ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ބްރޭންޑު ކުރުމާއި އިޝްތިހާރު ކުރުމަށް ހާއްސަ ކުންފުންޏެއް އުފައްދަން ސަރުކާރުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، އެ ކުންފުނިން މަސްވެރިކަމުގެ އުފެއްދުންތައް ކަމަށްވާ އެކުއަކަލްޗާ އާއި މެރިކަލްޗާ ފަދަ ކަނޑުގެ ވަސީލަތްތައް އިޝްތިހާރު ކުރާނެ ކަމަށެވެ.
އެ ދާއިރާ އަށް ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފްކޮށް، ޕްރީމިއަމް ޕްރޮޑަކްޓެއް ގޮތުގައި ބައިނަލްއަގުވާމީ މާކެޓުތަކަށް ނެރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރާނެ ކަމަށް ޝަހީބު ވިދާޅުވި އެވެ.
"ވަކި އިދާރާއެއް ގޮތުގައި ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ ނަމުގައި 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފެއްދުމަށް ވަނީ ނިންމައިފައި،" ޝަހީބު ވިދާޅުވި އެވެ.
އެ ކުންފުނި އުފައްދަން ބޭނުންވާ 37 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ކެބިނެޓުން ނިންމާފައިވާ ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ.
މަސްވެރިކަމުގެ ދާއިރާ އިޝްތިހާރު ކުރުމުގެ މަސައްކަތް މީގެ ކުރިން ކުރަމުން އަންނަނީ ފިޝަރީޒް ޕްރޮމޯޝަން ބޯޑުންނެވެ.
އާ ކުންފުނި އުފެއްދުމާ އެކު، އެ ބޯޑު އުވޭނެ ކަމަށް ޝަހީބު ވިދާޅުވި އެވެ.
މަސްވެރިކަން ޕްރޮމޯޓު ކުރަން ވަކި ކުންފުންޏެއް އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ވެސް މެ އެވެ.