ވިލިމާލޭގެ މަގު ހެދުމުގެ މަޝްރޫއުގެ ސާވޭ އަދި އީއައިއޭ ހަދަން، 1.7 މިލިއަން ރުފިޔާއަށް އާރްޑީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތައާމު މުހައްމަދު އަދި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރު މިއަދު ވަނީ ސޮއި ކުރައްވައިފަ އެވެ.
އެ ދެ މަސައްކަތް ހަވާލުކުރީ 1،794،990ރ. އަށެވެ.
އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ވިލިމާލޭގެ މަގުތަކަކީ ސަރުކާރުން ވަރަށް އިސްކަން ދީގެން ތަރައްގީ ކުރަން ބޭނުންވާ ތަނެއް ކަމަށެވެ.
ސަރުކާރުން ވަނީ ވިލިމާލޭގެ ފެނާއި ނަރުދަމާ އަދި ކަރަންޓު އަޕްގްރޭޑް ކުރުމުގެ ސާވޭ ހަދަން ވެސް ހަވާލުކޮށްފަ އެވެ. މުއްތަލިބު ވިދާޅުވީ މަގު ހަދާއިރު ފެނާއި ނަރުދަމާ އަދި ކަރަންޓު ރަނގަޅަށް އެކަށައެޅިގެން ދިއުމުން، ފަހުން ދިމާވާ ދަތިތަކުން ސަލާމަތްވާނެ ކަމަށެވެ.
އެހެންވެ ރަނގަޅަށް އެ މަސައްކަތް ކުރުމަށް މި ވަގުތު ނަރުދަމާ އަދި ކަރަންޓުގެ ސާވޭ ނިމެން ވާއިރަށް މަގު ހެދުމަށް ބޭނުންވާ ތައްޔާރީތައް ވަމުން އަންނަކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އެ އެއްބަސްވުމުގެ ދަށުން 5.6 ކިލޯ މީޓަރުގެ މަގު ހެދުމާއި ސްޓޯމް ވޯޓާ ޑިޒައިން ހިމެނިގެންދާނެ އެވެ. އަދި އަމަލީ މަސައްކަތް ފެށިގެން ދާއިރު މަގު އަޑިއަށް ލާންޖެހޭ ހޮޅިތައް ވަޅުލައި، ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ވިލިމާލެ ރައްޔިތުން ވަރަށް ބޭނުންވާ ކަމެއް މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެން ދިއުން. ރައްޔިތުންނާ ވެސް މަޝްވަރާ ކުރެވި، ރައްޔިތުން ބޭނުންވާ ގޮތަށް މަގު ހެދުމަށްޓަކައި ޑިޒައިންތަކާ އެއްޗެހި ހެދިގެން ދާނެ." އޭނާ ވިދާޅުވި އެވެ.