އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސް ނޭޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަފާދެއްވާފައިވާ ކަމަށާއި ނަމަވެސް މެންބަރުން ތިއްބެވީ އެ ޖަލްސާގައި ބައިވެރިނުވުމުގެ ރޫހެއްގައި ކަމަށް އެމްޑީޕީ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިހާބީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް އަންނަ މަހު ބާއްވާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަން ޖެހޭނީ މަޖިލީހުގެ އިތުބާރު އޮތް ރައީސަކާ އެކު ކަމަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލަ ނުނިންމައި މުއިއްޒު ކުރައްވާ ވެރިކަމުގެ ހުވާ ގަބޫލުނު ނުކުރާނެ ކަމަށް ޕީޖީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަޕްލިމެންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅަން އެޖެންޑާކޮށްފައި އޮތަސް އެމްޑީޕީން ހުރަސްއަޅައި ޖަލްސާ ވަނީ ހުއްޓުވައިފަ އެވެ.
މަޖިލީހުގައި ކުރި އިހްތިޖާޖަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، އިންތިހާބީ ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސް އަޅަން ކަންކަން ކުރުމަކީ ރައީސް ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ.
"[ރައީސް] ވިދާޅުވި ވަރަށް ދެރަ ކަމެކޭ. އެކަން އެއްގޮތަކަށް ވެސް އެހެން ކުރާކަށް ފެނިވަޑައެއް ނުގަންނަވައޭ. އަޅުގަނޑު އެ ވާހަކަ ޕާލިމެންޓަރީ ގުރޫޕު މެންބަރުންނަށް ވެސް ދެންނެވިން،" އަސްލަމް ވިދާޅުވި އެވެ.
ރައީސް އެގޮތަށް ލަފާ ދެއްވިނަމަވެސް އެ ޖަލްސާގައި ކުޑަ މިންވަރަކަށް ނަމަވެސް ބައެއް ކަންކަން ކުރަން މެންބަރުންގެ ރޫހު އެބައޮތް ކަމަށް އަސްލަމް ވިދާޅުވި އެވެ.
"މިފަދަ ޖަލްސާއަކީ ގާނޫނީ ގޮތުން ސައްހަ ޖަލްސާއެއް ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން. ދެން އަޅުގަނޑުމެން ކޮންމެހެން އެ ތަނަށް ގޮސްފައި ހަޅޭއް ނުލެވިޔަސް އަޅުގަނޑުމެން ހަމަ ބޮއިކޮޓު ވެސް ކޮށްފާނެތާ ދެއްތޯ،" އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް ރޫހު އެބަހުރި އެ ޖަލްސާގައި ކުޑަ މިންވަރަކަށް ނަމަވެސް ބައެއް ކަންކަން ކުރުމަށް، އެހެންނަމަވެސް ސީދާ ވަކި ގޮތެއް ނުނިންމަން، ޕާލިމެންޓަރީ ގުރޫޕުން ވަކި ގޮތެއް ނިންމާފައިނުވާނެ."
އަސްލަމް ވިދާޅުވީ، އެ ޖަލްސާއާމެދު އަމަލު ކުރާނެ ވަކި ގޮތެއް އަދި ޕީޖީ ގުރޫޕުން ނުނިންމާ ކަމަށެވެ.
އެ ޖަލްސާ ބޮއިކޮޓު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އަސްލަމް ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރާ 55 މެންބަރުން ވަޑައިނުގެންނެވިނަމަވެސް، ޖަލްސާގެ ކޯރަމް ހަމަވާނެ އެވެ.
އެމްޑީޕީގެ ޕީޖީން ދެން އަމަލު ކުރާނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ނިންމާ ގޮތަކަށް ބެލުމަށް ފަހު ކަން ފާހަގަކޮށް އޭނާ އިތުރަށް ވިދާޅުވީ މި މައްސަލައިގައި ދޫ ނުދޭނެ ކަމަށެވެ.
"ޕާލިމެންޓަރީ ގުރޫޕުން މި ތިބީ އެއްވެސް ދުލެއް ދޭ ގޮތަކަށް ނޫން. މި ކަމުގެ ކޮންމެވެސް ކޮޅެއް ޖެހެންދެން މަސައްކަތް ކުރަން އަޅުގަނޑުމެން މި ތިބީ،" އަސްލަމް ވިދާޅުވި އެވެ.