އަންނަ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި އޭނާގެ ދަރިފުޅު އިބްރާހިމް ނައުފަލު ވާދަކުރައްވާ ގޮތަށް ނިންމައިފި އެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރުގެ މަގާމުގައި ހުންނެވި ސަލީމަށް ވަނީ ޕްރައިމަރީއަކާ ނުލައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ކަށަވަރުވެފަ އެވެ. އިއްޔެ ބޭއްވި އެ ކޯލިޝަންގެ ޕްރައިމަރީގައި ސަލީމްގެ ދަރިފުޅު ނައުފަލު ވަނީ މުލަކު ދާއިރާގެ ޓިކެޓް ކަށަވަރު ކުރައްވައިފަ އެވެ.
އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންގެ ގޮތުގައި ސަލީމާއި އޭނާގެ ދަރިފުޅު ނުކުންނަވާނެ އެވެ.
ސަލީމް މެދުނުކެނޑި އޭދަފުށި ދާއިރާގެ ގޮނޑި ފުރުއްވާތާ 15 އަހަރު ވެއްޖެ އެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބު އޭނާ ކާމިޔާބު ކުރައްވައިފި ނަމަ އެއީ މަޖިލިހުގައި އޭނާ ހުންނަވާނެ ހަތަރު ވަނަ ދައުރެވެ.
ސަލީމާއި ނައުފަލުގެ އިތުރުން ސަލީމާ އެކު މަސައްކަތް ކުރައްވާ އިބްރާހިމް ޝުޖާއު ވެސް ބާރަށު ދާއިރާއަށް ވާދަކުރައްވަ އެވެ. މާލެ ސިޓީ ކައުންސިލްގެ މެންބަރު ޝުޖާއު އަށް ވެސް ޓިކެޓް ކަށަވަރުވީ ޕްރައިމަރީއަކާ ނުލަ އެވެ.
ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ޕްރައިމަރީއާ ނުލައި 13 ބޭފުޅަކަށް ކަށަވަރުވީއިރު، އިއްޔެ ޕްރައިމަރީ ބާއްވާފައިވަނީ 73 ދާއިރާއަކަށެވެ. 283 ކެންޑިޑޭޓުން ޕްރައިމަރީގައި ވާދަކުރި އިރު އޭގެ ތެރެއިން 32 ކެންޑިޑޭޓުންނަކީ އަންހެނުންނެވެ.
ނަމަވެސް އިންތިހާބުގައި ކާމިޔާބު ލިބުނީ އެންމެ އަންހެން ކެންޑިޑޭޓަކަށެވެ. އެއީ މާފަންނު މެދު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު އަސްމާ ރަޝީދެވެ. އޭނާ ކުރިން އުޅުއްވީ 18 ވަނަ މަޖިލިހުގަ އެވެ.
އިއްޔެގެ ޕްރައިމަރީގައި ކުރީގެ ގިނަ މެންބަރުންތަކެއް ވެސް ޓިކެޓް ކަށަވަރުކުރެއްވި އެވެ. އޭގެ ތެރޭގައި ދިއްގަރު ދާއިރާގެ ގޮނޑި އެ ދާއިރާގެ ކުރީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ހިމެނެ އެވެ.
ވިލިމާލެ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލެވެ. އިނގުރައިދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ 18 ވަނަ މަޖިލީހުގައި އެ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާޙިމް ފަލާހެވެ. އަދި ދިއްދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް އެ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ހޯއްދެވި އެވެ.
މާފަންނު ދެކުނު ދާއިރާގެ ޓިކެޓް ކުރީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހޯއްދެވި އެވެ. ތިނަދޫ އުތުރު ދާއިރާގެ ޓިކެޓް ހޯއްދެވީ އެ ދާއިރާގެ ކުރީގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. މިލަންދޫ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އެ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދެވެ. ދެން ޓިކެޓް ކާމިޔާބު ކުރެއްވި ބޭފުޅުންނަށް ބަލާއިރު، ތުލުސްދޫ ދާއިރާގެ ޓިކެޓް، މިހާރު ވެސް އެ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ކަށަވަރު ކުރެއްވި އެވެ.