ބަދަލެއް ނާންނާނެ ކަމަށް ހީކޮށް ވޯޓު ނުދީ ހުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ؛ އުމުރުން 18 އަހަރުވެ، ވޯޓުގައި ފާހަގަ ޖަހާ ދުވަސް ކައިރިވަމުން އައިއިރު އައިޝަތު އީމާގެ ބައެއް ރަހުމަތްތެރިން ވެސް އޭނާއާ ކުރިން ދައްކަމުން އައި ވާހަކަ އަކީ އެއީ އެވެ.

އެކަމަކު ހެނދުނު ނުވައެއް ޖަހާކަންހާއިރު، އަހުމަދިއްޔާ ސްކޫލުގައި ދަމާފައި އޮތް ދިގު ކިޔޫގައި އީމާ މަޑުކޮށްލައިގެން ހުރީ ރަހުމަތްތެރިންގެ ވާހަކަތަކަށް ދެކޮޅު ހަދަމުންނެވެ. އެއީ އޭނާގެ ހަޔާތުގެ ފުރަތަމަ ވޯޓެވެ. އެ ވޯޓުގެ ހައްގު ލިބިގަންނަން އޭނާ ބޭނުމެވެ. މާ ހެނދުނާ ގަދައަވީގައި ނުކުމެ އޭނާ ހުރީ ގައުމަށް އަންނަ ބަދަލުތަކުގައި އޭނާގެ ވެސް ބަސް އިއްވުމަށެވެ.

އީމާ އަށް 18 އަހަރުވީ މިދިޔަ މަހު އެވެ. މިއަދު އޭނާ ދިން ވޯޓަކީ އޭނާ އަށް ވަރަށް ބޮޑު އެކްސައިޓްމެންޓެކެވެ.

"ވަރަށް ތަފާތު އެކްސްޕީރިއެންސެއް. ނޭނގެ ދޯ ދެން ކިޔައިދޭކަށް ވެސް. ވަރަށް އެކްސައިޓް ވޭ އަސްލު އަލަށް ވޯޓު ލެވުނީތީ،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ގާތް ގިނަ ރަހުމަތްތެރިން ދެކެނީ ވޯޓު ލުމުމަކީ މާ މުހިންމު ނޫން ކަމެއްގެ ގޮތުގަ އެވެ. އެ މީހުން ދެކެނީ "ކޮންމެ މީހަކު ހޮވުނަސް ވާނެ ކަމެއް ނޯންނާނެޔޭ، އެއްވެސް ޑިފަރެންސެއް ނާންނާނޭ" ކަމަށެވެ.

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި މީހަކު ވޯޓުލަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި މީހަކު ވޯޓުލަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

"އަސްލު ޕާސަނަލީ ކޮންމެ މީހަކަށް އިހުސާސް ނުވެދާނެ ދޯ ބަދަލެއް. އެކަމަކު އިޓްސް އަވާ އޯން ރެސްޕޮންސިބިލިޓީއެއްނު، ރައިޓްއެއް. ޗޭންޖެއް ނާންނާޔޭ ހީކޮށްގެން ވޯޓު ނުދިނުމަކީ އަދި އެންމެ ބެސްޓް އޮޕްޝަން ނޫން ކަމަށް އީމާ ދެކެނީ،" އީމާ ދެކޭ ގޮތް އޭނާ ހިއްސާކުރި އެވެ.

އެކަމަކު އެއީ 18 އަހަރު ފުރިގެން ވޯޓުގެ ޝަރުތު ހަމަވި ހުރިހާ ޒުވާނުންގެ ވިސްނުން ހުރި ގޮތެއް ނޫނެވެ. އޭގެ ތެރެއިން އެކަކަށް މަރިޔަމް ޝުރުފާ ހިމެނެ އެވެ. އޭނާ ވޯޓު ލީ ވޯޓު ލާން ވެގެން އަމިއްލަ ރަށަށް ދެވެން ފުރުސަތު ލިބުނީތީ އެވެ. އޭނާގެ ވިސްނުމުގައި ގައުމުގެ ކަންކަމެއް ބަދަލެއް ނުވާނެ އެވެ.

"އެހާ ވޯޓު ދޭ ހިތެއް ނުވޭ. ގަބޫލެއް ނުކުރަން އެއްވެސް ކަމެއް ބަދަލުވާނެ ކަމަކަށް. ކޮންމެ މީހަކު ވެރިކަމަށް އަޔަސް ވާނެ ފައިދާއެއް ނޯވޭ،" އޭނާ ބުންޏެވެ.

އަލަށް ވޯޓު ލުން ޝުރުފާ ވެސް ސިފަކުރީ ތަފާތު ތަޖުރިބާއެއްގެ ގޮތުގަ އެވެ. މާ ބޮޑު އުންމީދެއް ނެތި ވޯޓު ލާން ބޫތު ކުރިމަތީގައި ހުއްޓުނުއިރު ވެސް އޭނާގެ ހިތުގައި އެ ބިރެއް އޮތެވެ. އެކަމަކު އޭނާ ބުނީ އެ ކަރުދާސް އަތަށް ލިބި ފާހަގަ ޖަހަން ކައިރިވުމާއެކު އެ ބިރު ފިލައިގެން ދިޔަ ކަމަށެވެ.

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި މީހަކު ވޯޓު ލަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު
މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި މީހަކު ވޯޓު ލަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ހިތުގައި ބިރެއް އޮވެމެ ވޯޓު ދިން އަނެއް ޒުވާނަކީ އެމްއެންޔޫގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވޯޓު ލާން ގޮސް ހުރި ހޫދު އެވެ. އުމުރުން 20 އަހަރުގެ ހޫދު ބުނީ ވޯޓު ލާން އައުމާ ހަމައަށް ވެސް ވޯޓާ ގުޅޭ މާ ގިނަ މައުލޫމާތެއް ނޭނގޭ ކަމަށެވެ.

"އަސްލު ގަބޫލެއް ނުކުރަން އަލަށް ވޯޓު ލާ ކުދިންނަށް އެހާ ބޮޑަށް އެވެއާ ކޮށްދީފަ ކަމަކަށް، ދެން ވޯޓު ލާން އަންނަ ޖެހޭތީ އަންނަނީ، ކުރަން ވީ ކަމެއް ހަދަން ވީ ގޮތެއް ނޭނގޭ ދޯ،" އޭނާ ބުންޏެވެ.

މިއަދު އަލަށް ވޯޓު ލީ ގިނަ ޒުވާނުންގެ އިހުސާސްތައް ހުރީ މިކަހަލަ ގޮތަކަށެވެ. މަންމަ ބުނީތީ ނުވަތަ ބައްޕަ ބުނީތީ ވޯޓު ދޭ ޒުވާނުންނާއި އުންމީދުތަކާއި ގުޅިފައިވީ އަލަތު ވޯޓުތަކެވެ.

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބަށް 282،395 ވޯޓުލާން ޝަރުތު ހަމަވާއިރު، އޭގެ ތެރެއިން 27،006 އަށް ވުރެ ގިނަ މީހުންނަކީ 18 އަހަރު ފުރުމާ އެކު މި ފަހަރު އަލަށް ވޯޓު ލެވޭ ޒުވާނުންނެވެ.