ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވުމަށް މާދަމާ ތާވަލްކޮށްފައިވާ ޖަލްސާގައި ބައިވެރިނުވާން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރަޓްސް ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުން މިއަދު ނިންމައިފި އެވެ.
އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން މިއަދު އެ ނިންމުން ނިންމާފައިވާ ކަން އެ ޕާޓީގެ އެއް މެންބަރަކަށް ވުރެ ގިނަ މެންބަރުން ވަނީ "މިހާރު"އަށް ކަށަވަރުކޮށް ދެއްވައިފަ އެވެ.
މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ޖަލްސާ ބޮއިކޮޓުކުރަން ނިންމި ސަބަބެއް މިހާތަނަށް އެ ޕާޓީން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ޑިމޮކްރަޓްސް ޕާޓީން ނެރުނު ބަޔާނެއްގައިވަނީ ޖަލްސާ ބޮއިކޮޓް ކުރަން ނިންމީ މަޖިލީހުން ރުހުން ނުދޭން ނިންމި ތިން ވަޒީރުން އަލުން މަގާމަށް އައްޔަން ކޮށްފައިވާތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނީ މާދަމާ ހެނދުނު 9 ޖަހާއިރު އެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން ވެސް މެ އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އަހަރެއްގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރަން ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ ހިމެނޭ ރިޔާސީ ބަޔާނެއް މަޖިލިހަށް އިއްވަން ޖެހެ އެވެ.
މީގެ ކުރިން ވެސް އެމްޑީޕީން އިދިކޮޅުގައި އޮތް އިރު އެކި ފަހަރުމަތިން ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓު ކޮށްފައިވެ އެވެ.