މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ފްލެޓަށް ޝަރުތު ހަމަވި 13،000 މީހުންގެ ތެރެއިން މިހާރު އިމާރާތްކުރަމުން އަންނަ 4،000 ފްލެޓް ލިބޭ މީހުން ކަނޑައަޅައި އާއްމުކޮށްފައިވާ ލިސްޓުގެ މައްސަލައިގެ ތަހުގީގަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން، ހައުސިން މިނިސްޓްރީއަށް ވަދެއްޖެ އެވެ.
އޭސީސީގެ ކުއިކް ރެސްޕޮންސް ޓީމުން މިނިސްޓްރީއަށް ވަދެފައިވާ ކަން "މިހާރު" އަށް ވަނީ ޔަގީންވެފަ އެވެ. އެކަމާ ގުޅޭ ގޮތުން އޭސީސީގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
ފްލެޓުގެ ދާއިމީ ލިސްޓު އިއުލާންކުރުމާ އެކު އެއީ އިންސާފުން ބޭރުން އެކުލަވާލައި އާއްމުކޮށްފައި އޮތް ލިސްޓެއް ކަމުގެ ޝަކުވާ ބޮޑުވެ އެ މައްސަލަ އޭސީސީއަށް ވަނީ ހުށަހަޅައިފަ އެވެ.
އެ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފްލެޓުތައް ހަވާލުކުރުމާ ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް، ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ދީ، އެ ޝަކުވާތަކަށް ބެލުމަށް ފަހު ނޫނީ ކުރިއަށް ނުގެންދަން އޭސީސީން ވަނީ އަންގައިފަ އެވެ.
ފްލެޓަށް ޕޮއިންޓް ދިނުމުގައި ހާމަކަމެއް އަދި އިންސާފުވެރިކަމެއް ނެތް ކަމަށް ބުނެ އާއްމުން މިއަދު ވަނީ ޕްލޭނިން މިނިސްޓްރީ ދޮށުގައި ވެސް އަޑުއުފުލައިފަ އެވެ.
ޕްލޭނިން މިނިސްޓްރީން ނިންމާފައި އޮތީ ދާއިމީ ލިސްޓު އިއުލާންކޮށް، ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންނަށް ނޮވެމްބަރު 17 ގެ ކުރިން، ލިއުން ހަވާލުކުރާށެވެ. އެކަމަކު އޭސީސީން ޕްލޭނިން މިނިސްޓްރީއަށް އެންގީ އެކަށީގެންވާ މުއްދަތެއް ދީ ޝަކުވާތައް ބެލުމަށް ފަހު ނޫނީ ލިއުން ހަވާލު ނުކުރުމަށެވެ.
ސޯޝަލް ހައުސިން ސްކީމުގެ ދަށުން، ސަރުކާރުން ހަދާ ފްލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެކަމަކު އޭގެތެރެއިން ދިރިއުޅުމުގެ ހާލަތު ނުބަލައި 4،000 މީހުން ހޮވި ގޮތާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ. ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ޕޮއިންޓް ދީފައިވާ ގޮތާއި ވެރިފައިކުރަން ސަރުކާރުން ކުރި މަސައްކަތް ހާމަކުރަން ވެސް ދަނީ ގޮވާލަމުންނެވެ. އެ ޝަކުވާތަކާ އެކު ޕްލޭނިން މިނިސްޓްރީއަށް ދިޔަ މީހުންނާ ބައްދަލުކުރައްވައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ވިދާޅުވީ ޕޮއިންޓް ދީފައި ވަނީ ފޯމުގައި ފުރިހަމަކޮށްފައި ހުރި މައުލޫމާތުތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.