އެލްޖީއޭގެ ސީއީއޯއަކަށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ މިއަދު އައްޔަންކޮށްފި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮތޯރިޓީގެ އިސްވެރިއަކަށް، މ. ވައިނުޖެހޭގެ، ޒުލްފާ ހަމަޖައްސަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ.
ޒުލްފާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަން އިން ޕަބްލިކް އެންޑް އިންޓަނޭޝަނަލް ލޯއިން މާސްޓާސް ހާސިލްކުރައްވައިފަ އެވެ. އޭގެ އިތުރުން ނިއުޒިލޭންޑްގެ ވައިކާޓޯ ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ނިންމައި، އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީގެ ކާޓިން ބިޒްނަސް ސްކޫލުން ޕީއެޗްޑީ ފުރިހަމަކުރެއްވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި ޒުލްފާ، އެ ވެރިކަން ބަދަލުވުމާއެކު ދިރިއުޅުއްވަން ރާއްޖެއިން ބޭރަށް ބަދަލުކުރެއްވި އެވެ. އެތައް އަހަރަކަށް ފަހު އޭނާ ވަނީ ރާއްޖެ ވަޑައިގެން، ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.
މި ފަހުން އެ މަގާމަަށް އައްޔަންކުރެއްވުމާ ހަމައަށް ޒުލްފާ ހުންނެވީ އޮސްޓްރޭލިއާގެ މެލްބަންގެ ޑިޕާޓްމަންޓް އޮފް އެނާޖީ، އެންވަޔަރްމަންޓް އެންޑް ކްލައިމެޓް އެކްޝަންގެ ނޭޝަނަލް ޕާކްސް އެޑްވައިޒަރީ ކައުންސިލްގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ.
އެލްޖީއޭގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަފްޝަން ލަތީފެވެ. އެކަމަކު، މިދިޔަ މެއި 18 ގައި އޭނާ އިސްތިއުފާ ދެއްވުމުން، މިހާތަނަށް އެ މަގާމު އޮތީ ހުސްކޮށެވެ.