ކުނިބުނިން ފުރިބާރުވެފައި އޮތް އިންޑަސްޓްރިއަލް ވިލެޖު ސާފުކޮށް، އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓަން މިއަދު ފަށައިފި އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް "މިހާރު" އަށް ވިދާޅުވީ ޕިކަޕާއި ވޭން އަދި ކާރުތަކުގައި އިންޑަސްޓްރިއަލް ވިލެޖަށް ވަދެ، އެ ތަނުގެ ތެރެއަށް ކުނި އެޅުން އާއްމުވެފައިވާ ކަމަށެވެ. އެހެންވެ، އެމްޕީއެލްްއާ ވެމްކޯ އަދި ފުލުހުންނާ ގުޅިގެން އެ ސަރަހައްދު ސާފުކުރަން މިދިޔަ ހުކުރު ދުވަހު ފަށައި، އެ ތަން އެއްކޮށް ރީތި ވަންދެން އެ މަސައްކަތް ފަށާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އިންޑަސްޓްރިއަލް ވިލެޖުގެ ތެރޭގައި ބައެއް އުޅަނދުތައް ޕާކްކޮށްފައިވަނީ ސިޓީ ކައުންސިލްގެ ހުއްދައިގެ ދަށުންނެވެ. އެއީ އެމްޕީއެލްގެ ހެވީ ވެހިކަލް އެވެ.
އާޒިމް ވިދާޅުވީ ބާވެފައި ހުރި އުޅަނދުތައް އެ ތަނުން ނަގައި ސާފުކުރަން ފަށާފައިވާ ކަމަށެވެ.
ސިޓީ ކައުންސިލްގެ ވިސްނުމަކީ އިންޑަސްޓްރިއަލް ވިލެޖުގެ ވަކި ހިސާބަކުން ގޭޓު ހަރުކޮށް، އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓަން ފެށުމެވެ. އެކަމަކު، ގޭޓު ހަރުނުކުރިއަސް ކައުންސިލާއި އެމްޕީއެލްގެ މުވައްޒަފުން އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެހިކަލްގައި އެތެރެއަށް ދެން ވަދެވޭނީ ހުއްދަ އޮތް ބަޔަކަށް. ޕެޓްރޯލް ޝެޑުން ދުރަކަށް ނުދެވޭނެ. އެކަމަކު، ހިނގާފައި ހަމަ އެ ތަނުގެ ތެރެއަށް ވަދެ ނުކުމެ އުޅެވޭނެ. ބޭނުމަކީ އިންޑަސްޓްރިއަލް ވިލެޖުގެ ތެރެއަށް ކުނި އެޅުން ހުއްޓުވުން،" އާޒިމް ވިދާޅުވި އެވެ.
"އިންޑަސްޓްރިއަލް ސަރަހައްދުގެ ސެކިއުރިޓީ 24 ގަޑިއިރު ވަންދެން ދެން ބަލަހައްޓާނެ."
އާޒިމް ވިދާޅުވި ގޮތުގައި އެ ސަރަހައްދު ކުނިގޮނޑެއް ގޮތަށް އޮތުމުން ބަލިތައް ފެތުރި، އެ ސަރަހައްދުގައި މަސައްކަތްކުރާ މުވައްޒަފުން ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ. ސިނާއީ މަސައްކަތަށް ދޫކުރާ ތަނަކަށް ވިއަސް އެ ސަރަހައްދު ހަޑިކޮށް އޮތުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް މޭޔަރު ވިދާޅުވި އެވެ.