ލޯކަލް ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމަކީ ވަރަށް ބިރުވެރި ވާހަކައެއް ކަމަށާއި އެ މަސައްކަތް ކުރަނީ ބާރުތައް އަތުލުމަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިދިޔަ ހޮނިހިރު ދުވަހު ހދ. ފިނޭއަށް ވަޑައިގެން، މުއިއްޒު ވަނީ ކައުންސިލްތައް ބާރުވެރިކުރަން ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން، މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ތަރައްގީވެފައިވާ އަދި ކުރިއަރަމުން އަންނަ ގިނަ ގައުމުތަކުގައި ލާމަރުކަޒީ ނިޒާމަށް ހާއްސަ މިނިސްޓްރީއެއް އޮންނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރަން ވަކި މިނިސްޓްރީއެއް އުފެއްދުމަކީ، އެ ނިޒާމު ހަރުދަނާކުރުމަށް ހުށަހެޅުއްވި ކަމެއް ކަމަށެވެ. މިއީ، ރާއްޖެ ކަހަލަ ލާމަރުކަޒީ އަދި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަކަށް ކޮންމެހެން ބޭނުންތެރި އަދި ވަރަށް ފައިދާހުރި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ހެންވޭރުގެ ދޮރުން ދޮރަށް ހިންގެވުމުގެ ތެރެއިން، ނޫސްވެރިއެއްގެ ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ކައުންސިލްތަކާ މެދު ކަންތައް ކުރި ގޮތް ފެނުނު ކަމަށެވެ.
ކައުންސިލަރުން ސަސްޕެންޑުކުރުމާއި އެ އިދާރާތަކުގެ ބާރުތައް ނެގި ކަމަށާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިހާރު ބަލަހައްޓަމުން އަންނަ ކައުންސިލްތަކުގެ ބަދަލުގައި މިނިސްޓްރީއެއް އުފައްދަން އުޅެނީ އެ ބާރުތައް އަލުން އަތުލުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީކުރުމަށް އެންމެ ބޮޑު ހުރަހަކީ ކައުންސިލްތަކުގެ ބާރު ހިފެހެއްޓުމެވެ.
"ބާރުތައް ދޫކޮށްލުމާއި ޑިސިޝަން ނެގުމުގެ ފުރުސަތު ކައުންސިލްތަކަށް ދިނުން އަދި ރައްޔިތުންނާ ވީހާ ވެސް ކައިރިން މަސައްކަތް ކުރުމުގެ ފުރުސަތު ދިނުން،" އެމަނިކުފާނު ވިދާޅުވި އެވެ.
"އަނެއްކާ ވެސް މި ފެންނަނީ އެ ބޭފުޅުން އަނބުރާ މާލެއަށް ބާރުތައް ޖަމާކުރާތަން. އެއީ ބިރުވެރިކަމެއް. އެއަށް ފުރުސަތު ލިބިއްޖެނަމަ އަނެއްކާ ވެސް ދާނީ އެތައް އަހަރެއް ފަހަތަށް."