"މި ހާލުގައި ވެސް އައިސް މިހުރީ އަޅުގަނޑުގެ ހައްގެއް އޮތީމާ އެ އަދާކުރަން،" ފުރޮޅުލީ ގޮނޑީގައި ފިރިމީހާއާ އެކު ވޯޓު ލާން އަމީނިއްޔާ ސްކޫލަށް ގޮސް ހުރި އައިންތު ބުންޏެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން މުޅި ރާއްޖޭގައި ރިޔާސީ އިންތިހާބުގެ ވޯޓު ލުން ކުރިއަށްދާ އިރު، ވޯޓުގެ ހައްގު އަދާކުރުމަކީ ކިހާ މުހިންމު ކަމެއްކަން އެންމެންނަށް ވެސް އެނގެންޖެހޭ ކަމަށް އައިންތު އާ އެކު އައިސް ހުރި އޭނާގެ ފިރިމީހާ އަހުމަދު ރަޝީދު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަންކުރާނެ މީހަކު ކަނޑައެޅިގެންދާނެތީ އެ މީހަކު ބޭނުންވާ ގޮތަށް ބަސް ބުނަން ލިބޭ ހަމައެކަނި ފުރުސަތަކީ މިއަދު ލާ ވޯޓެވެ.
އެއަށް ވުރެ ބޮޑު ޒިންމާއެއް އޮންނާނެ ކަމަކަށް އަހުމަދު ރަޝީދު ގަބޫލުނުކުރަނީ އެހެންވެ އެވެ.
އުމުރުން 80 އަހަރުގެ މަންމަ ގޮވައިގެން ވޯޓު ލާން ގޮސް މަޖީދިއްޔާ ސްކޫލުގައި ހުރި އާދަމް ވެސް ދެއްކީ ހަމަ މި ވާހަކަ އެވެ.
"އުމުރުން 80 އަހަރުގަ މަންމަ [ފާތިމަތު އަހުމަދު] މި އިނީ ވޯޓު ލާން ވެގެން. ކޮންމެ އިންތިހާބެއްގައި މަންމަ ވޯޓު ވަނީ ލާފައި،" ވޯޓު ފޮށި ހުރި ކްލާސް ރޫމަށް، ފުރޮޅުލީ ގޮނޑީގައި އެހެން މީހެއްގެ އެހީތެރިކަމާ ގޮނޑި ވެއްދުމަށް ފަހު އޭނާ ބުންޏެވެ.
"މިއީ ފަރުދީ ޒިންމާއެއް. ކޮންމެ މީހަކު ވެސް އެބަޖެހޭ މި ޒިންމާ އަދާކުރަން."
އެއީ ވޯޓު ލާން ނުނިކުތުމުގެ ވިސްނުމުގައި ތިބި މީހުންނަށް، ވާހަކަ ދެއްކުމުގައި ދަތިކަމެއް ހުރި، މަންމަގެ ފަރާތުން އާދަމް ދިން މެސެޖެވެ.
އެންމެ ވޯޓަކުން ވާނީ ކޮން ކަމެއްހޭ ބުނާ ބުނުމަށް، މަޖީދިއްޔާ ސްކޫލްގައި ވޯޓު ލާން ގޮސްހުރި ފަރާހް ދިނީ ވަރަށް ކުރު ޖަވާބެކެވެ.
"ކިތަންމެ ކުޑަވިޔަސް، ޑިމޮކްރަސީގެ އެންމެ ބޮޑު ހަރަކާތުގައި މަގޭ ދައުރު އަދާކުރަން އައިސް މި ހުރީ،" އޭނާ ބުންޏެވެ.
"ވޯޓު ލީ މީހާ ނުހޮވުނަސް އެއީ މުހިންމު ކަމެއް ނޫން. މަގޭ ބަހެއް މި ކަމުގައި އޮތުން މުހިންމީ."
ވޯޓު ލުން ހަވީރު 4:00 ގައި ބަންދު ވާއިރު، ވޯޓު ނުލައި ތިބި އެންމެންނަށް ފަރާހް ބުނަން ބޭނުންވި ވާހަކައަކީ އެއީ އެވެ.