ސިޔާސީ މައިދާނަށް އަނެއްކާވެސް ނުކުމެވަޑައިގަތީ ޑިމޮކްރަސީގެ އުސޫލުތައް ނެތިގެން ގޮސްފައިވާތީ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމުން ދަރުބާރުގޭގައި ފެށި "ހޯޕް ކޮންފަރެންސް" ގައި ވަހީދު ވިދާޅުވީ، ސިޔާސީ ދާއިރާއިން އެކަހެރިވެވަޑައިގެން ގޭގައި ހުންނެވުމުގެ ފުރުސަތު ލިބިވަޑައިގަތަސް، ސިޔާސީ ކަންކަމަށް އަނެއްކާވެސް ނުކުމެވަޑައިގަތީ ކުޑައިރުއްސުރެ ފެށިގެން ދެކެވަޑައިގަތް ޑިމޮކްރަސީގެ ހުވަފެން ގެއްލިގެންދާތީ ކަމަށެވެ. އެ މަނިކުފާނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ޑިމޮކްރަސީގެ ވެރިކަމުގެ އުސޫލުތައް ނެތިގެން ގޮސްފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ.

"ހޯޕް ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް ވަހީދާއި ކުރީގެ ނައިބު ރައީސް ޖަމީލް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ހޯޕް ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް ވަހީދާއި ކުރީގެ ނައިބު ރައީސް ޖަމީލް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އަޅުގަނޑާއި ރައީސް ޔާމީނާއި މި ގައުމުގައި ކުރި ވެރިކަން އަޅުގަނޑުމެން ކުރީ ޑިމޮކްރަސީގެ އުސޫލުން. އެ ދުވަސް މި އޮތީ ބަދަލުވެފައި. މިއަދު އަޅުގަނޑުމެންގެ ހައްގެއް ނެތް،" ކުރިން ނައިބު ރައީސްކަން ކުރެއްވުމަށް ފަހު ރައީސް ކަމަށް ވަޑައިގަތް ވަހީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، ރާއްޖެ އަށް ދެން ވެސް ޑިމޮކްރަސީ ގެނެވޭނީ ޔާމީނާއި ޕީޕީއެމްގެ ކޯލިޝަނަށެވެ. އެހެންވެ، އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ޔާމީން ކަމަށް ވަހީދު ވިދާޅުވި އެވެ.

"މި ކޯލިޝަނުން މުސްތަބްގަލްގައި ވެސް މަސައްކަތް ކުރާނީ އެ މަނިކުފާނުގެ ޒައާމަތުގެ ދަށުން. އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނެތް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ ކަމަށް. މާތްﷲ އިރާދަކުރެއްވިއްޔާ 2023 ގައި އޮންނާނީ އަޅުގަނޑުމެންގެ ސަރުކާރެއް،" ވަހީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ހެޔޮ ވެރިކަމެއްގައި އަދުލުވެރިކަން އޮންނަން ޖެހޭނެ ކަމަށާއި އެކަމަކު މިއަދު ފެންނަނީ އަނިޔާވެރިކަން ކަމަށެވެ. އަދި އިދިކޮޅު ލީޑަރު ޖަލުގައި ބާއްވައިގެން އިންތިހާބު ކާމިޔާބު ކުރަން ސަރުކާރުން މަސައްކަތް ކުރުމަކީ ލަދުވެތި ކަމެއް ކަމަށް ވަހީދު ވިދާޅުވި އެވެ.

"އެއީ ލަދުވެތި ކަމެއް. އެ މީހުންގެ ފެންވަރު ނެތްކަން ފެނިގެން ދަނީ،" ވަހީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ހެޔޮ ވެރިކަމެއް ގާއިމު ކުރެވޭނީ ޔާމީން މިނިވަންވެގެން ކަމަށާއި އެހެންވެ، އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ޕީޕީއެމުން ކުރަން ޖެހޭނެ ކަމަށެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި ވެސް އެކަމަށް ގިނަ މަސައްކަތްތަކެއް ޕީޕީއެމުން ކުރަމުންދާ ކަމަށް ވަހީދު ވިދާޅުވި އެވެ.