ރަހުމަތްތެރިންގެ އެތައް ލެވެލްއެއް، އަދި އެތައް ބާވަތެއް ކޮންމެ މީހެއްގެ ވެސް ހުންނާނެ އެވެ. އެއް ބަޔަކީ އަހަރުމެން ކިޔާ "ބެސްޓް ފްރެންޑްސް" އެވެ. ނުވަތަ އެންމެ ގާތް ރަހުމަތްތެރިންނެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއް ވެސް އެބަޔަކާ ހިއްސާކުރާ، އެބައެއްގެ ރަހުމަތްތެރިކަމާއި، ޚިޔާލު ދިރިއުޅުމުގެ ކޮންމެ ކުޑަ އަދި ބޮޑު ނިންމުމެއްގައި މުހިންމުވާ ބައެކެވެ.

ދެން ތިބެނީ ގާތް ރަހުމަތްތެރިންނާއި، ރަހުމަތްތެރިންނާއި ދަންނަ މީހުންނެވެ. އެކުގައި މަސައްކަތްކުރާ މީހުންނާއި، އެކުގައި ޖިމަށްދާ، ކިޔަަވަންދިޔަ ނުވަތަ ދާ، ނުވަތަ ޖިމް ގަޑީގައި ދިމާވާ ރަށްޓެހިންނެވެ. މި ހުރިހާ ކެޓަގަރީތަކުގެ ރައްޓެހިންގެ ތެރެއިން ވެސް މިހާރު އެންމެ ހާއްސަވާނެ އެއްބަޔަކީ "ރީލާސް" އެވެ. ނުވަތަ ދެއިރު ކާ ބޭސްގުޅައެއްހެން މެދު ކެނޑުމެއް ނެތި ތި ހަދައިން އުޅޭ ގްރޫޕްތަކަށް ރީލް ފޮނުވުމުގައި ސާބިތުވެތިބޭ ރައްޓެހިންނެވެ.

އިންސްޓަގްރާމްގައި ރީލްސް ތައާރަފްކުރީ 2020 ވަނަ އަހަރުގެ އޮގަސްޓަމަހުގެ ކުރީކޮޅު އެވެ. އެއްބަޔަކަށް މިކަންވީ ވަރަށް ފޫހިކަމަކަށެވެ. ސަބަބަކީ ސްނެޕްޗެޓާއި، ޓިކްޓޮކް ހުއްޓާ އިންސްޓަގްރާމަށް އެއްގޮތްކަހަލަ އެއްޗެއް ތައާރަފްކުރުމުންނެވެ. ނަމަވެސް ހަތަރު ވަރަކަށް އަހަރު ފަހުން އަހަރުމެން މި އުޅެންޖެހެނީ ރީލްތަކުން ހަމަ އަސްލަށް ވެސް ސަލާމަތް ނުވެގެންނެވެ.

އެކިކަހަލަ ހަނދާންތަކާއި އަމިއްލަ ހަޔާތާއި ގުޅުވާލަދޭ

ގިނަފަހަރު ރީލްސް މިހާ ކަމުދަނީ އަހަރުމެންނަށް އެ ވީޑިއޯތަކާއި އަހަރެމެންގެ ދިރިއުޅުން ގުޅުވާލެވޭތީ އެވެ. އަމިއްލައަށް ތަފާތު ރީލްތައް ނުވަތަ މިފަދަ ކޮންޓެންޓް ތައްޔާރުކުރާ ދިވެހިން ނިސްބަތުން އަދި މަދަސް، އެހެންމީހުންގެ ރީލްތަކަށް ރިލޭޓްކުރާ އެތައް ބަޔަކު އެބަތިއްބެވެ. އާންމު ދިރިއުޅުމުގައި ދިމާވާ ގާތްގަނޑަކަށް ހަމަ ކޮންމެކަމަކާ ގުޅޭގޮތުން ރީލްސް މިހާރު އެބަހުއްޓެވެ. އެއީ ގާތްމީހަކު ވަކިވެދިޔަ ކަމުގެ "ކެކުޅުން" ތަޖުރިބާ ކުރަމުން ދާއިރުކަމުގައިވިޔަސް، ދަރިފުޅު ސިއްރުސިއްރުން މެޓާ ދަޅު ކެއުން ކަމުގައިވިޔަސް، މީހުންނަށް ސަމާސާކޮށް ހެއްވާލާ ކަމެއް ކަމުގައިވިޔަސް މެ އެެވެ. ނުވިތާކަށް، ރައްޓެއްސަކަށް ނަސޭހަތެއް ދޭން ވެސް ނުވަތަ ބައިވެރިޔާ ބޭވަފާތެރިވިޔަސް އެ ވާހަކަ ވެސް ރީލަކުން ބުނެލުން މިހާރު މާ ހިތްގައިމެވެ. މަޖާވެސް ވެ އެވެ.

އަނެއްކޮޅުން، ދީނީ މުހިންމު މެސެޖުތަކާއި، އެކި ދާއިރާތަކުގެ ތަޖުރިބާކާރުންވެސް އާންމުންނަށް މުހިންމު މައުލޫމާތުތައް ހިއްސާކުރުމަށްވެސް މިހާރު ބޭނުންކުރާ މައި އެއް ވަސީލަތަކީ މިހާރު ރީލްތަކެވެ.

ގުޅިގެން މޮޅެތި އުފެއްދުންތަކެއް

ހަމައެކަނި މުނިފޫހިފިލުވުމުގެ އިތުރުން ރީލްސް އަކީ ރައްޓެހިންގެ މެދުގައި ގުޅިގެން މަސައްކަތް ކުރުމަށް ހިތްވަރުދޭ އެއްޗެކެވެ. ރަހުމަތްތެރިން ގުޅިގެން ޑުއެޓް ނުވަތަ ރީމިކްސް ހަދައިގެން އެ މީހުންގެ އުފެއްދުންތެރިކަން ދައްކާލުމަކީ މިހާރު އާންމު ކަމެކެވެ. ހާއްސަކޮށް އިންޑިއާގައި އަމިއްލަ އެކި ފަންނާނުންނަށް އެމީހުންގެ ހުނަރުތައް ދައްކާލަން ރީލްސް ވެގެންދިޔައީ މާ ފަސޭހަ ގޮތަކަށެވެ. މަގްބޫލް އެކި ލަވަތަކުގެ އެކި މޭޝްއަޕްތަކާއި ކަވާ ލަވަތައް ކިޔައި ޒުވާން ގިނަ ފަންނާނުންތަކެއްވަނީ މި ރީލްސްތަކުން މަގްބޫލުކަން ހޯދައިފަ އެވެ.

ބޮޑު ސަކަރާތެއް

ތެދަށް ބުނާ ނަމަ، އަހަރެމެންގެ ގްރޫޕްތަކުގެ މެދުގައި ރީލްސް ހިއްސާކުރާ މައިގަނޑު ސަބަބަކީ މިއެވެ. ހަމަ ހުސް ސަކަރާތެވެ. ކޮންމެވެސް މީހަކާ ދިމާކޮށް، ހެއްވާާލައި، ސަކަރާތް ޖަހާލަން މިހާރު މާ ބައިވަރު ވާހަކަތަކެއް ދައްކާކަށެއް ނުޖެހެ އެވެ. ރީލަކުން ބުނެލަންވީ އެވެ. ހަގީގަތުގައި، އިންސްޓަގްރާމް ރީލްސް އަކީ ހަމައެކަނި ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ފީޗާއަކަށް ވުރެ މާ ބޮޑު ވަސީލަތެކެވެ. މިއީ އުފެއްދުންތެރިކަމާއި އެއްބާރުލުމާއި ހިއްސާކުރެވޭ ތަޖުރިބާތައް ކުރިއަރުވައި އެކުވެރިކަން އިތުރުކޮށްދޭ ޑައިނަމިކް ވަސީލަތެކެވެ.