ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފަސް ރަށެއްގައި ގާއިމްކުރި އިޔާާދަކުރަނިވި ހަކަތައިން ބޭނުންކުރާ ޑީސެލިނޭޝަން ޕްލާންޓުތައް ނިންމައި ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.

މި ހިލޭ އެހީގެ ދަށުން ޑީސެލިނޭޝަން ޕްލާންޓުތައް ގާއިމްކޮށްފައިވަނީ ރ. އަލިފުށި، ހއ. ކެލާ، ޅ.އޮޅުވެލިފުށި، ކ. ކާށިދޫގެ އިތުރުން ގއ. ދާންދޫގަ އެވެ.

ކޮންމެ ރަށެއްގައި ވެސް ދުވާލަކު 200 ޓަނުގެ ފެން އުފެއްދޭ ޑީސެލިނޭޝަން ޕްލާންޓެއް ގާއިމް ކޮށްފައިވާއިރު، 200 ކިލޯވޯޓުގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފަ އެވެ. އޭގެ އިތުރުން ކާށިދޫ ޕްލާންޓުގައި ވަނީ 100 ކިލޯވޯޓުގެ ވިންޑް ޓާބައިން ވެސް ހަރުކޮށްފަ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ނިންމި ކަމުގެ ލިޔުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިންފްރާސްޓްރަކްޗާއާ ބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަންގް ލީޝިން އެވެ.

މިއީ 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރު ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.