ރައްޔިތުންގެ މަޖިލީހުން ބޭނުންވުމުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ހަތަރެސްފައި "ބަނދެވޭ" ގޮތަށް ވެސް ބާރު ލިބިފައި އޮތުމަކީ ގަބޫލު ކުރެއްވޭ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި، އަންނަ މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ފޮނަދޫ ދާއިރާ އަށް ވެސް ވާދަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި މިހާރު މި އޮތީ ޑިމޮކްރަސީ ފައްކާވެފައި ކަމަށެވެ.
ނަމަވެސް، ޑިމޮކްރަސީ ފުރިހަމަވެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ބޭނުންވުމުން ރައީސުލްޖުމްހޫރިއްޔާގެ ހަތަރެސްފައި ބަނދެވޭ ގޮތަށް ފުރިހަމަ ބާރާ އެކު، ކަމަށް ވިޔަސް ރައްޔިތުންނަށް ހިދުމަތް ކުރައްވަން ހުންނަވާ ރައީސަކަށް އުނދަގޫ ކުރުމުގެ ފުރުސަތު އެހެން ފަރާތަކަށް އޮވެގެން ނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ރައީސަކު، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަން މަޖިލީހުގެ ދައުރު ވަރަށް މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ.
"...ރައްޔިތުންނަށް، ރައްޔިތުން ބޭނުންވާ ސްޕީޑުގައި، ބޭނުންވާ ކުރިއެރުމާއި ތަރައްގީ ގެނެސްދިނުމަށްޓަކައި އާ ގާނޫނުތައް އެބަޖެހޭ ވުޖޫދަށް ގެންނަން، އާ ބަދަލުތައް އެބަޖެހޭ ގެންނަން. އާ ގޮތްތަކެއް އެބަޖެހޭ ހޯދަން. އާ ވިސްނުން އެބަޖެހޭ އަޅުގަނޑުމެން އިސްކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"މި ކަންކަން ކުރެވޭނީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތެއް ލިބިގެން. ރިޔާސީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާގެ ހަތަރެސް ފައި ބަނދެވޭ ގޮތަށް އޮތުމަކީ އެއީ ބުއްދީގެ ހަމައިން ބަލާއިރު ގަބޫލު ކުރެވޭނެ ކަމެއް ނޫން. ރައްޔިތުންގެ މަޖިލީހުން ބޭނުންވީމާ، ރައީސުލްޖުމްހޫރިއްޔާ ކޮޓަރިއަކަށް ލާފައި އާނ، ތި ތަނުން ދެން ނުނިކުންނާށޭ ބުނެވޭ ގޮތަކަށް ގާނޫނު ހުރުމަކީ މާދަމާއަށްޓަކައި އަޅުގަނޑުމެން ވިސްނާއިރު އެއްގޮތަކަށް ވެސް ހަމަޖެހޭ އުސޫލެއް ކަމަކަށް މިއަދު ގަބޫލެއް ނުކުރެވޭ."
އަބްދުއްރަހީމް ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު މަގާމުގެ ހުވާކުރެއްވިއިރު، ދައުލަތުގެ މާލިއްޔަތުގައި އޮތީ "ހުސް ތޮށިގަނޑު" ކަމަށެވެ. އެ ގޮންޖެހުންތަކުގެ ތެރޭގައި ވެސް ފުރަތަމަ ދުވަހުން ފެށިގެން ރައީސް މަސައްކަތްޕުޅު ފެއްޓެވީ އިހުލާސްތެރިކަމާ އެކު ވައުދު ފުއްދުމަށް ކަމަށް ވިދާޅުވެ، އޭގެ ހެއްކެއްގެ ގޮތުން އަބްދުއްރަހީމް ދެއްކެވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް ދެއްކެވި ވާހަކަފުޅުތަކާއި ވައުދުތައް ފެންނާނެ ފޮތުގެ ކޮޕީއެކެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒުގެ އިހުލާސްތެރިކަން ނެތް ނަމަ ކައުންސިލްތަކަށް އެ ފޮތް ހަދިޔާއެއް ނުކުރައްވާނެ އެވެ. އެ ހުށަހެޅުމުން ބުނެ ދެނީ ކެމްޕެއިންގެ ތެރޭގައި ރައީސް ވެވަޑައިގެންނެވި ވައުދުތައް ހަނދާން ކޮށްދިނުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މީހަކަށް ޒިންމާއެއް ހަވާލުކޮށްފިއްޔާ އެކަން ކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށާއި މި ވަގުތު ދިވެހިން ތިބީ ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި ވަރަށް ބޮޑު އަމާނާތަކާއި ޒިންމާއެއް ހަވާލުކޮށްގެން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރުމަށް ރައީސަށް ފުރުސަތު ހޯދައިދިނުމަށް މިހާރު ކޮށްދޭންޖެހޭ ކަމަކީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އަންނަ މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތަނަވަސް އަޣުލަބިއްޔަތު ސަރުކާރަށް ހޯދައިދިނުމެވެ.
އެކަންކަމާ އެކު، މިއީ ގައުމު ދެކޭނެ އެންމެ ފާގަތި ފަސް އަހަރަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކު ކައުންސިލާ އެކު ރައީސް މުއިއްޒު އަދި ސަރުކާރުގެ އިސްވެރިން މިއަދު ބޭއްވި ބައްދަލުވުމުގައި ގިނަ ކަންތައްތަކެއް ވަނީ ހުށަހަޅައިފަ އެވެ. އަބްދުއްރަހީމް ވަނީ އެ ލިސްޓު ފުރިހަމަކުރަން ބޭނުންވާ ނަމަ ފުވައްމުލަކުގެ ތިން ގޮނޑި އަށް ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދިނުމަށް އެދިވަޑައިގެންފަ އެވެ.
ވާދަވެރި އިދިކޮޅު ޕާޓީއެއް އޮތުމަކީ ގައުމަށް މުހިއްމު ކަމަކަށް ވިޔަސް އިދިކޮޅު ޕާޓީ ވާން ޖެހޭނީ ޒިންމާދާރު ފަރާތަކަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެކަން ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.