މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރުގައި ޓެކްސީ ކުރެވޭނެ އަގުތައް ސަރުކާރުން އަލުން ކަނޑައަޅައި އިއްޔެ އާންމުކުރި އަގުތައް ރިވިއުކޮށް، ސަރުކާރުން ޓެކްސީ ހިދުމަތުގެ ތެރެއަށް ނުވަނުމަށް ޓެކްސީ ޑްރައިވަރުން ގޮވާލައިފި އެވެ.
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގައި އިސްކޮށް އުޅޭ ބައެއް ޓެކްސީ ޑްރަވަރުން ބުނީ ފާއިތުވީ ތިން އަހަރު ހުރިހާ ހިދުމަތެއްގެ އަގު ބޮޑުވިއިރު، ޓެކްސީގެ އަގު ހެޔޮކުރަން ސަރުކާރުން ޕްރެޝަރު ކުރުން ބަލައިނުގަނެވޭ ކަމަށެވެ.
"މުސާރަ ބޮޑުވީ. ހުރިހާ ހިދުމަތެއްގެ އަގުބޮޑުވީ. ހުރިހާ ތަކެތީގެ އަގު ބޮޑުވީ. އެކަމަކު ސަރުކާރުން މި ބުނަނީ ޓެކްސީގެ އަގުހެޔޮކުރަން ޖެހޭނެޔޭ. އަޅުގަނޑުމެން ވެސް ހަމަ ޑިމާންޑުކުރީ އަޅުގަނޑުމެންގެ މި އަގަށް ބަދަލެއް ގެނެސްދޭށޭ ތަންކޮޅެއް ރަނގަޅު ގޮތެއް ހަދައިދޭށޭ،" ޓެކްސީ ޑްރައިވަރުން ބުންޏެވެ.
ވާހަކަ ދެއްކި ޓެކްސީ ޑްރައިވަރު ބުނީ މިހާތަނަށް އެ މީހުން ޑިމާންޑު ކުރަމުން އައީ އަގު ބޮޑުކުރުމަށް ނޫން ކަމަށާއި މީޓަރު ހަރުކުރެވެން ދެން މީގެ ކުރިން ދަތުރުކުރަމުން އައި އަދި އެޕްލިކޭޝަންތަކުގައި ހުރި އަގުތަކަށް ދަތުރުކުރެވޭނެ ގޮތް ހަދައިދިނުމަށް ކަމަށެވެ. އަދި ވެސް ވަކާލާތު ކުރަނީ އެގޮތަށް ކަމަށް އެ މީހުން ބުންޏެވެ.
އޭނާ ވަނީ ހުރިހާ ހިދުމަތެއްގެ އަގު ބޮޑުވެފައިވާ މި ދުވަސްވަރުގައި ޓެކްސީ ހިދުމަތުގެ އަގު ވައްޓާނުލައި އަގު ދަށް ނުކުރުމަށް ގޮވާލައިފަ އެވެ.
"މި މަސައްކަތަށް ސަރުކާރުން އަޅުގަނޑުމެންނަށް ދޭ ސަބްސިޑީއެއް ނޯންނާނެ. ސަރުކާރު ކުންފުންޏަކުން ދޭ އެއްވެސް ހިދުމަތެއް ނޯންނާނެ ސަރުކާރުން ސަބްސިޑީއެއް ނުދޭ. އެކަމަކު އަޅުގަނޑުމެން އަމިއްލަ ކާރު ގަނެގެން އަމިއްލައަށް ކާރު ސާވިސްކޮށްގެން އަމިއްލަ އަށް ޖާގަ ހޯދައިގެން ޕާކު ކޮށްގެން ސަރުކާރުން ޕާކިން ޖާގައެއް ނޯންނާނެ ފޯރުކޮށްދީފައި،" ޓެކްސީ ޑްރައިވަރު ބުންޏެވެ.
ޓެކްސީ ޑްރައިވަރުން ވަނީ މި ކަމުގެ ތެރެއަށް ސަރުކާރުން ވަދެ، ޓެކްސީ ހިދުމަތް އެމްޓީސީސީ މެދުވެރިކޮށް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ތުހުމަތު ކޮށްފަ އެވެ.
ސަރުކާރުން މި ކަމުގެ ތެރެއަށް ނުވަދެ، ޓެކްސީ ޑްރައިވަރުންނާ މެދު ވެފައިވާ އިހުމާލު ބަލައި، މީގެ ކުރިން ވެސް ދަތުރު ކުރަމުން ދިޔަ އަގުގައި ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިދެއްވުމަށް ޑްރައިވަރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައިފަ އެވެ.
ޓްރާންސްޕޯޓުން އަލަށް ހަމަޖެއްސި ގޮތުން ނަމަ ހަ ސީޓަށް ވުރެ މަދު އުޅަނދުތަކުގައި މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދެވޭނީ 70ރ. އަށެވެ. ހުޅުމާލެ 1 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމަށް 80ރ. ކަނޑައަޅާފައިވާއިރު ހުޅުމާލެ 2 އިން އެއާޕޯޓަށް ގެންގޮސްދޭނެ އަގަކީ 85ރ. އެވެ. އެކަމަކު އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދާން ބޭނުން ނަމަ، އެ އަގުގެ އިތުރަށް 10ރ. ދައްކަން ޖެހެ އެވެ.
އެ އިއުލާނުގައި ބުނީ 7-10 ސީޓުގެ އުޅަނދުތަކުގައި ދަތުރުކުރާ ނަމަ، އެއާޕޯޓަށް ދިއުމަށް ކަނޑައަޅާފައިވާ އަގުގެ އިތުރުން ޑޮމެސްޓިކް ޓާމިނަލަށް ގެންދިއުމަށް 15ރ. ގެ ޗާޖެއް ނަގާނެ ކަމަށެވެ.