ސަރުކާރުގެ އަމާޒަކީ ކ. ތިލަފުށީގައި ކުނި އެންދުން މި އަހަރުން ފެށިގެން ހުއްޓާލުން ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ތިލަފުށީ ކުނީގެ މައްސަލަ ހައްލުކުރަން ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ފަށާފައިވާ 126 މިލިއަން ޑޮލަރުގެ މަޝްރޫއު ކުރިއަށްދާ ކަމަށެވެ.

ތިލަފުށީގައި ކުނި އެންދުން ހުއްޓާލަން އިންސިނޭޓަރުތަކެއް ގެނެސްފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެ އެއްޗެހި ހަރުކުރުމުގެ މަސައްކަތް ކަމަށް، އެންވަޔަރްމަންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގް ވިދާޅުވި އެވެ.

ތިލަފުށީ މަޝްރޫއުގެ ތެރޭގައި އިންސިނޭޓަރު ބެހެއްޓުމާއި ވޭސްޓް ހީޓް ސިސްޓަމްތައް ބެހެއްޓުން ހިމެނެ އެެވެ. އެއިން ކަރަންޓު އުފެއްދޭނެކަން ތޯރިގް ފާހަގަކުރެއްވި އެވެ. މި މަޝްރޫއުގައި ތިލަފުށީގެ ބިން ހިއްކައި މި ސަރަހައްދުގެ ކުނި ސެންޓަރުތައް ވެސް ތަރައްގީކުރާނެ އެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ މަހު މެޝިންތައް ހަރުކޮށް ނިންމައި މެޝިންތައް އެންމެ ފުރަތަމަ ބޭނުންކުރާނީ، ނުރައްކާތެރި ކުނި ނައްތާލަން ކަމަށެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި ތިލަފުށީގައި މިހާރުން މިހާރަށް ކުނި ނައްތާލުމާ ގުޅޭ މަސައްކަތުގެ ބޮޑު ބައެކެވެ.

ތިލަފުށީގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރަނީ: ކުނި އެންދުން މި އަހަރު ހުއްޓާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ތޯރިގް ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ތިލަފުށީގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރަނީ: ކުނި އެންދުން މި އަހަރު ހުއްޓާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ތޯރިގް ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިހާރު ކުރަމުން މި ދަނީ ތިލަފުށީގައި މިހާރުން މިހާރަށް ކުނި އެންދުން ހުއްޓުވަން ކުރަންޖެހޭ މަސައްކަތްތައް ކުރުން. އަޅުގަނޑުމެންގެ ޓާގެޓަކީ މި އަހަރުގެ ތެރޭގައި ތިލަފުށީގައި [ކުނި] އެންދުން ހުއްޓުން. މި ވަގުތު އެކަމަށް ބޭނުންކުރަން ބޭލާ ގެންނަން ވަނީ ނިންމައިފަ. ތިލަފުއްޓަށް އަރުވާ ހުރިހާ ކުންޏަކީ ބޭލް ކުރެެވިގެން ބެހެއްޓޭ ކުނިތަކެއް. އިރާދަކުރެއްވިއްޔާ އެ ކުނިތައް ފަހުން ތިލަފުށީގައި ބަހައްޓާ ބޮޑު އިންސިނޭޓަރު ޕްރޮޖެކްޓާ އެކު އެ އެއްޗެހިތައް އަންދާލެވިގެންދާނީ،" ތޯރިގް ވިދާޅުވި އެވެ.

އޭޑީބީގެ ޕްރޮޖެކްޓުގެ ދަށުން ތިލަފުށީގެ ދެ ވަނަ ފިޔަވަހީގައި ވޭސްޓް މެނޭޖްމަންޓުގެ ބޮޑު ސެންޓަރު އެޅުމަށް ބިން ހިއްކަން ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ތިލަފުށިން އަންދާ ކުނިން އަރާ ދުމާއި ވަހުގެ އަސަރު މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް ކުރާ ކަމަށާއި، ނަމަވެސް އެ މައްސަލައަށް ވަރަށް އަވަހަށް ހައްލު ހޯދައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.