މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ނާކާމިޔާބާ ކުރިމަތިވެ، ދެވަނަ ބުރެއްގައި ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ އެހީތެރިކަން ބޭނުން ނުވާނެ ކަމަށް ވިދާޅުވެ މަލާމާތް ރައްދު ކުރައްވައިފި އެވެ.
"އެކްސް"ގައި އާންމުންގެ މީހަކު ކުރި ޕޯސްޓަކަށް ރައްދު ދެއްވަމުން އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓުން އެ މަލާމާތް ރައްދު ކުރެއްވީ، މި އިންތިހާބު ރައީސް ކާމިޔާބު ކުރައްވާނީ ނަޝީދުގެ ޑިމޮކްރެޓްސްއާ ނުލައި ކަމަށް އެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވެފައި އޮއްވަ އެވެ.
އަމިއްލަ މީހަކު ކުރި އެ ޕޯސްޓްގައި ރައީސާއި ނަޝީދު ބައްދާލައްވައިގެން ސަލާމް ކުރައްވާ ފޮޓޯ އަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާ ގަދަ ވާނެ ކަމަށާއި އެމަނިކުފާނަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެހީތެރިކަން ބޭނުން ނުވާނެ ކަމަށެވެ.
"އަދިވެސް ހަމަ ނޭނގެނީ ދޯ،" ރައްދުގައި ވެ އެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ދައްކާ ގޮތުގައި ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އިންތިހާބުގެ ދެ ވަނަ ބުރެއްގައި އެ ދެ ކެންޑިޑޭޓުން ވާދަކުރައްވާނެ އެވެ.
އިންތިހާބުގައި އެމްޑީޕީއަށް ވޯޓު މަދުވުމާމެދު އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެކަމުގެ ފަހަތުގައި ޕާޓީ ބައިބައިވުން ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.
ނަޝީދު އިސްކޮށް ހުންނަވައިގެން އެމްޑީޕީން ވަކިވެ، އުފެއްދެވި ޑިމޮކްރެޓްސް ވަނީ އިންތިހާބުން ތިން ވަނަ ހޯއްދަވައިފަ އެވެ. އެއީ އިންތިހާބުގެ ހަތް ޕަސެންޓު ވޯޓެވެ. ދެ ވަނަ ބުރުގައި ކާމިޔާބު ހޯއްދަވާ ކެންޑިޑޭޓަކަށް މި ވޯޓު މުހިންމު ވާނެ އެވެ.
އެމްޑީޕީން ވަނީ ދެ ވަނަ ބުރެއްގައި ކޯލިޝަން ހަދަން ތިބި އެންމެންނަށް އޮތީ ފުރުސަތު ހުޅުވިފައިވާ ކަމަށް ބުނެފަ އެވެ.
"[އިންތިހާބުގެ] ފުރަތަމަ ބުރަށް ދިޔައިރު ވެސް ޑިމޮކްރެޓްސް އަށް ވެސް އެދިގެން، ޖޭޕީ އަށް ވެސް އެދިގެން ތިބީ،" އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް މިރޭ ވިދާޅުވެފައިވެ އެވެ.
އެހެންނަމަވެސް، ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ ދެ ވަނަ ބުރެއްގައި ވެސް ރައީސްގެ ފަހަތަށް ނާރުއްވާނެ ކަމަށެވެ.
އެކަމަކު ދެވަނަ ބުރެއްގައި ވެސް އަޅުގަނޑުމެން ނުދާނަން ރައީސްއާ އެކުއެއް، ރައީސް ތިންވަނަ އަށް ނުލާ އަޅުގަނޑުމެން ހުއްޓައެއް ނުލާނަން،" ނ. ވެލިދޫގައި ބޭއްވި ކެމްޕެއިނު ޖަލްސާއެއްގައި ނަޝީދު ވިދާޅުވެފައިވެ އެވެ.