ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ރަށު ކައުންސިލްތަކުން ހޮވާ މެންބަރާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން (ޑަބްލިއުޑީސީތަކުން) އިންތިހާބުކުރާ މެންބަރު ހޮވަން މިއަދު ބޭއްވި އިންތިހާބު، ވޯޓު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފި އެވެ.

އެލްޖީއޭ އިން އާއްމުކުރި ވަގުތީ ނަތީޖާގައިވާ ގޮތުން ބޯޑުގެ އިންތިހާބު ޕީއެންސީން ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީން ވާދަކުރި ކެންޑިޑޭޓުންގެ މައްޗަށް ކުރި ހޯދައިގެންނެވެ. 

އިންތިހާބު ކާމިޔާބުކުރީ 

އަލީ އަހްމަދު، ފ. ނިލަންދޫ ކައުންސިލްގެ ރައީސް 

މަރިޔަމް ޒީނާ، ށ. ފުނަދޫ ޑަބްލިއުޑީސީ ރައީސް 

އެލްޖީއޭގެ ބޯޑަށް ރަށު ކައުންސިލްތަކުން އިންތިހާބުކުރާ މެންބަަރުގެ މަގާމު ޕީއެންސީގެ ކެންޑިޑޭޓް، އަލީ އަހުމަދު ކާމިޔާބުކުރެއްވީ 87 ވޯޓުގެ ތަފާތަކުންނެެވެ. އޭނާއަށް 314 ވޯޓް ލިބިވަޑައިގަތް އިރު އެމްޑީޕީގެ ކެންޑިޑޭޓް އަލީ ޒާފިރަށް ލިބިވަޑައިގަތީ 227 ވޯޓެވެ.

ޑަބްލިއުޑީސީތަކުން އިންތިހާބުކުރާ މެންބަރުގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް މަރްޔަމް ޒީނާ ކާމިޔާބުކުރެއްވީ 26 ވޯޓުގެ ތަފާތަކުންނެވެ. 

އޭނާއަށް 93 ވޯޓް ލިބިވަޑައިގެންނެވި އިރު އިދިިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް މަރްޔަމް ނީނާއަށް ލިބިވަޑައިގަތީ 67 ވޯޓެވެ. 


އެލްޖީއޭގެ އިންތިހާބު ޕީއެންސީގެ ދެ ކެންޑިޑޭޓުން ކާމިޔާބު ކުރެއްވުމުން ރައީސް ޑރ. މުއިއްޒު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ސިފަކުރެއްވި ގޮތުގައި އެލްޖީއޭގެ ބޯޑަށް ޕީއެންސީގެ ދެ ކެންޑިޑޭޓުން އިންތިހާބާކުރީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ހިދުމަތްތަކާއި ފުރުސަތުތައް ލާމަރުކަޒުކޮށް ރައްޔިތުންނާ ގާތުން ފޯރުކޮށްދޭން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެކަމަށް ކައުންސިލަރުން ދިން ބާރެއްގެ ގޮތުގަ އެވެ.

"ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ހިދުމަތްތަކާއި ފުރުސަތުތައް ލާމަރުކަޒުކޮށް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެކަމަށް ބާރުދެއްވައި، ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރެއްވި ދެ ބޭފުޅުންނަށް ތާއީދުކުރައްވައި ވޯޓުދެއްވި ހުރިހާ ރަށު ކައުންސިލަރުންނަށާއި އ.ތ.މ. ކޮމިޓީތަކުގެ ރައީސުންނަށް ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރުދަންނަވަން،" އެމަނިކުފާނު ވިދާޅުވި އެވެ.

އިންތިހާބު ކާމިޔާބުކުރަން ޕީއެންސީގެ ލީޑަޝިޕާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދާއިރާތަކުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކުގެ ރައީސުން ހިމެނޭހެން އެންމެހާ ފަރާތްތަކުން ކޮށްދެއްވި މަސައްކަތަށް ޝުކުރުއަދާކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.