ބަންގްލަދޭޝްގައި މެޗު ކުޅެން ހަމަޖައްސާފައިވާ ދަނޑުގެ ފެންވަރު ރަނގަޅުވުމުން އެ ޓީމަށް ވުރެ ބޮޑު އެޑްވާންޓޭޖެއް އޮތީ ދިވެހި ޓީމަށް ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން މިއަދު ބުނެފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރާ ދެވަނަ ލެގް މެޗު މާދަމާ، ޑާކާގެ ބަށުންދަރާ ކިންގްސް އެރީނާގައި އޮންނާނެ އެވެ. ފުރަތަމަ ލެގް މެޗުގައި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ކުޅެ އެއްވަރުވީ 1-1 ންނެވެ.
ޕްރީ މެޗް ޕްރެސް ކޮންފަރެންސްގައި ބަންގްލަދޭޝްގެ ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަމުން ސުޒޭން ބުނީ، ބަޝުންދަރާ އެރީނާގެ ދަނޑުގެ ފެންވަރު ރަނގަޅު ވުމަކީ، ބަންގްލަދޭޝް އަށް ވުރެ ބޮޑަށް ރާއްޖެ އަށް އެޑްވާންޓޭޖެއް ކަމަށެވެ.
މާދަމާގެ މެޗުގައި އޭނާ އަށް ވެސް އަދި ރާއްޖޭގެ ކުޅުންތެރިންނަށް ވެސް ޕްރެޝަރެއް ނެތް ކަމަށް ސުޒޭން ބުންޏެވެ. އެކަމަކު ބަންގްލަދޭޝް އަށް އޮތް ޕްރެޝަރު ބޮޑު ކަމަށް، އޮކްޓޯބަރު 2021 ގައި ރާއްޖޭގެ ދަނޑުގައި ބަންގްލަދޭޝް ބަލި ކުރި އިރު ވެސް ރާއްޖޭގެ ކޯޗަކަށް ހުރި ސުޒޭން ބުންޏެވެ.
އޭގެ ސަބަބެއް ކަމަށް އޭނާ ބުނީ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްއިން ރާއްޖެ ބަލި ކުރުމުން، ރާއްޖެ އަށް ވުރެ އެ ގައުމުގެ ފުޓްބޯޅައިގެ ފެންވަރު ރަނގަޅު ކަމަށް ބަންގްލަދޭޝްއިން ގަބޫލުކޮށް، ދެން ވެސް ރާއްޖެ ބަލި ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރުމަކީ އެ ޓީމަށް އޮތް ޕްރެޝަރެއް ކަމަށެވެ.
"އަހަރެމެން ނުކުޅެން ބޮޑު ބޯޅަ ޖަހައިގެނެއް. އަހަރެމެން ކުޅެން މަސައްކަތް ކުރަނީ ބޯޅަ ތިރިކޮށްގެން. އެހެންވީމަ މި ދަނޑުގައި ކުޅެން އަހަރެމެންނަށް އެޑްވާންޓޭޖް އޮތީ. ބޯޅަ ފަސޭހަ ކަމާ އެކު ޕާސް ކުރެވޭ ފެންވަރުގެ ދަނޑެއް ވިއްޔާ އަހަރެމެންނަށް ވަރަށް ފަސޭހަ ވާނެ ކުޅެން... މިއީ ވަރަށް ރަނގަޅު ދަނޑެއް."
ސުޒޭން ބުނީ މާލޭގައި ކުޅުނު މެޗަށް ވުރެ ރަނގަޅު ގޭމެއް މާދަމާގެ މެޗުން ދިވެހި ޓީމުގެ ފަރާތުން ފެންނާނެ ކަމަށެވެ.
ރާއްޖޭގެ ޓީމާ އެކު، ޓެކްނިކަލް ޑައިރެކްޓާ ޕޯލް ތޯމަސް ސްމޯލީ، ދަތުރު ކުރި އެވެ. ބަންގްލަދޭޝްގެ ފުޓްބޯޅައިގައި ކުރިން މަސައްކަތް ކުރި ސްމޯލީ ހުރުމަކީ މެޗަށް ނުކުންނައިރު އެޑްވާންޓޭޖެއް ތޯ ނޫސްވެރިން އެހުމުން ސުޒޭން ބުނީ، ރާއްޖޭގެ މަގާމާ ހަވާލުވެގެން ސްމޯލީ އަދި ހޭދަ ކުރީ މަހެއްހާ ދުވަސް ކަމަށާއި އޭނާގެ ހިއްސާ އަދި ރާއްޖޭގެ މި ޓީމުގައި ނެތް ކަމަށެވެ.
"އެކަމަކު އޭނާ އާ އެކު ކުރާ މަސައްކަތުގެ ފައިދާ ވަރަށް ރަނގަޅަށް ރާއްޖޭގެ ފުޓްބޯޅަ އަށް ކުރިއަށް އޮތް ތަނުގައި ކުރާނެ،" ސުޒޭން ބުންޏެވެ.
ބަންގްލަދޭޝް އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާ ރާއްޖޭ ގަޑިން ހަވީރު 4:45 ގަ އެވެ. މި މެޗުން މޮޅުވާ ޓީމެއް ވަންނާނީ ކޮލިފައިންގެ ގުރޫޕް އައި އަށެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ އޮސްޓްރޭޅިއާ، ލުބުނާން އަދި ފަލަސްތީނެވެ.