އެކްސިޑެންޓެއްގައި ފަޔަށް ލިޔުބު ސީރިއަސް ޒަހަމްތަކުގެ ސަބަބުން ފައި ބުރިކޮށްލަން ޖެހުނު އިބްރާހިމް މުހައްމަދުގެ ވާހަކަ "މިހާރު" އިން ރިޕޯޓްކުރުމާ އެކު ގިނަ ބަޔަކު ގުޅައި އެހީތެރިކަން ދެމުން އަންނަ ކަމަށް އިބްރާހިމްގެ އާއިލާއިން ބުނެފި އެވެ.
މިދިޔަ އަހަރު އޮކްޓޫބަރު މަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އިބްރާހިމަށް ދިމާވި ހިތާމަވެރި ހާދިސާގެ ވާހަކަ "މިހާރު" އިން ރޯދަމަހު ގެނެސްދޭ "މީހުން" ސެގްމެންޓުގައި ރިޕޯޓްކުރުމުގެ ކުރިން އެ އެކްސިޑެންޓުގެ ވާހަކަ އާންމުންނަށް ނުވެސް އެނގެ އެވެ.
ދޯންޏެއް ބަލައި ރަށުން މާލެ އައި އިބްރާހިމް ނުކުޅެދޭ ހާލުގައި އެނބުރި ދާން ޖެހުނު އެކްސިޑެންޓު ހިނގި ގޮތެއް ވެސް އެ މައްސަލަ ތަހުގީގުކުރި ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ. މި ކަމުގައި އިންސާފު ނުލިބުނަސް އިބްރާހިމް އިންޓަވިއުގައި ބުނެފައިވަނީ އޭނާ އަކީ ކެޔޮޅެއްގެ ގޮތުގައި މަހަށް ގޮސް އާއިލާ ބަލަހައްޓަމުން އައި މީހެއް ކަމަށާއި ދެން ބޭނުންވަނީ ފައެއް ޖަހައިގެން އަލުން މަހަށް ގޮސް އަނެއްކާ ވެސް އަމިއްލަ މަސައްކަތުން އުޅެވޭނެ ދުވަހެއް ހޯދަން ކަމަށެވެ.
އިބްރާހިމްގެ އަންހެނުން މަރިޔަމް ނިޝާ ބުނީ އެ އިންޓަވިއުއަށް ފަހު ގިނަ ބަޔަކު އެހީވަމުން އަންނަ ކަމަށެވެ.
"އިއްޔެ އެންމެ ގިނައިން މީހުން ގުޅީ، ވަރަށް ގިނަ މީހުން ގުޅި. މިހާރު ގާތްގަނޑަކަށް 15،000ރ. ލިބިއްޖެ،" އޭނާ ބުންޏެވެ.
އޭނާ ބުނީ "ހިދުމަތް" ކިޔާ ޖަމިއްޔާއަކުން ވެސް، އިބްރާހިމްގެ ފައި ޖެހުމަށް އެހީވި ކަމަށެވެ.
ނިޝާ ބުނީ އިބްރާހިމްގެ ފައި ޖެހުމަށް ބޭނުންވަނީ 7،000 ޑޮލަރު ކަމަށެވެ. އެ ޖަމިއްޔާއިން، ޑޮކްޓަރަށް ދައްކަން ދާ ފުރަތަމަ ދަތުރުގެ ހަރަދަށްވާ ދެބައިކުޅައެއްބައި ކުރިން ދީފައިވާ ކަމަށް ނިޝާ ބުންޏެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން އަންނަނީ އިބްރާހިމަށް އެހީ ހޯދަން ޕޯސްޓުތައް ޖަހާފައިވެ އެވެ.
އެކްސްގައި، މަބްރޫކްއެމްވީ ހޭންޑުލްގައި ކޮށްފައިވާ ޕޯސްޓެއްގައި އޭނާ އިބްރާހިމަށް ގުޅައި ވާހަކަ ދެއްކި ކަމަށާއި އިބްރާހިމް ހުރީ އޭނާގެ ތުއްތު އަންހެން ދަރިފުޅާ އެކު ކުޅެ މަޖާކޮށްލައި ކުރިން މަސައްކަތްކޮށް އުުޅުނު ގޮތަށް އުޅެވޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށް ބުނެފަ އެވެ.
"އޭނާ ބުނި ގޮތުގައި، ބުރަ މަސައްކަތް ކުރެވޭ ފެންވަރުގެ ފައެއް ޖަހަން އަދިވެސް އިތުރު 4،000 ޑޮލަރު ބޭނުންވޭ،" އިބްރާހިމްގެ އެކައުންޓް ނަންބަރާ އެކު ކޮށްފައިވާ ޕޯސްޓުގައި، މީހުންގެ އެހީތެރިކަމަށް އެދި އޭނާ ލިޔެފައިވެ އެވެ.
ފައެއް ޖަހައިގެން، މަހަށް ގޮސް އުޅެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެއަބަ އޮތް ކަމަށް އިބްރާހިމް އޭނާގެ އިންޓަވިއުގައި ބުންޏެވެ.