ކުނީގެ މައްސަލަ ހައްލުކުރަން އޭޑީބީ އަދި ވޯލްޑް ބޭންކާ ގުޅިގެން އަންނަ އަހަރު ތިމާވެށީގެ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ ބޮޑު މަޝްރޫއެއް ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިރޭ ވިދާޅުވެއްޖެ އެވެ.

ކުނި މެނޭޖްކުރުމާ ގުޅޭ ގޮތުން މިހާތަނަށް ބާއްވާ އެންމެ ބޮޑު މަހާސިންތާ، "ސާފު ރާއްޖެ ގައުމީ މަހާސިންތާ" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ އެ ޕްރޮޖެކްޓުން އެންމެ އިސްކަމެއް ދޭނީ ތިލަފުއްޓަށް ގެންދާ ކުނި ނައްތާލުމުގެ ވަސީލަތްތައް ގާއިމްކުރަން ކަމަށެވެ.

ތިމާވެއްޓަށް ދިމާވާ މައްސަލަތައް ހައްލުކުރަން ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށާއި އެގޮތުން ކުނި މެނޭޖުކުރަން މި އަަހަރު 370 މިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސާފު ރާއްޖެ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތު .--މިހާރު ފޮޓޯ:ނިޝާން އަލީ
ސާފު ރާއްޖެ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތު .--މިހާރު ފޮޓޯ:ނިޝާން އަލީ

"މިއީ ހަމައެކަނި ބަޖެޓުން. ބަޖެޓުން ބޭރުން ވެސް މިއަންނަނީ އެހީތައް ހޯދަމުން. އިރާދަކުރެއްވިއްޔާ އަންނަ އަހަރު އެންމެ މުހިއްމު ޕްރޮޖެކްޓެއްގެ ގޮތުގައި ރާވަމުން މިއަންނަނީ ކުނި މެނޭޖްކުރުމަށްޓަކައި އޭޑީބީ، އޭއައިޑީބީ އަދި ވޯލްޑް ބޭންކުގެ އެހީގައި 100 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއް ފަށަން،" ޖޫން 22 ވަނަ ދުވަހު މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެން ފަހުން ޝަރަފުވެރިކޮށްދެއްވި ފުރަތަމަ ޖަލްސާގައި މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިލަފުށީ ކުނީގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އޭގެ އުނދަގޫ މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރާ ކަމަށާއި 2018ގެ ކުރިން ހައްލެއް ހޯދައިދޭނެ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގަމުން އަންނަނީ ވެސް ކުންޏާއި ތިމާވެށީގެ މައްސަލަތައް ހައްލުކުރާށެވެ. އަދި އަންނަ އަހަރުގެ ބަޖެޓް ހަދާއިރު އެ ޓެކްސްއާ އެއްވަރަށް ތިމާވެށީގެ ކަންކަމަށް ފައިސާ ބެހިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސާފު ރާއްޖޭ މަހާސިންތާގެ ބައިވެރިން ދަރުބާރުގޭގައި -މިހާރު ފޮޓޯ:ނިޝާން އަލީ
ސާފު ރާއްޖޭ މަހާސިންތާގެ ބައިވެރިން ދަރުބާރުގޭގައި -މިހާރު ފޮޓޯ:ނިޝާން އަލީ

އޭނާ ވިދާޅުވީ ކުނި މެނޭޖުކުރުމަކީ އިގުތިސާދަށް ވެސް މުހިއްމު ކަމެއް ކަމަށާއި މި ޒަމާނުގައި ކުނި "ރަނަށް" ވެސް ބަދަލުކުރެވިދާނެ ކަމަށެވެ.

އަންނަ އަންގާރަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި މަހާސިންތާގައި ފަސް ރަށެއް ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ރަށަކުން ޖުމްލަ 365 މަންދޫބުން ބައިވެރިވެ އެވެ. މި މަހާސިންތާގައި ތިމާވެއްޓާއި ކުންޏާ ގުޅޭ ގޮތުން މުހިއްމު ނިންމުންތަކެއް ނިންމާނެ އެވެ.