ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އއ. މަތިވެރި އަށް މިއަދު ވަޑައިގެންނެވި ވަގުތު ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ސަޕޯޓަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ދޫކޮށްލައިފި އެވެ.
އއ. އަތޮޅު ދަތުރުގެ ފުރަތަމަ މަންޒިލް، މަތިވެރި އަށް ވަޑައިގެންނެވުމުން މުއިއްޒަށް ވަނީ އެ ރަށުގެ ސަޕޯޓަރުން ނުކުމެ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. މުޅި ސަރަހައްދުގައި އެއް އަޑަކުން ގުގުމާލާފައި އޮތީ "އެއްބުރުން" އެވެ.
ސަލާން ކުރުމަށް ދިގު ސަފެއް ދަމާލާފައި އޮތް އިރު، ހަމަނުޖެހުން ހިނގީ ސަފުގެ ނިމުމަކާ ހިސާބުން ސަލާން ކުރަން ހުރި މީހަކާއި އެ ރަށުގެ ޕީޕީއެމް/ޕީއެންސީގެ އެކްޓިވިސްޓަކާ ދެމެދުގަ އެވެ.
ސަލާން ކުރަން ހުރި މީހާ އާއި ޕީޕީއެމް/ޕީއެންސީގެ އެކްޓިވިސްޓާ ދެމެދު ބަހުގެ ހަމަލާއެއް ދިނުމުން، ސަލާންކުރަން ހުރީ ސަޕޯޓަރެއް ނޫން ކަމަށް ބުނެ ކޮށްޕާލުމުން، އެ މީހާ ވަނީ މުއިއްޒު އަރާހަމަވެވަޑައިގަތް ވަގުތު އަނެއް މީހާ އަށް ހަމަލަ ދޭން މަސައްކަތް ކޮށްފަ އެވެ.
ހަމަނުޖެހުން ހިންގަން މަސައްކަތް ކުރުމުން ފުލުހުން ވަނީ ވަގުތުން އޭނާ އެތަނުން ދުރުކޮށްފަ އެވެ.
އެއާއެކު އެ ސަރަހައްދު ހުރި ކެފޭއަކަށް އެއްވެ ތިބި ދެކޮޅު ސަޕޯޓަރުން ވަނީ މުއިއްޒާ ދެކޮޅަށް އަޑުގަދަ ކޮށްފަ އެވެ. ސަލާން ކުރަން ދިޔަ މީހަކާ މެދު އެ ގޮތަށް އަމަލުކުރަން ނުޖެހޭ ކަމަށް ބުނެ އެކި ނަންނަމުން މުއިއްޒަށް ގޮވި އެވެ.
އެ ވަގުތު ބޮޑީގާޑުންގެ އެހީތެރިކަމާ އެކު، މުއިއްޒު ހިންގަވާފައި ވަޑައިގަތީ ޖަލްސާ ބާއްވަން ތައްޔާރު ކޮށްފައި އޮތް ސަރަހައްދަށެވެ.
ފުލުހުން ބުނީ، މަތިވެރީގައި ދެ މީހެއްގެ މެދުގައި "ބޭއަދަބީ އަތުގެ އިޝާރާތްތަކެއްކޮށް" ހަމަނުޖެހުން ހިންގުމާ ގުޅިގެން އެ ތަނުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އެކަމަކު، މައުލޫމާތު ސާފުކުރުމަށް ފަހު އެ މީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ،
"މިހާތަނަށް ބެލި ބެލުމުން މި ހަމަނުޖެހުމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒަށް ހަމަލަދޭން އުޅެފައި ވާ ކަމަށް ނުބެލެވޭ،" ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ވެ އެވެ.
މި ރިޔާސީ ކެމްޕެއިންގައި މީގެ ކުރިން ވެސް ބައެއް ރަށްރަށުގައި އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިންގާފައިވެ އެވެ. އަދި ތަކެއްޗަށް ވެސް ގެއްލުން ދިނެވެ.