ޖަމިއްޔަތުއް ސަލަފަކީ ސިޔާސީ މަސައްކަތްކުރަން ނުކެރުނު ބަޔަކު ފިލާ ތިބި ޖަމާއަތެއް ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ނަޒީރު ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ސަލަފުން އިއްޔެ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމުންނެވެ. ޕީޕީއެމުން ބުނި ގޮތުގައި، އެއީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީއާއެކު ސަލަފުން މަސައްކަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ނިޒާރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ފުންނާބު އުސް ދީނީ އިލްމުވެރިންގެ ބައިވެރިވުމާއެކު މިފަދަ ކަންކަން ހިންގުމަކީ ހިތާމައެއް ކަމަށެވެ.
ގާނޫނުގެ ހުދޫދުން ބޭރުވާ މަދަނީ ޖަމިއްޔާތަކަށް، ޖަމިއްޔާތަކުގެ ރަޖިސްޓްރާ ނަސޭހަތްތެރިވެ، އެކަން ހުއްޓުވަން ޖެހޭ: ނިޒާރު
އޭނާ ވިދާޅުވި ގޮތުގައި، އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ހުއްދަކުރާ ބައްދަލުވުމެއް ނޫނެވެ. ސިޔާސީ ޕާޓީތަކާއެކު އިންތިހާބުތަކާ ގުޅޭ މަޝްވަރާކޮށް، ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަންނަން ވާނީ އިލެކްޝަން ކޮމިޝަންގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ޕާޓީއެއް އުފައްދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ޖަމިއްޔާތަކުގެ ގާނޫނުގައިވާ ގޮތުން އެއްވެސް ޖަމިއްޔާއަކުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ މަނާކަމެކެވެ.
"އިސްލާމްދީނުގެ ދައުވަތަށް ހާސިލްވެ މަދަނީ ޖަމިއްޔާ ހިންގަން ވާނީ ގާނޫނުގެ ތަރަހައިގެ ތެރޭގައި،" ނިޒާރު ވިދާޅުވި އެވެ.
"ގާނޫނުގެ ހުދޫދުން ބޭރުވާ މަދަނީ ޖަމިއްޔާތަކަށް، ޖަމިއްޔާތަކުގެ ރަޖިސްޓްރާ ނަސޭހަތްތެރިވެ، އެކަން ހުއްޓުވަން ޖެހޭ."
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އިދިކޮޅުން ސަލަފާއެކު މަޝްވަރާކޮށްފައި ވާއިރު، އެ ޖަމިއްޔާއިން މި ސަރުކާރުގެ އެކި ސިޔާސަތުތަކަށް މިފަހުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އެ ޖަމިއްޔާއިން ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ކުރީގެ ރައީސް ޔާމީނަށް ތާއީދުކޮށްފަ އެވެ.