ބޭރުގެ ވެރިންނާ މެދު އިހްތިރާމް ކުޑަކޮށް، މުއާމަލާތްކުރާ މީހުންނާ މެދު ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިހެން ބުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅެއްގައި އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އާންމު ކުރެއްވި ވީޑިއޯއަކަށް ރާއްޖޭގެ ދެ ޑެޕިއުޓީ މިނިސްޓަރަކު އިހްތިރާމް ކުޑަކޮށް ފާޑު ވިދާޅުވި މައްސަލައަކާ އެކު ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އެ މައްސަލާގައި އިންޑިއާގެ ނޫސްތަކުންނާއި ބައެއް ފިލްމީ ތަރިންނާއި ގިނަ އަދަދެއްގެ އިންޑިއާ މީހުން އަންނަނީ ރާއްޖެއަށް ފާޑު ކިޔައި އެ މީހުންނާ މެދު ފިޔަވަޅު އަޅަން ސަރުކާރަށް ގޮވާލަމުންނެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޭރުގެ ލީޑަރުންނާއި މަތީ ފަންތީގެ އެކި ބޭފުޅުންނަށް މަލާމަތް ރައްދުވާ ގޮތަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކުރާ ޕޯސްޓުތައް ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ސަރުކާރުން ބުނީ އެއީ އެގޮތަށް ވާހަކަ ދައްކާ މީހުންގެ އަމިއްލަ ހިޔާލު ކަމަށާއި ދިވެހި ސަރުކާރުން ދެކޭ ގޮތް ނޫން ކަމަށެވެ.

"ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަން ޖެހޭނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި، ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކާއި ބައިނަލްއަގުވާމީ ބައިވެރިންނާ މެދު ނަފްރަތު ނުއުފެދޭ ގޮތަށް" ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ބޭރުގެ ފަރާތްތަކާ މެދު އިހްތިރާމް ކުޑަކޮށް މުއާމަލާތް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ސޯޝަލް މީޑިއާގައި މި މައްސަލައިގައި ބަހުގެ ހަމަލާތައް ދެ ގައުމުގެ އެކި ފެންވަރުގެ މީހުންގެ މެދުގައި ބަދަލުކުރަމުން އަންނައިރު އިންޑިއާގެ ނުފޫޒު ގަދަ އެތައް ބަޔަކު ވެސް ވަނީ ރާއްޖެއާ ދެކޮޅު ވާހަކަތަކަށް ބާރުދީ ވާހަކަ ދައްކައިފަ އެވެ. އަދި އެތައް ބަޔަކު އަންނަނީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރުމަށް ގޮވާލަމުންނެވެ.

މިވަގުތު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާ އިންނެވެ.