ކުނި އުފުލުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިތުރު 30 އުޅަނދު ގެނެސްފި އެވެ.

ކުނީގެ މައްސަލަ ހައްލުކުރުމަށް އަލަށް ގެނެސްފައިވަނީ 20 ޓްރައިސައިކަލާއި 10 ކޮމްޕެކްޓާ ޓްރަކްސް އެވެ.

މި ވެހިކަލްތައް ތައާރަފްކުރަން އިންޑަސްޓްރިއަލް ވިލެޖުގައި މިއަދު ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، މާލެ އަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަ ކަމަށާއި އެކަން ހައްލުކުރުމަށް ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މިހާރު ބައެއް މީހުން ކުނި އުފުލަނީ، ބައިސްކަލްގެ ދެ ފަރާތުގައި ކުނި ކޮތަޅު އެލުވައިގެން ކަމަށް ވުމުން އެއީ ސިއްހީ ގޮތުން ވެސް ނުރައްކާތެރިކަމެއް ކަން މިިނިސްޓަރު ފާހަގަކުރެއްވި އެވެ.

ވެމްކޯއިން މިއަދު ބޭއްވި ހަފްލާގައި އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް ވާހަކަ ދައްކަވަނީ .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ވެމްކޯއިން މިއަދު ބޭއްވި ހަފްލާގައި އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް ވާހަކަ ދައްކަވަނީ .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ޕިކަޕު ފަދަ އެއްޗެހީގައި ހާމަކަން ބޮޑު ގޮތެއްގައި ކުނި އަޅައިގެން ދާއިރު، މަގުމަތިން ހިނގާފައި ދާ މީހުންނަށް ވަރަށް އުނދަގޫވޭ. އަދި މަގުމައްޗަށް ކުނި އެޅިގެންދޭ. ބައިސްކަލްގައި ދެ ފަރާތުގައި ކުނި ހިފައިގެން ދިއުމަކީ ވަރަށް އަންހައިޖީނިކް ކަމެއް،" ތޯރިގް ވިދާޅުވި އެވެ.

ކުނީގެ މައްސަލަ ހައްލުކުރަން އެމްޑީޕީގެ ސަރުކާރުން ހަވާލުކުރި ޓަޓްވާ ކުންފުންޏަށް ވެސް ކުނީގެ މައްސަލައަށް ހައްލެއް ނުގެނެވުނު ކަމަށާއި ނަމަވެސް މި ސަރުކާރުން، މިދިޔަ ތިން އަހަރުގެ ތެރޭގައި އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދީ، ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ތޯރިގް ވިދާޅުވި އެވެ.

"މި ފާއިތުވި ތިން އަހަރުގެ ތެރޭގައި ކުނީގެ މައްސަލަ ހައްލުކުަރަން ގިނަ ކަންތައްތަކެއް ކުރެވިއްޖެ،" ތޯރިގް ވިދާޅުވި އެވެ.

ވެމްކޯއިން އަލަށް ތައާރަފްކުރި ޓްރައިސައިކަލް .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ވެމްކޯއިން އަލަށް ތައާރަފްކުރި ޓްރައިސައިކަލް .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ގޭގެއިން ކުނި ނެގުމުގެ މަސައްކަތް ވެސް ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، އެހެން ސަރަހައްދުތަކުން ވެސް ކުނި ގެންދިއުމުގެ ހިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކުނި އުފުލުމުގެ ހިދުމަތް ވެމްކޯއިން އެންމެ ފުރަތަމަ ފެށީ ސެނަހިޔާ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގެ ގެ ތަކުންނެެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކުނި އުފުލަށް އިތުރު އުޅަނދުތަކެއް ގެންނާނެ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

މާލޭގެ ކުނީގެ މައްސަލަ ހައްލުކުރަން ހަވާލުކޮށްފައިވާ ވެމްކޯ އިން ވަނީ ބޮޑު މަޝްރޫއެއް ފަށައިފަ އެވެ. އެ މަޝްރޫއުގެ ދަށުން، އިންޑަސްޓްރިއަލް ވިލެޖުގައި ކުނި އުކާލަން ހާއްސަ ކޮށްފައިވާ ބިން ތަރައްގީ ކުރުމުގެ މަސައްކަތް ހިމެނެ އެވެ. އަދި ތިލަފުށީގައި ކުނި ނައްތާލާނެ ނިޒާމެއް ގާއިމްކުރުމަށް މި އަހަރުގެ ބަޖެޓުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ވަނީ ހިމަނައިފަ އެވެ.