ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ ރޯދަ މަހުގެ ފަހުން ބާއްވާ ގޮތަށް، އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ކޮމިޓީ އަށް ފޮނުވަން ފާސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ނިންމާފައި ވަނީ އަންނަ މާޗް މަހުގެ 17 ގައި އިންތިހާބު ބާއްވާށެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ތެރެ އެވެ.

ނަމަވެސް އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި އެ ގާނޫނުގެ 43 ވަނަ މާއްދާ އަށް އަކުރުތަކެއް ވަނީ އިތުރުކޮށްފަ އެވެ.

އިސްލާހުގައިވާ ގޮތުން ރޯދަ މަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެ އެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ، އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް އިސްލާހުގައިވެ އެވެ.

އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނު ނުވަތަ އާންމު ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލު ކުރެވެން ނެތް ހާލަތެއް ކުރިމަތިވެއްޖެ ނަމަ، ރޯދަ މަހު އިންތިހާބު ނުބޭއްވުމަށްޓަކައި ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަދަލު ގެނެސް، އިލެކްޝަން ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަން ވާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

އެ އިސްލާހާ ގުޅޭ ގޮތުން މަޖިލީހުގައި މިއަދު ވާހަކަ ދެއްކެވި އެމްޑީޕީ އާއި ޑިމޮކްރެޓްސް އާއި ޖޭޕީ އަދި އެމްޑީއޭ މެންބަރު ތާއީދު ކުރި އެވެ.

އެ ބިލާ ގުޅޭ ގޮތުން ޕީޕީއެމްގެ މެންބަރަކު ވާހަކަ ނުދައްކަވަ އެވެ. އަދި ޕީއެންސީގެ ފަރާތުން ވާހަކަ ދެއްކެވީ އެ ޕާޓީ އާ އަލަށް ގުޅިވަޑައިގަތް ދެ މެންބަރެވެ. އެ ދެ މެންބަރުން ވެސް އެ ބިލަށް ތާއީދު ކުރައްވާ ކަމަކަށް ވިދާޅެއް ނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު ނެގި ވޯޓުގައި ފެންނަ ކަަމަށް ވޯޓު ދެއްވީ 39 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.

އެ ބިލަށް ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި އެ ޕާޓީގެ އެހެން މެންބަރުންނެވެ.

އެހެންވެ ބިލު ބަލައިގަތުމަށް ފާސްވެއްޖެ ކަމަށް ރިޔާސަތުން އިއުލާން ކުރި އެވެ. އަދި ފަސް މެންބަރުންގެ ކޮމިޓީ އަކަށް ފޮނުވަން ފާސްވި އެވެ.

މިހާރު ކުރިއަށްދާ ގެންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު މެއި 28، 2024 އަށް ހަމަވާނެ އެވެ.