ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުން ފުރުސަތު ގެއްލޭ ހާލަތެއްގައި އިންތިހާބަށް ނުކުމެވަޑައިގެން ކާމިޔާބު ކުރެއްވިއްޖެ ނަމަ ޔާމީން ގާނޫނީ ހަމަތަކުގެ މަތިން ޖަލުން މިނިވަންކުރުމުގެ މަސައްކަތް ފުރަތަމަ ދުވަހު ވެސް ފައްޓަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު އެހެން ވިދާޅުވީ، ޕީއެންސީގެ މަޝްވަރާ މަޖިލިހުގައި މިއަދު ހަވީރު ނެގި ސިއްރު ވޯޓު 25 ވޯޓުން ކާމިޔާބު ކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ.
އެ އިންތިހާބުގައި މުއިއްޒާ ވާދަކުރެއްވި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.
"ރައީސް ޔާމީންގެ ލަފަ އާއި އިރުޝާދުގެ މަތިން މި ދެ ޕާޓީ ވެސް މަސައްކަތް ކުރާނީ. މުޅި ޕާޓީ، އަޅުގަނޑުމެން ދެ މީހުން ވެސް މުޅި ޕްރޮގްރެސިވް ކޯލިޝަންގެ ވެސް ހުރިހާ ވެސް ވިސްނުމަކީ ރައީސް ޔާމީން މިނިވަން ވަޑައިގެން އިންތިހާބުގައި ވާދަކުރެއްވުން،" އާދަމް ޝަރީއާ އެކު މީޑިއާއާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވާއިރު، އެ ހުކުމް އަދިވެސް ދެމިއޮތުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ ޔާމީންގެ ކެމްޑިޑެސީ ފޯމު ބަލައިނުގެންފަ އެވެ. އެހެންވެ، އެ މައްސަލަ ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ފުރަތަމަ އަޑުއެހުން މާދަމާގެ މެންދުރުފަހު ތިނެއް ޖަހާއިރަށް ވަނީ ތާވަލް ކޮށްފަ އެވެ
މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމި ޔާމީނަށް އެއްކޮށް ފުރުސަތު ބަންދުވުމުންނެވެ. ވިދާޅުވީ، އަބަދުގެވެސް އެދުމަކީ ޔާމީނަށް އިންސާފު ލިބި، މި ފަހަރުގެ ރިޔާސީ އިންތިހާބުން އެ މަނިކުފާނަށް ފުރުސަތު ލިބުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ ހާލަތުގައި [ޔާމީނަށް ފުރުސަތު ގެއްލިއްޖެ ނަމަ] ވާދަކޮށް، އިންތިހާބު ކާމިޔާބުކޮށް ހަމަ ފުރަތަމަ ދުވަހު ވެސް އެންމެ ފުރަތަމަ ކަމަށް ވެސް އަޅުގަނޑުމެން ކުރާނެ މަސައްކަތަކީ ރައީސް ޔާމީން މިނިވަންކުރުން،" ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
ވެރިކަން ކާމިޔާބު ކުރެވިއްޖެ ނަމަ ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވާނަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ، އެއީ ވަރަށް ތަފުސީލްކޮށް ދެއްކެވެން ޖެހޭނެ ވާހަކަތައް ކަމަށާއި ޔާމީންގެ ލަފަ އާއި އިރުޝާދު ބޭނުންވާނެ ކަމަށެވެ. ތަކުރާރުކޮށް އެކިއެކި ސުވާލު ކުރުމުން ވެސް ވިދާޅުވީ ޔާމީންގެ މަޝްވަރާ ނެތި އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.
ޔާމީނަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެވޭ ހާލަތުގައި ޕީއެންސީން ކެންޑިޑޭޓަކު ދައްކައި ދެއްވުމަށް ޔާމީންގެ އަރިހުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތިންފަހަރު އެދުނު ނަމަވެސް އެ މަނިކުފާނު އެކަން ދޫކޮށްލެއްވީ ޕީއެންސީ އަށެވެ.
ޔާމީންގެ އެންޑޯޒްމަންޓް މުއިއްޒަށް ލިބިވަޑައިގަންނަވާނެތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ، ޕީޕީއެމާއި ޕީއެންސީއަކީ ޔާމީންގެ ދެ ޕާޓީ ކަމަށާއި މިއަދުގެ ވޯޓު ނެގުން ވެސް ބޭއްވީ މަޝްވަރާގެ މަތިން ކަމަށް ވާތީ ސުވާލެއް ނެތް ކަމަށެވެ.