ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ ކައިވެންޏަށް އަންނަ މަހު ފަސް އަހަރު ވާއިރު، އެ ދެމަފިރިންގެ ކައިވެނީގެ ވީޑިއޯ ފުރަތަމަ ފަހަރަށް ފޭނުންނަށް ދައްކާލައިފި އެވެ.
އެ ވީޑިއޯ އާންމުކުރީ އިއްޔެ ގެނެސްދޭން ފެށި، ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ރިއަލިޓީ ޓޯކް ޝޯ "ކޮފީ ވިތު ކަރަން 8"ގެ ފުރަތަމަ އެޕިސޯޑުގަ އެވެ. އެ ވީޑިއޯ އިން މި ދެމަފިރިންގެ ކައިވެނީގެ ހަފުލާއާ ގުޅޭ ގޮތުން ނޭނގޭ އެތައް ކަމެއް އެނގުނެވެ.
"ކޮފީ ވިތު ކަރަން"ގައި ރަންވީރު ބުނީ ދީޕިކާ ގާތުގައި އޭނާއާ އިންނަން އެހީ ނުވަތަ ޕްރޮޕޯޒް ކުރީ، ދެމީހުން އެކުގައި ޗުއްޓީ އަށް ރާއްޖެ އަށް ކުރި ދަތުރެއްގައި ކަމަށެވެ. އަދި ޗުއްޓީ ނިންމައި ރާއްޖެއިން ސީދާ ބެންގަލޫރަށް ގޮސް ދީޕިކާގެ މައިންބަފައިނަށް އެ ހަބަރު ދިން ކަމަށް ބުންޏެވެ.
ދީޕިކާ މަންމަ އަށް ފުރަތަމަ އެ ގުޅުން ކަމުނުދިޔަ ނަމަވެސް، ފަހުން ރަންވީރަށް ދީޕިކާގެ މަންމަގެ ރުހުން ލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ.
ދެތަރިންގެ ކައިވެނީގެ ވީޑިއޯގައި ދީޕިކާ ބައްޕަ ބުނި ގޮތުގައި، ރަންވީރަކީ އެމީހުންގެ "ފޫހި" އާއިލާ އަށް ދިރުމެއް ގެނެސްދިން މީހެކެވެ.
ރަންވީރާއި ދީޕިކާ ކައިވެނި ކުރީ ނޮވެމްބަރު 14، 2018 ގަ އެވެ. ދެ ތަރިން ކައިވެނި ކުރީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ދައުވަތު ދިން ވަރަށް މަދު އަދަދެއްގެ މެހުމާނުންތަކަކާ އެކު، އިޓަލީގެ ލޭކް ކޯމޯގައި ބޭއްވި ހަފުލާއެއްގަ އެވެ.
ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު ޒުވާން ތަރިންގެ ތެރޭގައި ހިމެނޭ ރަންވީރާއި ދީޕިކާ ކައިވެނި ކުރީ ރައްޓެހިވެގެން އުޅޭތާ ހައެއްކަ އަހަރު ފަހުންނެވެ. އެ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ އެކުގައި ކުޅުނު ފުރަތަމަ ފިލްމު ސަންޖޭ ލީލާ ބަންސާލީގެ 2013 ގެ ފިލްމު "ރާމް-ލީލާ" ގެ ސެޓުންނެވެ.
"ކޮފީ ވިތު ކަރަން"ގައި ދެތަރިން ވެސް ވަނީ އެމީހުންގެ ގުޅުމާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.