ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީ ދޫކޮށްލައްވައި، އާ ޕާޓީއެއް ހައްދަވަން ނިންމަވައިފި އެވެ.
އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހަންމަދު ޖަމީލް އަހުމަދު ޗެނަލް 13 ގައި މިރޭ ވިދާޅުވީ މިއީ ޔާމީނަށް ފަސޭހަ ނިންމެވުމެއް ނޫން ކަމަށެވެ.
"އެކަމަކު އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުންވޭ ވެރިކަމަށް ހޮވި ވަޑައިގަތް ފަހުން ޑރ. [މުހަންމަދު] މުއިއްޒު ރައީސް ޔާމީންގެ ފޯނެއް ނުނަންގަވާ. އަދި ލީޑާޝިޕުން ވަނީ ރައީސް ޔާމީނާ ދުރަށް ވަޑައިގެންފައި. ރައީސް ޔާމީނާ މަޝްވަރާއެއް ނުކުރައްވާ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިއަދު ރައިސް ޔާމީން އެ ޕާޓީގައި ހުންނަވައިގެން ރައީސް ޔާމީނާ މަޝްވަރާ ކުރައްވައިގެން ޕާޓީ ހިންގަން ބޭނުމެއް ނުވޭ،" ޖަމީލް ވިދާޅުވި އެވެ.
"ޑރ. މުއިއްޒާއި ޕީޕީއެމްގެ ލީޑާޝިޕް ވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ބޭވަފާތެރިވެއްޖެ."
ޖަމީލް ވިދާޅުވީ ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަމަށާއި ޔާމީންގެ ފިކުރު އޮތް ޕާޓީއަކަށް މަޖިލިސް ހޯދައިދޭން ރާއްޖޭގެ އެތައް ބަޔަކު ބޭނުންވާ ކަމަށެވެ.
"[ޔާމީން] ޕީޕީއެމާ ދުރަށް ޖެހިވަޑައިގަތީ ވަރަށް ގިނަ ކަންތައްތަކެއް މިދިޔަ ދުވަސްތަކުގައި ހިނގައިދިއުމުން. އެކަމަކު އެމަނިކުފާނަކީ ސިޔާސީ ދުރުވިސްނޭ ބޭފުޅެއް. އެހެންވެ، އެމަނިކުފާނުގެ ފިކުރު އޮތް އަމިއްލަފުޅު ޕާޓީއެއް ހައްދަވައިގެން އެމަނިކުފާނު ސިޔާސީ މަސައްކަތްޕުޅު ކުރައްވާނެ،" ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ މިހާރު ފެންނަން އޮތް ހަގީގަތަކީ، ރައީސް ޑރ. މުއިއްޒާއި ލީޑާޝިޕްގެ ބޭފުޅުން ޔާމީންގެ ފަހަތްޕުޅުގައި އޭރު ތިއްބެވީ އެހެން ބޭނުމެއް އޭގެ ފަހަތުގައި އޮވެގެން ކަމަށެވެ. އަދި އެ ބޭނުން ފުދުމާ އެކު، ޔާމީންގެ އިރުޝާދެއް، މަޝްވަރާއެއް އަދި ލަފައެއް ވެސް ލީޑާޝިޕުން ބޭނުން ނުވި ކަމަށް ޖަމީލް ވިދާޅުވި އެވެ.
"ޑރ. މުއިއްޒު ވެސް ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް ޓަކައި އެކަން ކޮށްދެއްވާނެ ކަމަށް. އެހެން ނަމަވެސް ރައީސް ޔާމީން މިއަދު އެ މަސައްކަތް ކުރައްވަނީ ގިނިކަންޏާ. މިއަދަކު ނުވެއް ފެނޭ ލީޑާޝިޕްގެ ބޭފުޅުންނެއް ވެސް،" ޖަމީލް ވިދާޅުވި އެވެ.
"ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ވެސް އެމަނިކުފާނު ކުރެއްވި މަސައްކަތްތައް އެއީ ފެންނަން އޮތް ބުރަ މަސައްކަތްތަކެއް. ޔާމީން ވިދާޅުވެގެން އަޅުގަނޑުމެން އެންމެން މަސައްކަތް ކުރިން. ރައީސް ޔާމީންގެ އާއިލާ އާއި އަނބިކަނބަލުން ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރެއްވި. އަދި އެމަނިކުފާނު ވިދާޅުވެގެން އެކި ތަންތަނަށް ގޮސްގެން ވެސް ކެމްޕެއިން ކުރިން."
ޖަމީލް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުގެ "އަނިޔާވެރިކަން" ނިންމަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅަކީ ޔާމީން ކަމަށެވެ. އަދި، މިހާރު އޮތް ސަރުކާރު އިންތިހާބުވީ، އެމަނިކުފާނުގެ ފިކުރުން ފައިދާ ނަގައިގެން ކަމަށް ޖަމީލް ވިދާޅުވި އެވެ.
"އެމަނިކުފާނަށް ހުސް ގޮނޑި ބެހެއްޓި، ފޮޓޯފުޅު ބޭނުން ކުރެއްވި،" ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ޕީޕީއެމް އޮތީ ވަކި ބަޔަކު "ހައިޖެކް"ކޮށްފައި ކަމަށެވެ.