ހިޖުރައިން ދިހަވަނަ އަހަރު ކީރިތި ނަބިއްޔާ ﷺ މައްކާ އަށް ވަޑައިގެން އިސްލާމް ކަމުގެ ރުކުންތަކުގެ އެންމެ ފަހު ރުކުން ކަމުގައިވާ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ނިންމެވި އެވެ. އެކަލޭގެފާނާ އެކު މިކަމުގައި ލައްކައެއްހާ މުސްލިމުންގެ ބޮޑު ފައުޖެއް ބައިވެރިވި އެވެ. މި ވަރުގަދަ ޕްރޮސެޝަންގައި އެކަލޭގެފާނާއި މުސްލިމުންގެ އަޑު އުފުލާލެވިގެންވީ ދީން ފުރިހަމަ ކުރުމުގެ އެންމެ ފަހު ރުކުން އަދާކުރުމަށް ﷲ ކުރެއްވި އަމުރަށް "ލައްބައޭ" ދެންނެވުމުގެ އަޑުންނެވެ. އާދެ، "ލައްބައިކަ اللهم ލައްބައިކަ" ގެ ނަޣަރާގެ އަޑުންނެވެ.

ކީރިތި ރަސޫލާ ﷺ އާއި މުސްލިމުންގެ ފައުޖު މައްކާ އަށް ވަންނަންދެން ތަލްބިއްޔާގައި ދެމިތިއްބެވި އެވެ. ކީރިތި ރަސޫލާ ކަޢުބަތުﷲ ގެފުޅާ ހަމައަށް ވަޑައިގެން ހަތްފަހަރު ޠަވާފު ކުރެއްވި އެވެ. ޠަވާފު ނިންމަވައި ޙަޖަރުލްއަސްވަދުގައި ބޮސް ދެއްވުމަށް ފަހު އިބްރާހީމްގެފާނުގެ މަޤާމްފުޅު ކައިރީ ދެ ރަކުއަތުގެ ސުންނަތް ނަމާދެއް ކުރެއްވި އެވެ.

އެ އަށް ފަހު ޒަމްޒަމް ފެން ބައްލަވައި ޞަފާމަރުވާ ދެމެދު ސަޢުޔު ކުރެއްވި އެވެ. މިގޮތުން ޢުމްރާގެ އަޅުކަން ފުރިހަމަ ކުރެއްވުމަށް ފަހު، ޛުލްޙިއްޖާ މަހުގެ އަށްވަނަ ދުވަހު މިނާ އަށް ވަޑައިގެން އެ ތަނުގައި ރޭގަނޑު ހޭދަކުރެއްވި އެވެ. އޭގެ ފަހުން ނުވަވަނަ ދުވަހު އަރަފާތު ބިމަށް ވަޑައިގެން މެންދުރު ނަމާދާއި އަސުރު ނަމާދު ގަސުރުކޮށް ޖަމުއުކޮށް ކުރެއްވުމަށް ފަހު އަރަފާތު ފަރުބަދަ މައްޗަށް އަރާވަޑައިގެން އެކަލޭގެފާނުގެ އެންމެ މުހިންމު ޚުޠުބާ ދެއްވެވި އެވެ. އާދެ، ވަދާއުގެ ޚުތުބާ އެވެ.

ދީން ފުރިހަމަވި ދުވަސް

މި ހިސާބުން އިސްލާމްކަމުގެ ހުރިހާ ރުކުންތައް އެއްކޮށް ފުރިހަމަވީ އެވެ. އެއީ ﷲ ގެ އެއްކައުވަންތަކަމަށާއި ކީރިތި ނަބިއްޔާގެ ނުބުއްވަތަށް ހެކިވާކަން ބަޔާންކޮށް، ނަމާދުކޮށް، ޒަކާތްދީ، ރޯދަހިފުމަށް ފަހު ދެން އޮތް ރުކުން ކަމުގައިވާ ހައްޖުގެ އަޅުކަމެވެ. އެހެންކަމުން ހައްޖު އަދާކުރެވުމުން ދީން ބަޔާންކޮށްދީ ފުރިހަމަވީ އެވެ.

ﷲ އިންސާނިއްޔަތަށް ދެއްވި އެންމެ މަތިވެރި ނިއުމަތް ކަމުގައިވާ އެކަލާނގެ އަށް ކިޔަމަންވުމުގެ (ނުވަތަ އިސްލާމްކަމުގެ) ނިއުމަތް ފުރިހަމަވީ އެވެ. އާދަމްގެފާނާ ހަމައިން ފެށިގެން ޒަމާނާއި ތަނަށް ފެތޭ ގޮތަށް އައިސް ފުރިހަމަ ކުރެވުނު މި ދީނަކީ ދީނެއްގެ ގޮތުގައި ﷲ ރުހިވޮޑިގެންވާ ދީންކަން އެކަލާނގެ ބަޔާން ކުރެއްވި އެވެ. (އަލްމާއިދަތު 3).

އެހެންވީމާ ދީނުގެ އަސާސްތަކަށާއި މައިގަނޑު އުސޫލުތަކަށް ދެން ބަދަލު އައުމެއް ނެތެވެ. ނަމަވެސް ޒަމާނާއި ތަނާއި ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން އެ ކަމަކަށް ހުކުމެއް ނެތް ކަންކަމަށް މި އަސާސްތަކާއި އުސޫލުތަކުން ބޭރުނުވެ ހުކުމްތައް ނެގުމުގެ ފުރުސަތު މި ފުރިހަމަ ކަމުގެ މާނައިގެ ތެރޭގައި ވެ އެވެ. މި ދައުރު އަދާކުރުމުގެ ޒިންމާ އޮތީ ނަބީންގެ ވާރިސުން ކަމުގައިވާ އިލްމުވެރިންގެ އަތްމަތީގަ އެވެ. އެބޭކަލުންނަކީ އަމާނާތްތެރިން ކަމުގައިވާން ޖެހެ އެވެ. އެހެންކަމުން ދީނުގެ ފުރިހަމަކަމަށް އެއްވެސް އުނިކަމެއް ނާންނާނެ އެވެ.

ދިވެހި ހައްޖުވެރިން މިނާ އަށް ދިއުމަށް އިއްޔެ ދަތުރަށް ތައްޔާރުވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދިވެހި ހައްޖުވެރިން މިނާ އަށް ދިއުމަށް އިއްޔެ ދަތުރަށް ތައްޔާރުވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެންމެ ވަރުގަދަ ތަރުބިޔަތެއް ލިބޭނީ ހައްޖުވެރިންނަށް

މި މަތިވެރި ނިންމުން ހިނގައިދިޔަ ދުވަހަކީ އެ ދުވަހުގެ ޒިކުރާ މުސްލިމުން އަބަދުވެސް ފާހަގަކުރަމުންދާނެ ދުވަހެކެވެ. އެ ދުވަހުގެ މަތިވެރިކަން ކޮންމެ އަހަރަކު ވެސް މުސްލިމުންނަށް ލިބިގެންދާނެ ދުވަހެކެވެ. ސަބަބަކީ އެއީ ދުނިޔޭގެ މައްޗަށް އިރު އެ ދުވަހަކަށް އަރާނެ އެންމެ މާތް ދުވަސް ކަމަށް ވާތީ އެވެ.

އީމާންތެރިކަމާއި ރޫހާނީ ތަރުބިޔަތު ހާސިލު ކުރެވޭނެ ދުވަހަކަށް ވާތީ އެވެ. މި ދުވަހުގެ ރޫހާނީ ތަރުބިޔަތު އެންމެ މަތީ ދަރަޖައަކަށް ހާސިލު ކުރެވޭނީ ހައްޖާއި އުމްރާގެ އަޅުކަމުގައި މި ދުވަސް ހޭދަކުރާ މީހުންނަށެވެ. ސަބަބަކީ އެ މީހުންނަކީ ކީރިތި ރަސޫލާ ﷺ ޙައްޖަތުލްވަދާޢުގައި އެ ދުވަސް ހޭދަކުރެއްވި ގޮތަށް ހައްޖުގެ ޝަޢީރާތައް ކޮޕީ ކުރަމުން ގެންދާ މީހުން ކަމަށް ވާތީ އެވެ. ﷲ ގެ ރަހުމަތާއި ފުއްސެވުން ލިބުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހިރަފުހުން ހަށިގަނޑު ވަށާލައިގެން ބޯތައް ހާވާލައިގެން އަރަފާތުގެ ބިމަށް އެއްވެ ތިބޭމީހުން ކަމަށް ވާތީ އެވެ. މި ހާލަތުގައި ތިއްބައި ﷲ ތަޖައްލީވެ ވޮޑިގެން މަލާއިކަތުން ހެކި ކުރައްވައި ޝައިތާނާ ނިކަމެތި ކުރައްވައި މި އެންމެންގެ ވޭތުވެ ދިޔަ އަހަރުގެ ފާފަތަކާއި އަންނަން އޮތް އަހަރުގެ ފާފަތައް ވެސް ފުއްސަވާނެކަން ﷲ ވަހީ ކުރައްވާނެތީ އެވެ.

ރޫހާނީ ތަރުބިޔަތު ލިބިގަނެވޭ ސަބަބުތައް

ހައްޖުވެރިންނާ އެކު އެހެން އެންމެންނަށް ވެސް މި ދުވަހަކީ ހަމަ ރޫހާނީ ތަރުބިޔަތެއް ހާސިލު ކުރެވޭނެ ދުވަހެކެވެ. މީގެ ސަބަބުތައް ވަރަށް ގިނަ އެވެ. މިގޮތުން އެންމެ ފުރަތަމަ ކަމަކީ ފުރުސަތުތަކުގެ ބޭނުން ލިބިގަންނަން ތަރުބިޔަތު ލިބޭ ދުވަހަކަށް ވުމެވެ. މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނެ މީހުންނަށް މިއީ އާންމު ގޮތެއްގައި އުމުރުން އެއްފަހަރު އަންނަ ދުވަހަކަށް ވާނެތީ މި ރަނުގެ ފުރުސަތު ހިފަން ވަރަށް ބޮޑަށް ގަދައަޅައި މަސައްކަތް ކުރަން މަޖުބޫރުވާނެ އެވެ. އެ ނޫން މީހުންނަށް ވެސް އަހަރަކު އެއްފަހަރު އަންނާތީ ޖެހިގެން އަންނަ އަހަރު ދުނިޔޭގައި ހުރެވޭނެ ކަމުގެ ޔަގީންކަން ނޯންނާނެތީ އެ މީހުން ވެސް ފުރުސަތުގެ ބޭނުންހިފަން ދަސްކުރާނެ އެވެ.

ދެ ވަނަ ކަމަކީ، މި ދުވަހަކީ ދިރިއުޅުމުގެ އާންމު ވައްޓަފާޅި ބަދަލުކޮށް ނުބައި އާދަތައް މުގުރާލައި ކިޔަމަންތެރިވާން ދަސްވާ ދުވަހަކަށް ވުމެވެ. ﷲ އަށް ބޯލެނބުމާއި ﷲ ގެ ކުރިމަތީ ނިކަމެތިވުމާއި އެކަލާނގެ ރަހުމަތަށް ދަހިވެތިވުމާއި އެކަލާނގެ ހަޒުރަތުން ފުއްސެވުމާއި ހެޔޮގޮތްތައް ލިބުމަށް އެދި އާދޭސް ކުރަން ދަސްކުރާނެ ދުވަހަކަށް މިދުވަސް ވެގެން ދެ އެވެ. މި ކަމުގައި ހައްޖުވެރިން ކޮޕީކޮށް، ދެން ތިބި މީހުން ވެސް ހަމަ މިފުރުސަތު ހޯދަން ހައްޖުވެރިންނާ އެކުގައި ހިތާއި ރޫހުން ބައިވެރިވެ ހަމަ އެފިލާވަޅުތައް ދަސްކުރާނެ އެވެ.

ތިން ވަނަ ކަމަކީ، ﷲ އަށް ކިޔަމަންގަތުމާއި ﷲ ގެ ރަހުމަތަށް އެދުން މަތީ ދެމިހުންނަށް ދަސްވާނެ ދުވަހަކަށް ވުމެވެ. އަޅުކަން ކުރުމާއި ހެޔޮ މުއާމަލާތުކުރުމުގައި ތަފާތު ބާވަތްތަކުގެ އަޅުކަމާއި ކިޔަމަންތެރިކަމުގައި ދެމިހުންނާނެ އެވެ. މިފަދަ ބަރަކާތްތެރި ދުވަސްތައް ތަކުރާރުވެ އައުމުން ނަފްސު ވެސް ތަރުބިޔަތު ވެގެންދާނީ ހެޔޮކަންކަމުގައި ދެމިހުރުމުގެ މައްޗަށެވެ. ހަގީގަތުގައި އިންސާނެއްގެ ދިރިއުޅުމުގެ ހަޔާތުގެ އަމާޒަކީ ވެސް ﷲ އަށް އަޅުވެތިވުންމަތީ ދެމިހުރުމެވެ.

ހަތަރު ވަނަ ކަމަކީ، ﷲ އަށް އަޅުވެތިވުން ޝާމިލު ކުރުމަށް ތަރުބިޔަތު ލިބުމެވެ. އެހެނީ އަރަފާތު ދުވަހަކީ ހުރިހާ ބާވަތެއްގެ އަޅުކަމުގެ ޢަމަލުތައް ހިމެނޭ ދުވަހަކަށް ވުމެވެ. ހައްޖު އުމްރާ އާއި ނަމާދާއި ރޯދަ އާއި ޒަކާތާއި ޒިކުރު ކުރުމާއި ދުއާ އާއި ޤުރްއާން ކިޔެވުން ފަދަ ހުރިހާ ހެޔޮ ޢަމަލުތަކެއް އެ ދުވަހު ހިމެނޭތީ އެވެ. މި ޝާމިލުކަމާ އެކު ހެޔޮ ޢަމަލުތައް ގިނަކުރުމަށް ވެސް ތަރުބިޔަތު ލިބިގެންދާނެ އެވެ. ނަތީޖާއަކީ މުޅީ އިންސާނާ އޭނާގެ ރޫހާއި ޖިސްމާއި ބުއްދި ހިމެނޭ ގޮތުގައި މުޅި ނަފްސަށް ތަރުބިޔަތު ލިބިގެންދިއުމެވެ.

ފަސް ވަނަ ކަމަކީ ހެޔޮޢަމަލު ކުރުމުގައި ވާދަވެރިވާން ތަރުބިޔަތު ލިބުމެވެ. ހުރިހާ ބާވަތެއްގެ އަޅުކަންތައް ހިމެނުމާއި ކޮންމެ އަޅުކަމަކަށް ލިބޭ ދަރުމައިގެ މަތިވެރިކަން އެހާ މާތް ވުމާއި އެންމެ މަތީ ދަރަޖައިގެ ފުއްސެވުން ލިބުމާއި ސުވަރުގެ ކާމިޔާބު ވުމާއި ނަރަކައިން މިންޖުވުން އެ ދުވަހު އޮވެ އެވެ. މިއީ ހަމަ ޔަގީނުން ވެސް މި ފުރުސަތުތަކުގެ ބޭނުން ހިފަން އިންސާނާގެ ނަފްސުގައި ވާދަވެރިކަމުގެ ރޫހު އުފެދޭނެ ކަމެކެވެ.

ހަ ވަނަ ކަމަކީ، ގަދައަޅައި މަސައްކަތް ކުރަން ނުވަތަ މުޖާހަދާ ކުރަން ތަރުބިޔަތު ލިބުމެވެ. ހައްޖު ދުވަހަކީ މިކަން ވަރަށް ރީތި ސިފައެއްގައި ހާސިލު ކުރެވޭނެ ދުވަހެކެވެ. އެހެނީ ހައްޖުވެރިން ހައްޖާއި އުމްރާގެ އަޅުކަން ކުރަމުން އެ ގެންދަނީ ވަރަށް ގިނަ ދުނިޔަވީ އެދުންތަކެއް މަހްރޫމް ކޮށްލައިފަ އެވެ. އަދި ހައްޖުވެރިން ނޫނަސް އެ ދުވަހު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރޯދަ ހިފާ އިރު ރޯދައަކީ އޭގެ ޒާތުގައި ވެސް ނަފްސުގެ އެދުންތަކާ އިދިކޮޅަށް ކުރާ ވަރުގަދަ މުޖާހަދާ އެކެވެ. ރޯދައިގެ އިތުރުން އެހެން ހެޔޮ އަމަލުތަކުގައި ވެސް ބައިވެރިވަނީ ދިރިއުޅުމުގެ އެތައް އުފާތަކެއް މަހުރޫމުކޮށްފަ އެވެ.

އިންސާނާގެ ރޫހާނީ ތަރުބިޔަތު ވަރުގަދަ ކުރުމަށްޓަކައި ހައްޖު ދުވަހު މިފަދަ ފުރުސަތުތައް ލިބޭއިރު މިދުވަސް ޚާއްސަ ކުރަންވީ އިތުރު ފަރުވާތެރިކަމާއި ސަމާލުކަމާއެކު މި ތަރުބިޔަތު ލިބިގަތުމަށެވެ.