޅުން ރައީސް ވަޑައިގަންނަވާ ފަހު ރަށެވެ.