މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި، އެގްރިކަލްޗާ މިނިސްޓަރު ޑރ. ރަމީލާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
02 ޑިސެމްބަރ 2023 - 23:41
އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ކެންސަރުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުން، އެ މިނިސްޓްރީ ހިންގުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ވަގުތީގޮތުން ހަވާލުކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ ހިންގުން، ޣައްސާނާ ހަވާލުކުރެއްވީ، ރަމީލާ މިދިޔަ މަހުގެ 23 ގައި ބޭރަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވަންދެން ކަމަށެވެ.
މިނިސްޓަރު މިދިޔަ ބުރާސްފަތި ދުވަހު ލިޔުއްވި ފޭސްބުކް ޕޯސްޓުގައި ވިދާޅުވީ ކެންސަރަށް ޑައިގްނޯސްވުމާ ގުޅިގެން ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ނެގުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ.
އެ ބަލި ޖެހިފައިވާކަން އެނގުނީ ކެންސަރުގެ އެންމެ ފަހު ސްޓޭޖުގައި ހުއްޓާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ކެންސަރުގެ ތަފްސީލެއް ނުދެއްވަ އެވެ.
ރަމީލާގެ ޕޯސްޓުގައި ވިދާޅުވީ ހައިޕެކް ފަރުވާ ހޯއްދަވަން ވަޑައިގަންނަވާ ކަމަށެވެ. އެ ފަރުވާ އާއްމުކޮށް ދެނީ ބަނޑުގެ ކެންސަރަށެވެ.
"ވަރަށް ބަރު ހިތަކާ އެކު މި ވަގުތަށް އެންމެންނާ މި ވަކިވަނީ. ﷲގެ އިރާދަފުޅާ އެކު އަލުން ބައްދަލުވާނެ." ރަމީލާގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު މަސައްކަތް ފެއްޓެވި ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރެއްގެ މަތިން ކުރިން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިލް
03 December 2023
މިނިސްޓަރު ކަމާ، ސަރުކާރުގެ ސިޔާސީ އެހެން މަޤާމުތައް ގާތް ތިމާގެ މީހުނަށާ ރައްޓެހިންނަށް ބަހަމުން ދާއިރު، އެއީ ޤާބިލު މީހެއްތޯ ނުބަލާތާންގައި، ކުޑަމިނުން ސިއްހަތު ރަނގަޅާށް ހުރި މީހެއްތޯ ބެލުން މުހިންމު. ކެންސަރު ފަދަ ބައްޔަށް ފަރުވާހޯދަމުންދާ ފަރާތަކަށް މިނިސްޓްރީއެއް ނޫނީ ކުންފުންޏެއް (ޕީއެސްއެމް) ހިނގޭނެ ތޯ އެއީ ސުވާލުވެސް އުފެދޭ ކަމެއްނޫން، އެއީ ފުލް ކެޕޭސިޓީގައި ނުހިންގޭނެތީ. މީ ވަރަށް ދެރަކޮށް މި ސަރުކާރުން ކުރާ ކަމެއް! މަދިން ވޯޓް ފެއިލް!
އޭނާ.
03 December 2023
މަދުވައްތަރެއްގެ ކެންސަރުތައް ފައިނަލް ސްޓޭޖުގައި ހުރެގެން ރިކަވާ ވަނީ. އެހެންނޫނަސް ކެންސަރަށް ހޯދާ ފަރުވާއަކީ ހަށިގަޑަށް ބޮޑުލޮޅުކަމެއް ގެނެސްދޭ، ދިގުމުއްދަތަކަށް އަރާމުކުރަންޖެހޭ ކަމަކަށްވުމުން ތިކަހަލަ ޒިންމާދާރު ވަޒީފާއެއްގައި އުޅޭމީހަކު އެންމެ ރަގަޅުވާނީ ވަޒީފާއިން އިސްތިއުފާދިނުން. ސަބަބަކީ ވަޒާފާގެ ހުރެންގެން އަންނަ ސްޓްރެސް ރިކަވަރީ އަދި ރިހެބިލިޓޭޝަން ބޮޑު އަސަރެއް ކުރާނެތީ.
ލޭޑީސް އެންޑު ޑެންޓަލްކެއާ
03 December 2023
ކީއްވެ ފައިސަލްއާ ހަވާލު ނުކުރީ، އެހާ ގާބިލު ތައުލީމީ މީހެއް ހުއްޓާ.
އާންމު ރައްޔިތު މީހާ
03 December 2023
އިސްތިއުފާދީފަ ބޭސްފަރުވާއަށް ދިޔުމަކީ އެންމެ ރަގަޅު ގޮތް! އާންމު ރައްޔިތުން ވަޒީފާ އެއްޗެހި ދޫކޮށްފައި ދާން މިޖެހެނީ! ސަރުކާރުން ބަލަދު އަރަނީ ވަކިބަޔަކަށްތަ؟ ބަލި މީހާއަށް އަވަސް ޝިފާއަކަށް އެދެން!
ނަގިއްޔާ
03 December 2023
ރާމީލާވީމައެއްނުން. ބޮޑެތި މަގާމުތަކަށް މީހުން ހަމަޖައްސާއިރު ފުރިހަމަ މެޑިކަލްޗެކަޕެއް މުހިންމުކަންނޭގެ. ގިނަފަހަރަަށް ދިވެހިންނަކީ ބޭރުގެ ގިނަގައުމުތަކުގެ މީހުންނާ ޚިލާފަށް އުމުރުން ވަކިވަރެއްވީމަވެސް ހަދަންޖެހޭ ބޭސިކް ޓެސްޓެއްވެސް ހަދާބައެއްނުން. އަޅައެއްވެސް ނުލާނެ ބަލި އަރާ ހަމަކުރަންދެން 40 މަތިވެ 50 ދާއިރުވެސް ތިބޭނީ، ކަންނެތްކަމުގައި. ބައެއް ބަލިތަކަކީ އޭގެ ފުރަތަމަކޮޅު ޑައިގްނޯސްކުރެވި ފަރުވާކުރެވިއްޖެއްޔާ ރަގަޅުވާ ބަލީތައް.
ބީރުބޭ
03 December 2023
ޣައްސާނު ތިއީ ޔާމީނަށް އެންމެ ވަފާތެރި މީހާ. ހާދަ ބައިވަރު ކަންތަކެއް ތިހަވާލު ކުރައްވަނީ. އަދިވެސް އެ އުލުއްވަނީ އުތުރު ތިލަފަޅު ވިއްކާލި އެގޮރިމެންޓްތަށްވެސް ނުޙޯއްދެވިގެން.
އިބުރާ
03 December 2023
އެހެން ވެގެންނޭ ހަވާލުކުރީ. އޭރުން ބުނެވޭނެތާ 2 މިނިސްޓްރީގެ މަސައްކަތުގައި އުޅުއްވާ ބުރަކަމުން އަދި އެކަމެއް ނުވެޔޭ. 2028 އަންނަންވާ އިރަށް ވެސް ތިކަން ވެއްޖިއްޔާ ރަގަޅު.