އައްޑޫ ލިންކް ރޯޑުގައި ހުރި މަގުބައްތިތައް ދިއްލާފައި.
03 ޖުލައި 2024 - 22:15
ގިނަ ރަށްރަށުގެ މަގުބައްތިތައް ހުރީ ރައްކާތެރި ގޮތަކަށް ނޫންކަން ފެނަކަ ކޯޕަރޭޝަނުން ހިނގި އިންސްޕެކްޝަނަކުން އެނގިއްޖެ އެވެ.
ފެނަކަ އިން މިރޭ ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ދޭ ރަށްތަކުގެ މަގުބައްތިތަކުގެ ސަލާމަތީ ކަންތައްތައް ހުރިގޮތް ބެލުމުގެ ގޮތުން ހުރިހާ ރަށެއްގައި ހުރި މަގުބައްތިތައް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ.
"މި އިންސްޕެކްޝަނުން ގިނަ ރަށްތަކުގައި ހަރުކުރެވިފައި ހުރި މަގުބައްތިތަކަށް ކަރަންޓް ދެވިފައި ހުރީ އީއެލްސީބީ މެދުވެރި ނުކޮށްކަން ވަނީ ފާހަގަކުރެވިފަ އެވެ،" އެ އިއުލާނުގައި ބުންޏެވެ.
އީއެލްސީބީ ނުވަތަ އާތު-ލީކޭޖް ސާކިޓް ބްރޭކަރަކީ ކަރަންޓު ޝޮކުން ރައްކާތެރިވުމަށްޓަކައި ބިމުގެ އިމްޕީޑަންސް މަތި ކަރަންޓު ވިއުގާތަކުގައި ބޭނުންކުރާ ސަލާމަތީ ވަސީލަތެކެވެ.
ފެނަކަ އިން ބުނި ގޮތުގައި މިގޮތަށް ކަރަންޓް ދޫކުރެވިފައި ހުރުމުން ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމަކަށް ވާތީ މީގެ ފަހުން މަގުބައްތިތަކަށް ކަރަންޓް ދޫކުރެވޭނީ އެ ކުންފުނިން ދޭ ނަމޫނާ ކުރެހުމާއި އެއްގޮތަށް ސަބް ޑީބީ ހަރުކުރެވިފައިވާ ނަމަ އެވެ.
އެ ކުންފުނިން ހިދުމަތްދޭ ރަށްތަކުގެ ކައުންސިލްތަކަށް މިދިޔަ މަހު އެކަން އަންގާފައިވާނެ ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.
ސަބް ޑިބީ ހަރުނުކުރެވި ހުރި މަގުބައްތިތަކުގައި މިދިޔަ މަހު 27 ގެ ކުރިން އެ ހަރުކޮށް ނިންމުމަށް އެންގި ނަމަވެސް، ގިނަ ކައުންސިލްތަކުގެ އެދުމުގެ މަތިންނާއި މި މަސައްކަތުގެ މުހިންމުކަމުން މި މުއްދަތު މިހާރު އެއް މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.
ފެނަކަ އިން ބުނީ އިތުރުކޮށްދީފައިވާ މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން ތަކެތި ފޯރުކޮށްދިނުމުން ފެނަކަ އިން ހިލޭ ސަބް ޑީބީތައް އިންސްޓޯލްކޮށްދޭނެ ކަމަށާއި ނުވަތަ ފެނަކައިން ތަކެތި ފޯރުކޮށްދީ، ބިލް ކުރެވޭ ގޮތަށް އެ ކުންފުނީގެ ޓެކްނިކަލް މުވައްޒަފުންގެ އެހީތެރިކަމާއި އެކު ސަބް ޑީބީ ތައްޔާރުކޮށް ހަރުކޮށްދިނުމުގެ މަސައްކަތް ވެސް ކޮށްދޭނެ ކަމަށެވެ.
އެ ކުންފުނިން ބުނިގޮތުގައި، މިއީ ރާއްޖޭގެ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)ގެ މިންގަނޑަށް މަގުބައްތިތަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވާތީ މި މުއްދަތުގެ ތެރޭގައި އެ މިންގަނޑާއި އެެއްގޮތަށް އިސްލާހު ނުކުރާ މަގު ބައްތިތަކަށް މި މަހުގެ ފަހުން ކަރަންޓު ދޫ ނުކުރާނެ އެވެ.
ކައުންސިލްތަކުން މި ކަންތައްތައް ރަނގަޅު ކުރަމުން ދޭތޯ ފެނަކައިގެ ބްރާންޗުތަކުން ގާތުން މޮނިޓާ ކުރަމުން ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ރަށްރަށުގެ މަގުބައްތިތައް ހުރީ ސޭފްޓީ މިންގަނޑާ އެއްގޮތަކަށް ބަލަން އިންސްޕެކްޝަނެއް ހިންގީ މިދިޔަ މެއި މަހު ރ. އުނގޫފާރުގެ މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓު އައިސް ހުއްޓައި، އެ ފެންގަނޑަށް އެރުނު 18 އަހަރުގެ ޒުވާނަކު ކަރަންޓުގައި ޖެހިގެން މަރުވި ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާގައި އިތުރު ކުއްޖަކަށް ވެސް އަނިޔާވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްތާ
05 July 2024
މަގުތަކުގެ އަރިމަތީގަ އަމިއްލައަށް ފަޅައިގެން ހެދި ބޮޑުވެފައި ހުރި މަގު ބައްތިތަކެއްގަ ނުބައިކޮށް ކަރަންޓު ވަޔަރުކުރެވިފަ ހުރިތޯ އިންސްޕެކްޓްކޮށްލިކަން ހާދަ ރަގަޅޭ. އެގޮތަށް އިތުރު މަގުބައްތި ފަޅާތޯ ބަލާނެ އާ އޮފީހެއް ނުހަދާ އެކަމެއްވެސް ނުވާނެ.
ބަކަރިބޯ
04 July 2024
ކޮންބައެއްތަ ބޮކިތަކަށް ކަރަންޓް ދޫކުރީ؟ ފެނަކައިންނޫންތަ؟ އެވަރުނުބަލާ ދޫކުރީ ކީއްވެތަ؟ މިހާރު ކޮންހާސަރެއް ތިކިޔަނީ؟
2024
04 July 2024
ޢައްޑޫ ހައުދަ ރިވެތިއޭ..... ބޮއިހަލަކި
އަފިރިން
04 July 2024
ކިހާރިވެތި. ބޮކިދަޑިއެއްގައި އަތްޖެހިނަސް ކަރަންޓްގައި ޖެހޭ. ކަށިކުބުރު ވަލެއްނު ތިޔައީ؟
ލުބޯ
03 July 2024
ތިހުރިހައި ހާސަރުތަކެއް ނުދަމާ ޤޯސްކޮށް ހުރިކަމެއްވީޔާ ރަގަޅުކުރީމާ ނިމުނީ.