ކަނޑޫދޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
07 ފެބުރުއަރީ 2024 - 16:00
ބާކީވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ތ. އަތޮޅަކީ ތަރައްގީގެ އެންމެ ކުރީ ސަފުގައި ފުރުސަތުތައް ލިބޭ އަތޮޅަކަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މިއަދު މެންދުރު މި އަތޮޅު ކަނޑޫދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ މި ދިގު މާޒީގައި މި އަތޮޅު މިހާ ބޮޑަށް ތަރައްގީގެ ރާޑަރުން ކައްސާލައި، ބާކީ ވެފައި ނުވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެކަން ނިމުމަކަށް ގެނެސް، މި އަތޮޅުގެ ރަށްތަކަކީ ތަރައްގީގެ ސަފުގައި ގުނާލެވޭ ރަށްތަކަކަށް މި ސަރުކާރުން ހަދާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި އަތޮޅަކީ ތަރައްގީގެ އެންމެ ކުރީ ސަފުގައި ފުރުސަތުތައް ލިބޭ، ތަރައްގީ ވެފައި ހުރި ވެފައިހުރި ރަށްތަކެއް ހިމެނޭ އަތޮޅަކަށް ހަދައިދޭނަމޭ،" ރައީސް ވިދާޅުވި އެވެ.
ކަނޑޫދޫއިން ރައީސަށް މަރުހަބާ ދެންނެވުން؛ -- ފޮޓޯ: ރައީސް އޮފީސް
އިގްތިސާދީ ގޮތުން ގޮންޖެހުންތައް ހުރިކަމަށާއި އުނދަގޫ ފިޔަވަޅުތަކެއް އަޅަން ޖެހިފައި ވިޔަސް ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރަމުން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ބަހާލައިގެން ޕީއައިސްޕީ މަޝްރޫއުތައް ހިންގައި އާމްދަނީއިން ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން ހުރިހާ ކަމެއް ވެސް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކަނޑޫދޫގެ ތަރައްގީއަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، މި ރަށުގެ ސިއްހީ މަރުކަޒު ބަޔަކާ ހަވާލުކޮށްފައި އޮތްނަމަވެސް އެއްގޮތަކަށް ވެސް މަސައްކަތް ނުހިނގާ އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށް ކައުންސިލުން ބުނާއިރު އެކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
"ޖުމްލަކޮށް ސިއްހީ ނިޒާމު ވަރުގަދަކުރުމަށް މި ރަށުގައި ގެންދަން ޖެހޭ ހެލްތް ސެންޓަރު މަޝްރޫއަށް ހާއްސަ އިސްކަމެއް ދީގެން އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ދަތުރަށްފަހު ގޮސް ކަމާ ގުޅޭ ހުރިހާ މަސައްކަތްތައް އަވަސް ކުރުވައި އެ މަސައްކަތް ރަނގަޅަށް ނިންމައިދޭނެ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ލެބޯރޭޓަރީއެއް ގާއިމްކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް މި ރަށުގައި ވެސް އެ ހިދުމަތް ގާއިމްކޮށް މީހުން ތަމްރީނު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކަނޑޫދޫއިން ރައީސަށް މަރުހަބާ ދެންނެވުން؛ ރައީސަށް އަރުވާފައިވަނީ ކަނޑޫދޫ މިރުހުން ތައްޔާރުކޮށްފައިވާ މާބޮނޑިއެއް-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ، މި ރަށުގައި ނަރުދަމާ އާއި ބަނދަރުގެ މަޝްރޫއު ހުއްޓިފައި އޮތީ ބަލައިނުލައި ކުންފުނިތަކުން ހަރަދުތައް ކޮށް، އެތައް 100 މިލިއަނަކުން ދަރަނިވެފައި އޮތުމުން ކަމަށެވެ.
"އިންތިހާބެއް އައީމާ އިންތިހާބަށްޓަކައި ދަޅައެއް ދައްކާލުމަށް ކަޑަޖަހާ އުސޫލުް މިފަދަ ކިތަންމެ ކަމެއް ކޮށްފައި އެބަހުރި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ މަޝްރޫއުތައް ހަގީގަތަކަށް ހަދައިދޭން އައިސް މި ތިބީ،" ރައީސް ވިދާޅުވި އެވެ.
ކަނޑޫދޫއަކީ ދަނޑުވެރިއެއް ރަށެއް ކަން ފާހަގަކުރައްވައި މި ރަށު ރައްޔިތުން އެދޭ ގޮތަށް ދަނޑުވެރިކަން ކުރުމަށް ރަށް ކައިރި ފަޅު ރަށް ހޯދައިގެން ކުރިއަށް ދިއުމުގެ ފުރުސަތު މިހާރު ފަހިކޮށްދެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ހުރިހާ ކަމަކުން ކަނޑޫދޫ ރައްޔިތުންގެ މާޔޫސްކަން ހައްލުކޮށްދެއްވާނެ ކަަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާޒިމް ނ
08 February 2024
އަބަދު ހެޑްލައިން އަޅާގެން ކަމުނުދާނެ. އެތަނަށް ގެންނަންެއޮތް ބޮޑުޕްރޮޖެކްޓް ދަންނަމީހަކު ބުނެލަދެއްވާ.
ސުނެއިނާ މުހައްމަދު
08 February 2024
ދެން އަހަރުމެން ނުޖެހޭނެ ކޮންމެހެން ހިދުމަތް ހޯދަން މާލެ ދާކަށް. އަތޮޅުން ނިންމާލެވޭނެ.
މުހައްމަދު އަސްލަމް
08 February 2024
މަގޭ އަތޮޅު. ތަރައްގީވެގެން ދަނީ މިދައުރުގައި.
ސުވޭދާ މުހައްމަދު
08 February 2024
މިހެންވެ އަހަރުމެން އަތޮޅުން މަނިކުފާނަށް ބޮޑު އަގުލަބިއްޔަތެއް ދިނީ.
ރުހުމާ މުހައްމަދު
08 February 2024
އަލްހަމްދުﷲ. އުފާވެރި ހަބަރެއް.
ތިލަދުން
08 February 2024
އަހަރެމެންކީއްވެފަހަތައްޖެއްސީ' މިއަތޮޅަށްއައިސްވެސް' ތިހެންތޯބުނާނީ'
ރިމާހްް
08 February 2024
ތ އަތޮޅުގެ ރައްޔިތުންނަށް ޖެހިފައިވާ ގޮންޖެހުންތައް ރައީސް ވަނީ ގާތުން ބަލައި އައްސަވާފަ. އަވަސް ހައްލެއް ރައްޔިތުންނަށް ހޯދައިދެއްވާނެ ކަމުގެ އެއްވެސް ޝައްކެތް ނެތް.
ވަޖީހުު
08 February 2024
ރައީސް ޑރ މުއިއްޒު އަކީ ހުރިހާ އަތޮޅުތަކާވެސް ކައިރިން މަސައްކަތްކޮށް ރައްޔިތުންގެ އަޑު އަހާނެ ރައީސެއް. ތ އަތޮޅަށްވެސް ބޭނުންވާ ހުރިހާ ކަމެއް ކޮއްދޭނެ.
ނާފިޒްް
08 February 2024
ރަށްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނެ ރައީސެއް މީ. ސާބަހޭ ރައީސް ޑރ މުއިއްޒު.
މަނީހް
08 February 2024
ތ ކަނޑޫދޫ ސިއްހީ މަރުކަޒުގަ ޖެހިފަ ހުރި މައްސަލަތައް ހައްލުވެގެންދާކަށް ދެން ނެތް މާ ގިނަ ދުވަހެއް. ރައީސް ޑރ މުއިއްޒު ވަނީ ރައްޔިތުންނަށް އެކަމުގެ ޔަގީންކަން ދެއްވާފަ. ޝުކުރިއްޔާ ރައީސް.