ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލީ "ހައްގު ނޫން ގޮތުގައި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން" ކަން ރައްޔިތުންނަށް އެނގޭތީ ޕީޕީއެމް އާ ގުޅޭ މެންބަރުން އިތުރުވަމުން އަންނަ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ޕީޕީއެމްގެ 10 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުވައި އެ ޕާޓީން މިއަދު ނެރުނު ބަޔާނުގައި ބުނީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އެންމެ ކާމިޔާބު ސިޔާސީ ޕާޓީގެ ގޮތުގައި އެ ޕާޓީ ހިމެނޭ ކަމަށެވެ. ޕީޕީއެމް އުފެދުނު ފަހުން 2013 ވަނަ އަހަރު ކުރިމަތިލީ ރިޔާސީ އިންތިހާބު އެ ޕާޓީގެ ލީޑަރު ކާމިޔާބު ކުރެއްވި ކަމާއި، ޖެހިގެން އައި 2014 ވަނަ އަހަރު މަޖިލީހުގެ މެޖޯރިޓީ ވެސް ނެގިކަން ފާހަގަކުރި އެވެ.
ޕާޓީގެ ކާމިޔާބީތަކަށް ހިޔަނި އެޅިގެން ދިޔައީ، އެ ކާމިޔާބީތައް ހޯއްދަވައިދެއްވުމުގެ އެންމެ އިސް ދައުރެއް އަދާކުރެއްވި އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ މޭސްތިރި ކަމުގައިވާ ޔާމީން ނުހައްގުން ޖަލަށްލުމުން ކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުންޏެވެ.
"އެ މަނިކުފާނަށް ނުހައްގުން ދެމުންގެންދާ އަނިޔާ އާއި ދެކޮޅުހަދައި އެ މަނިކުފާނު ޖަލުން މިނިވަން ކުރުމަށްޓަކައި ޕާޓިއާ އެކު ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ގެންދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން. އޭގެ ނަތީޖާއެއްގެ ގޮތުން އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޮޑުތަނުން ކާމިޔާބުވި،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ޕާޓީން ބުނީ އެކި ގޮތްގޮތުން މި ވަގުތު ރާއްޖެއަށް ކުރިމަތިވަމުންދާ ގެއްލުންތަކާއި ގޮންޖެހުންތަކުން އަރައިގަނެވޭނެ ހަމައެކަނި ލީޑަރަކީ ޔާމީނުކަން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. އަދި އެ މަނިކުފާނު ޖަލަށް ލާފައި ވަނީ ވެސް ހައްގު ނޫން ގޮތުގައި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ކަމުގައި ގަބޫލުކުރާ ކަމަށެވެ.
އެހެންވެ ޕީޕީއެމްގެ ފަރާތުން އިންތިޒާމުކޮށް ހިންގަމުންދާ ހަރަކާތްތަކުގައި ބައިވެރިވަމުންދާ ރައްޔިތުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށާއި، ޔާމީން މިނިވަންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ރައްޔިތުންގެ އަދަދުވެސް ހާހުން އިތުރުވަމުން އަންނަ ކަމަށް އެ ޕާޓީން ބުންޏެވެ.
ދެހާސްއެގާރަ ވަނަ އަހަރު ރަޖިސްޓްރީކުރި ޕީޕީއެމަކީ މިހާރު ރާއްޖޭގައި އޮތް ދެވަނަ އަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ އެވެ. އެ ޕާޓީގައި މިވަގުތު 37،093 މެންބަރުން ތިބި ކަމަށް އިލެކްޝަންސްގެ ދަފްތަރުން ދައްކަ އެވެ. ރާއްޖޭގައި މިވަގުތު އެންމެ މެންބަރުން ގިނަ ޕާޓީއަކީ ވެރިކަންކުރާ ޕާޓީ އެމްޑީޕީ އެވެ. އެ ޕާޓީގައި 53،139 މެންބަރުން އެބަ ތިއްބެވެ.