ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ތިން އަހަރު ދުވަހަށް ފަހު، ސްކޫލްތަކުގެ މެދުގައި ބާއްވާ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް ފަށައިފި އެވެ.

ތިން އުމުރުފުރާއަކަށް ކުރިއަށް ގެންދާ މި މުބާރާތުގައި 14 އަހަރާއި 16 އަހަރު އަދި 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނެ އެވެ. މުބާރާތުގައި ޖުމްލަ 19 ސްކޫލަކުން 42 ޓީމެއް ބައިވެރިވެފައި ވެއެވެ. މުބާރާތުގެ ކުޅުން ރޭ ފެށީ 16 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގެ ދެ މެޗުންނެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ވީއޭއެމް
މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ވީއޭއެމް

ސޯޅަ އަހަރުން ދަށުގައި ވާދަކުރާ ފިރިހެން 11 ޓީމު ވަނީ ދެ ގުރޫޕަކަށް ބަހާލައިފަ އެވެ. ފުރަތަމަ ގުރޫޕުގައި ހިމެނެނީ މަޖީދިއްޔާ ސްކޫލް، ހުރަވީ ސްކޫލް، ކަލާފާނު ސްކޫލް، ކުނބުރުދޫ ސްކޫލް އަދި އެންމެ ފަހުން 2019 ވަނަ އަހަރުގެ ޗެމްޕިއަން ފ. އަތޮޅު ސްކޫލެވެ.

ދެވަނަ ގުރޫޕުގައި ހިމެނެނީ އދ. އަތޮޅު ސްކޫލް، ދަނގެތީ ސްކޫލް، އިމާދުއްދީން ސްކޫލް، ވ. އަތޮޅު ތައުލީމީ މަރުކަޒު، ތާޖުއްދީން ސްކޫލް އަދި އެންމެ ފަހުގެ ރަނަރަޕް ކެޔޮދޫ ސްކޫލެވެ.

މާފަންނު އެކުވެނި ޓާފް ވޮލީ ކޯޓުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި، އެންމެ ފަހުން 2019 ވަނަ އަހަރުގެ ރަނަރަޕް ކެޔޮދޫ ސްކޫލާ ވާދަކޮށް 29-27، 25-12 އިން އދ. އަތޮޅު ސްކޫލް ކާމިޔާބު ކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އދ. އަތޮޅު ސްކޫލުގެ ޝައިހާން ޝަމީން އެވެ.

އދ. އަތޮޅު ސްކޫލާއި ކެޔޮދޫ ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ވީއޭއެމް
އދ. އަތޮޅު ސްކޫލާއި ކެޔޮދޫ ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ވީއޭއެމް

ދެވަނަ މެޗުގައި ބައްދަލުކުރީ މަޖީދިއްޔާ ސްކޫލާއި ހުރަވީ ސްކޫލެވެ. މުހައްމަދު އަކްސަމް އަމްޖަދުގެ މޮޅު ކުޅުމާ އެކު 25-19، 25-14 އިން މި މެޗު ކާމިޔާބު ކުރީ ހުރަވީ ސްކޫލެވެ.

މިއަދު ހަވީރު 16 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގެ ހަތަރު މެޗެއް ކުޅުމަށް ހަމަޖެހިފައި ވާއިރު، 16 އަހަރުން ދަށުގެ އަންހެން ޑިވިޝަނާއި 14 އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ ކުޅުން މިރޭ ފެށުމަށް ވަނީ ތާވަލް ކުރެވިފަ އެވެ.

ސޯޅަ އަހަރުން ދަށުގެ އަންހެން ޑިވިޝަނުގައި ވާދަކުރާ އަށް ސްކޫލް ވެސް ވަނީ ދެ ގުރޫޕަކަށް ބަހާލައިފަ އެވެ. ފުރަތަމަ ގުރޫޕުގައި ހިމެނެނީ އިމާދުއްދީން، ފ. އަތޮޅު ސްކޫލް، ކަލާފާނު އަދި ތާޖުއްދީނެވެ. ދެވަނަ ގުރޫޕުގައި ހިމެނެނީ ކުނބުރުދޫ ސްކޫލް، ކެޔޮދޫ ސްކޫލް، ކ. އަތޮޅު ތައުލީމީ މަރުކަޒު އަދި އދ. އަތޮޅު ސްކޫލެވެ.

ސާދަ އަހަރުން ދަށުގެ ފިރިހެން ހަތަރު ސްކޫލް ބައިވެރިވި އެވެ. އެއީ ފ. އަތޮޅު ސްކޫލް، ކެޔޮދޫ ސްކޫލް، ތާޖުއްދީން ސްކޫލް އަދި މުހުޔިއްދީން ސްކޫލެވެ.

ސާދަ އަހަރުން ދަށުގެ އަންހެން ޑިވިޝަނުގައި ވާދަކުރާ އަށް ޓީމު ވެސް ވަނީ ދެ ގުރޫޕަކަށް ބަހާލައިފަ އެވެ. އެއްވަނަ ގުރޫޕުގައި ހިމެނެނީ ތާޖުއްދީން ސްކޫލް، ކ. އަތޮޅު ތައުލީމީ މަރުކަޒު، މަޑިފުށި ސްކޫލް އަދި މުހުޔިއްދީން ސްކޫލެވެ. ދެވަނަ ގުރޫޕުގައި ހިމެނެނީ ހުރަވީ ސްކޫލް، ފ. އަތޮޅު ސްކޫލް، ކެޔޮދޫ ސްކޫލް އަދި މަޖީދިއްޔާ ސްކޫލެވެ. މި ޑިވިޝަންގެ ކުޅުން ފަށާނީ މާދަމާ މެންދުރެވެ.

ނަވާރަ އަހަރުން ދަށުގެ މުބާރާތް ފަށާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. މި އުމުރުފުރާގެ ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައިވާ ހަ ސްކޫލަކީ ކެޔޮދޫ ސްކޫލް، މ. އަތޮޅު ތައުލީމީ މަރުކަޒު، ސެންޓަަ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)، ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

ނަވާރަ އަހަރުން ދަށުގެ އަންހެން ޑިވިޝަނުގައި ވާދަކުރަނީ އަހުމަދިއްޔާ، މ. އަތޮޅު ތައުލީމީ މަރުކަޒު، ސީއެޗްއެސްއީ، ވިލާ އަދި ކެޔޮދޫ ސްކޫލެވެ.